A wide advertisement which will be shown on all devices. (700 x 100)

ސްކޫލް ޗުއްޓީ ބަދަލުކުރުމުން އައު ހާލަތު ތަޖުރިބާ ކޮށްލަމާ!

ރާއްޖެއަށް ވާރޭވެހިފައިވާ ގޮތް - ގްރާފް ޑރ.ފަވާޒު

ރާއްޖޭގެ ސްކޫލްތަކުގެ ބޮޑު ޗުއްޓީ ޑިސެމްބަރުން ޖުލައި މަހަށް ބަދަލުކުރި ފުރަތަމަ ފަހަރު އަދި ކިރިޔާ ފެށުނީއެވެ. މިއަހަރުގެ ދިރާސީ ބޮޑު ޗުއްޓީ ފެށުނީ ނިމުނު ބުރާސްފަތި ދުވަހަށް (30 ޖޫން 2022)ގެ ފަހު އެވެ. ފަސް ހަފުތާގެ މިޗުއްޓީ ނިމި ސްކޫލްތައް އަލުން ހުޅުވެނީ 7 އޮގަސްޓްގައެވެ. އެހެން ގޮތަކަށް ބުނާނަމަ މި ޖުލައި މަސް އެއީ މިފަހަރުގެ ބޮޑު ޗުއްޓީއެވެ.

މީގެ ކުރިން ބޮޑު ޗުއްޓީ އޮންނަނީ ނޮވެމްބަރު މަހުފަހުކޮޅުން ފެށިގެން ޖެނުއަރީ މަހުގެ ކުރީ ކޮޅާއި ހަމަޔަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން ސާވޭތަކެއްކޮށް، އެއިގެ ނަތީޖާއަށް ބަލައި ނިންމީ ޖުލައި މަހުން އޮގަސްޓް މަހަށް ބޮޑު ޗުއްޓީ ބަދަލުކުރުމަށެވެ.

ރާއްޖޭގެ މޫސުން 2022 ޖުލައި 3

މި ނިންމުމުގެ މައިގަނޑު އެއް ބޭނުމަކަށް ވެފައި އޮތީ ރާއްޖޭގެ އެނެމް ގިނަ ކުދިން ހަދާ ބޭރުގެ އިމްތިހާނު ކަމަށްވާ ކެމްބްރިޖް އޯލެވެލް އިމްތިހާނު ނިމޭ ހިސާބަށް ބޮޑު ޗުއްޓީ ދިމާވާގޮތް ހެދުމެވެ. އަނެއް ބޭނުމަކަށް ވެފައި އޮތީ ފަތުރުވެރިކަމުގެ ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހިންގެ ގިނަބަޔަކަށް އާއިލާއާއި އެކު ޗުއްޓީއަށް ދިއުމުގެ ފުރުސަތު ފަހިކޮށް ދިނުމެވެ. ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބާރު ބޮޑު ދުވަސްވަރަށް ވުމާއެކު އެދުވަސްވަރު ގިނަބަޔަކަށް ރިޒޯޓުތަކުން ޗުއްޓީ ދިނުމަށް ދަތިވުމާއި ޖުލައި އިން އޮގަސްޓް އަކީ ރާއްޖޭގެ ފަތުރުވެރިކަން ދަށް ދުވަސްތަކަށް ވުމުން ޗުއްޓީއަށް ދިއުމަށް އެމުވައްޒަފުންނާއި އާއިލާތަކަށް ފަސޭހަވުން ހިމެނެއެވެ.

މިއާއެކު ކިޔަވާ ކުދިންނާއި އެމީހުންގެ ބެލެނިވެރިން (ރިޒޯޓް މުވައްޒަފުންނާއި އެނޫންވެސް މުވައްޒަފުން)ނަށް ވެސް ރާއްޖެއާއި ރާއްޖެއިން ބޭރަށް ދާން ފްލައިޓް ދަތުރުތަކަށް ޓިކެޓް ހޯދުމުގައި ފަސޭހަވެގެން ދާނެކަމަށް ބެލެވެއެވެ. އެގޮތުން ގިނަ އާއިލާތަކަށް އެކުގައި ވަގުތު ހޭދަކޮށްލުމަށް ލިބޭ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވެސް ބެލެވެއެވެ.

ރާއްޖޭގެ މޫސުން 2022 ޖުލައި 3- މެޓް އޮފީސް

މީގެ އިތުރުން ވެސް ވިސްނާލަންޖެހޭ ކަމަކީ މިގޮތަށް ސްކޫލް ޗުއްޓީ ބަދަލުކުރުމުން ސްކޫލް ޗުއްޓީ، ބޮޑު ދެ ޗުއްޓީއަށް ބެހިގެންދާ ކަމެވެ. އެއީ ޖުލައި އިން އޮގަސްޓް އަށް 5 ހަފުތާގެ ޗުއްޓީ އާއި ޑިސެމްބަރުން ޖެނުއަރީއަށް 3 ހަފުތާގެ ޗުއްޓީއެއް މިނިމޭ ދިރާސީ އަހަރުގައި ލިބޭތީއެވެ. އާއްމުކޮށް މީހުން ޗުއްޓީގެ ގޮތުގައި ހޭދަކުރަނީ 1 ހަފުތާ އާއި 2 ހަފުތާގެ މިންވަރެވެ. އެމެރިކާގެ މަސައްކަތު މީހުންގެ މުސާރަ ލިބޭ ޗުއްޓީގެ އެވްރެޖް މުއްދަތަކީ އަހަރަކަށް 10 ދުވަހެވެ. ވުމާއެކު ތިން ހަފްތާ (21 ދުވަހުގެ) ގެ ޗުއްޓީއަކީ ވެސް ދިގު ޗުއްޓީއެކެވެ. އަދި 5 ފަހުތާ (35 ދުވަސް)އަކީ ވަރަށް ދިގު ޗުއްޓީއެކެވެ. ދަތުރުފަތުރުގެ ދަތިތަކަށް ބައެއް ދުވަސްތައް ކަނޑާލިއަސް މިލިބޭ ޗުއްޓީ ކުރެއް ނޫނެވެ.

ދެން އޮތީ މޫސުން ގޯސްވުމުން ޗުއްޓީގެ ދުވަސްތަކުގައި ގޭގައި ބަންދުވެގެން ތިބެން ޖެހޭ ކަމުގެ ޝަކުވާއެވެ. މިޝަކުވާއަކީ ޖުލައި އިން އޮގަސްޓް އަށް ބެލިޔަސް އަދި ނޮވެމްބަރުން ޖެނުއަރީއަށް ވިޔަސް ދިވެހިރާއްޖެއަށް ކުރިމަތިލާން ޖެހިފައި އޮތް ކަމެއްކަން ތަފާސް ހިސާބުތަކުން ސާބިތުވެއެވެ. އަދި ނޮވެމްބަރު އާއި ޑިސެމްބަރުގައި ވެސް ރާއްޖެއަށް މޫސުން ގޯސްވެ ދަތުރުފަތުރު ނުކުރެވި ޖެހިޖެހިގެން 2-3 ދުވަސް ވެސް އަންނަކަން ގިނަ މީހުންގެ ހަނދާނުގައި ހުންނާނެއެވެ.

ހުޅަނގު މޫސުން ކަމަށް ބަލާ ގޮތް

ފާއިތުވި 20 އަހަރު (2020-2000) ރާއްޖެއަށް ވާރޭ ވެހިފައިވާ ގޮތަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ސެޕްޓެމްބަރު މަހާއި އޮކްޓޯބަރު މަހުގައެވެ. ޖޫން އަދި ޖުލައި މަހުގެ އެވްރެޖް އާއި މީޑިއަން ވެސް ނޮވެމްބަރު އަދި ޑިސެމްބަރު މަހަށް ވުރެ މާބޮޑުތަން ވެސް ދަށެވެ. ވުމާއެކު ޗުއްޓީ މަހުގެ (ޖުލައި) ފުރަތަމަ ދެތިން ދުވަހަކު މޫސުން ގޯސްވިޔަސް އެއީ މުޅި މަހުގެ ހާލަތު އޮންނަ ގޮތް ކަމަށް ނިންމޭކަށް ނެތެވެ. ކުރިޔަށް ހުރި ދުވަސްތަކުގެ މޫސުމަށް ވެގެން ދާގޮތް ބަލަން ވެސް ކެތްތެރިކަން އިސްނުކުރެވި ހިތުހުރި އެއްޗެއް ގޮވަން ފަށާކަށް އަދި ނުވެއެވެ. ހުރިހާ ދިމާލަކުން ވެސް ފިކުރު ހިންގާށެވެ. އަދި ކުރިޔަށް ހުރި ދުވަސްތަކުގައި ވާގޮތެއް ބެލުން ބުއްދިވެރިއެވެ.

ރާއްޖެއަށް ވާރޭވެހިފައިވާ ގޮތް 2000-2020 އަސް – ގްރާފް:ޑރ.ފަވާޒު

މަތީގައި އެވާ ޗާޓުން އެދައްކަނީ ރާއްޖޭގެ މޫސުން އެންމެ ބޮޑަށް ބިނާވާ ވާރޭވެހޭ މިންވަރު އެކި މަސްކަތަކުގައި ހުރި މިންވަރެވެ. ކުރިގަިއ ބުނެވުނު ގިނައިން ވާރޭވެހޭ ދުވަސްތައް ސާފުވެގެން ދެއެވެ.

ކުރީ ޒަމާނުގައި ތަފާސްހިސާބުގެ މައްޗަށް ބުރަވުމެއް ނެތި ހިތު ލަފަޔަށް ބުނަމުން އައި ޖޫން-ޖުލައި ގެ ގަދަ ވާހަކައަށް މިހާރު މުޅިން ބަރޯސާވެވެން ނެތްކަން އެގެން އެއޮތީއެވެ.

ތެދެކެވެ. ޖޫން އަދި ޖުލައި މަހުގައި ވެސް ރާއްޖެއަށް މޫސުން ގޯސްވެއެވެ. އަދި ހަމަ އެގޮތަށް ނޮވެމްބަރު، ޑިސެމްބަރު އަދި ޖެނުއަރީގައި ވެސް ރާއްޖެގެ މޫސުން ގޯސްވެއެވެ. އެކަން މޫސުމާއި ބެހޭ އިދާރާގެ ޔެލޯ އެލާޓާއި ވައިޓް އެލާޓްތަކުން އެނގެއެވެ.

ރާއްޖެއަށް މޫސުން ގޯސަވަނީ ހަމައެކަނި ޖުލައި މަހަކު ނޫން. ނޮވެމްބަރު އަދި ޑިސެމްބަރުގައި ވެސް މޫސުން ގޯސްވޭ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !


  • Anonymous

    ޑިސެމްބަރުން ޖެނުއަރީއަށް 3 ހަފުތާގެ ޗުއްޓީއެއް ނުލިބޭ އިނގޭތޯ. ލިބެނީ 2 ހަފްތާގެ ޗުއްޓީ. އެކަޑަމިކް ކަލަންޑަަރު ބައްލަވާ. ތެދު މަޢުލޫމާތު ހާމަކުރައްވާ.
    ކެލާ އަޙުމަދު ވަޙީދު ޢަލީ

    • Anonymous

      2021-2022 ގެ ދިރާސީ އަހަރުގައި ޑިސެމްބަރު މަހު 26 އިން ޖެނުއަރީ 15 އަށް 3 ހަފުތާގެ ޗުއްޓީ އޮތް ކަން ސާފުވޭ. ވަހީދު ތިބުނުއްވީ ކުރިޔަށް އޮތް 2022-2023 ވަނަ އަހަރުގެ ޗުއްޓީގެ ވާހަކަ ކަމަށްވެދާނެއެވެ. ލިޔުންތެރިޔާ ގެ މައުލުމާތު ރަނގަޅު.
      ޚާލިދު