A wide advertisement which will be shown on all devices. (700 x 100)

ސިއްރުން މިހިތާ ކުޅެލީ… 4

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު

ހަތަރު ވަނަ ބައި

ކާބައިގެ ދޮރުމައްޗަށް ހުއްޓުނު ޙަމްދާންގެ ފިޔަވަޅު ހުއްޓުމަކަށް އައީ ރާފިއުއާ އެކީ މޭޒުދޮށުގައި އިށީނދެ އިން އަންހެން ކުއްޖާ ފެނުމުންނެވެ. ކޮނޑާ ހަމައަށް ކޮށާލާފައިވާ ފަން އިސްތަށިކޮޅުން ބައެއް މޫނުމައްޗަށް އެޅިފައި އޮތުމުން އަރި މައްޗަކުން މޫނު އެހާ ރީތިކޮށެއް ނުފެނެއެވެ. ލައިގެން އިނީ ކުރު ޓޮޕުކޮޅެކެވެ. އިށީނދެގެން އިން އިރު ޓޮޕުކޮޅު ކުރުކަމުން ޖިންސާ ޓޮޕުގެ ފަސްބަޔާ ދެމެދުން ބުރަކަށި ހާމަވާން ހުއްޓެވެ.

އެމީހުންނަށް ޙަމްދާން އެތަނަށް  ވަންކަން އެނގުމުގެ ކުރިން ޙަމްދާން އެނބުރިލާފަ ދާން ހިނގައިގަތެވެ.

“ޙަމްދާން!”

ހިނގައިގަތް ޙަމްދާން ހުއްޓުނީ ރާފިއު ގޮވައިލުމުންނެވެ. އެހެންކަމުން ގޮސް ރާފިއުމެން އިށީނދެގެން ތިބި މޭޒުގެ ކޮޅު ގޮނޑީގައި ޙަމްދާން ވެސް އިށީނދެއްޖެއެވެ. އަދި ރާފިއު އަށާ ދެން އެތާއިން އަންހެން ކުއްޖާއަށް ހީނލަމުން ފެންފުޅި ނަގާ ތައްޓަކަށް ފެން އަޅަން ފެށިއެވެ.

މިއީ ޝީލާ! އަހަރެންގެ ކޮއްކޮގެ ބެސްޓް ބަޑީ!”

ރާފިއު ޙަމްދާންއަށް އެ އަންހެން ކުއްޖާ ތަޢާރަފު ކޮށްދިނެވެ. އެވަގުތު ޝީލާ އަތް ދިއްކުރީ ޙަމްދާންއާ ދިމާއަށެވެ.

“ޙަމްދާން”

އަމިއްލަ ތަޢާރަފު ދެމުން ޙަމްދާން ވެސް އެ އަންހެން ކުއްޖާއާ ދިމާއަށް އަތް ދަމައިލާ ސަލާމް ކުރިއެވެ.

އޭގެ ފަހުން ޝީލާ އެ އެޕާޓްމެންޓަށް އައިސް ގޮސްވުން ޢާންމު ކަމަކަށް ވިއެވެ. ރާފިއުގެ ކޮއްކޮގެ ބެސްޓްފްރެންޑަށް ވުމުގެ އިތުރުން ވެސް ރާފިއުއާ ޝިލާއާ ދެމެދު އޮތީ ވަރަށް ގާތް ގުޅުމެކެވެ. އެ ގުޅުމުގެ ތެރެއަށް ވަންނަން ޙަމްދާންއަށް މަޖުބޫރުކުރީ ޝީލާއެވެ. ފާޅުގައި ޙަމްދާން ދެކެ ލޯބިވާކަމަށް ޝީލާ ހާމަ ކުރި އިރު ޙަމްދާންގެ ހިތުގައި ޝީލާއަށް ޓަކައި އެފަދަ އެއްވެސް އިޙުސާސެއް ނުހިނގައެވެ. އެހެންނަމަވެސް ޙަމްދާންގެ ހިތުގައި ޝީލާއަށް ޝައުޤުވެރިކަން ދެވުނީ އެއްފަހަރަކު ބަލިވެ ހޮސްޕިޓަލުގައި ބޭއްވުމުން ކަންތައް ހިނގައިދިޔަ ގޮތުންނެވެ.

މައިންބަފައިންނާ ޢާއިލާއާ ވަކިން ހޮސްޕިޓަލެއްގައި އެޑްމިޓްކުރުމުން ޙަމްދާން ވަރަށް ކަންބޮޑުވިއެވެ. މަންމައަށް ގުޅާފަ ގެންނަން އުޅުމުން އެކަން މަނާ ކުރީ ރާފިއު އެވެ.

“ކީއްކުރަން ދެތިން ދުވަހަށް މަންމަ ގެންނަންވީ! އަހަރެން މިހިރީނު!”

ރާފިއު ޙަމްދާންގެ ހިތް ހަމަޖައްސައިދޭން އެހެން ބުންޏަސް ޙަމްދާންގެ ކަންބޮޑުވުމަކަށް ނިމުމެއް ނައެވެ.

ކިހިނެތް ރާފިއު ކުލާސް ދޫކޮށްލާފަ އައިސް އަބަދު އަހަރެން ގާތު އިންނާނީ!”

ހުމާ ފިހިފިހި އޮތް ޙަމްދާންއަށް ޖަވާބު ދެވުނީ ވެސް އުދަނގުލުންނެވެ.

“ޝީލާވެސް އެހެރީނު! ދެމީހުން ވީމަ އުނދަގުލެއް ނުވާނެ! ހުން ރަނގަޅިއްޔާ ދެތިން ދުވަހަށް ބަލާފަ ފޮނުވާލާނަމޭ ޑޮކްޓަރ ބުނުއްވީ!”

ރާފިއު ގޮތް ދޫނުކުރުމުން މަންމަ ގެނައުމުގެ ވިސްނުން ޙަމްދާން ވެސް ދޫކޮށްލިއެވެ.

ޝީލާ ޙަމްދާންއަށް ވަރަށް ރަނގަޅެވެ. ކޮލެޖްގައި ހޭދަ ކުރަން ޖެހޭ ވަގުތުތައް ފިޔަވައި ގިނަ ވަގުތު ޝީލާ ހޭދަ ކުރަނީ ހޮސްޕިޓަލުގައެވެ. ޙަމްދާން ހޮސްޕިޓަލުން ދޫކުރި އިރު އެ ދެމީހުންނަކީ ދެ ލޯބި ވެރިންނަށް ނުވިޔަސް ޙަމްދާންގެ ހިތުގައި ވެސް ޝީލާއާ މެދު އިޙުސާސްތަކެއް ހިނގައެވެ.

ދުވަސްތައް ކުރިޔަށް ދިޔަވަރަކަށް ޙަމްދާންއާ ޝީލާގެ އޮތް ގުޅުން އައީ ފުޅާވަމުންނެވެ. އެހެންނަމަވެސް އެކަން އިތުރު މީހަކަށް އަންގާކަށް ޝީލާ ބޭނުމެއް ނުވެއެވެ. އެންމެ ކުޑަމިނުން ރާފިއު އަކަށް ވެސް މިކަމެއް ނޭނގެއެވެ.

ޝީލާގެ މަޅީގައި ޙަމްދާން ރަނގަޅަށް ޖެއްސުމަށްފަހު ޝީލާ އެދުނީ ކައިވެނި އަވަސް ކުރުމަށެވެ. ރާފިއު ގާތު ޙަމްދާން އެވާހަކަ ދެއްކީ އެ ހިސާބުންނެވެ. ޙަމްދާންއަށް ފެނުނީ ޙަމްދާންގެ އަޑު އިވުމުން ރާފިއު ހުއްޓުން އެރިތަނެވެ. ތިއީ ކޮން އިރަކު ހިނގަން ފެށިކަމެއްތޯއާ ޝީލާ އެނގެނީ ކިހާވަރަކަށްތޯ ތަކުރާރުކޮށް ރާފިއު އެހިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ރާފިއު ވީއިރު މިވަރުގެ ކަމެއް މިހިސާބަށް އައި އިރު ނުބުނީތީ ރާފިއު އެތައް ޝަކުވާއެއް ކުރިއެވެ. ރާފިއުއަށް ދޭނެ މާގިނަ ޖަވާބުތަކެއް ޙަމްދާން އަތަކު ނެތެވެ. އެހެންކަމުން ރާފިއުގެ ގިނަ ސުވާލުތަކަށް ޙަމްދާން އިޚުތިޔާރު ކުރީ ހިމޭންކަމެވެ.

ކުރު ޗުއްޓީއަކަށް ޝީލާއާއެކު ޙަމްދާން މާލެއައީ ކައިވެނި ކުރުމުގެ ބޭނުމުގައެވެ. މައިންބަފައިންނަށް ޝީލާއާ ބެހޭ މާގިނަ މައުލޫމާތުތަކެއް ނޭނގުނު ނަމަވެސް އަމިއްލަ ދަރިފުޅުގެ އުފަލަށްޓަކައި އެމީހުން އެ ކައިވެންޏާ އެއްބަސްވީއެވެ. ރުހިގެނެއްނޫނެވެ.

އެނބުރި ލަންކާއަށް ޙަމްދާންއާ ޝީލާ ދިޔައީ ދެމަފިރިންގެ ގޮތުގައެވެ. އެހެންނަމަވެސް މިފަހަރު އެމީހުން ދިޔައީ ކުރިން އުޅެމުންދިޔަ ފްލެޓަކަށް ނޫނެވެ. ޝީލާގެ އެދުމުގެ މަތިން އެމީހުންނަށް ބޮޑަށް މިނިވަންހިތާކަން ލިބޭނީ އެކަނި އުޅުމުން ކަމަށް ޙަމްދާންއަށް ވެސް ފެންނާތީ އެ ގޮތަށް އެކަން ކުރީއެވެ.

ޙަމްދާންމެން މާލެއިން އެނބުރި އައިކަން ވެސް ރާފިއުއަށް އެނގުނީ ކޮލެޖުން ދިމާވުމުންނެވެ. އުޅޭ ތަނަކާ ބެހޭގޮތުން ރާފިއު ސުވާލުކުރުމުން ޙަމްދާން ބުނީ އެހެންތަނެއް ހޯދީ ދެމަފިރިއަކަށް މިނިވަންކަން ލިބޭނީ އެކަނި އުޅުމުންކަމަށް ވާތީ ކަމަށެވެ. ހެމުން ހެމުން ސަމާސާ ރާގުގައި ޙަމްދާން އެހެން ބުންޏަސް ރާފިއު ހުރީ ހިތުގައި ޖެހިފައެވެ. އެންމެ ގާތް އެކުވެރިޔާ އޭނާ ދުރުކޮށްލި ވަރު ހިތަށް އެރުމުން ބެހެއްޓި ހިސާބެއްގައި ހުންނަން ރާފިއު ނިންމިއެވެ.

ޙަޤީގަތަކީ އެ ގޮތަށް ރާފިއުއާ ޙަމްދާން ދުރުކުރުން އެއީ ޝީލާ ބޭނުންވާ ގޮތްކަމެވެ. އޭގެ އިތުރުން ޝީލާ ފަދަ ކެހިވެރި އަންހެނެއްގެ ދަލުގައި ރަޙުމަތްތެރިޔާ ޖެހުނީތީ ރާފިޢު ވީދެރަ މާބޮޑެވެ.

ޙަމްދާންމެން ވަކިން ތަނަކަށް ބަދަލުވުމުން ކުރިން އުޅުނުގެއަށް ކައްކާ، ގެ ސާފުކޮށްދީ ހަދަން ދިޔަ މީހާ ވެސް އެމީހާގެ މަސައްކަތް އެގެއަށް ބަދަލު ކުރީއެވެ. އެހެން ހެދުމުން ޝީލާއަށް ކުރަން ޖެހޭނީ ޙަމްދާންގެ ވަރަށް މަދު ކަމެކެވެ. ކުރިން އާދަ ވެފައި ހުރުމުގެ ސަބަބުން ލާން ބޭނުންވާ އަންނައުނު ވެސް އިސްތިރި ކުރާނީ ވެސް ޙަމްދާންއެވެ. ކޮންމެ ގޮތެއް ވިޔަސް ޙަމްދާންއާ ޝީލާ އެ ކޮޅުގައި ހޭދަ ކުރި ދުވަސްކޮޅަކީ ވަރަށް އުފާވެރި މައްސަލައެއް ނެތް ދުވަސްކޮޅެކެވެ.

ކޯސް ނިމުމުން މާލެ އައުމުގެ ކުރިން އެމީހުން މާމުއިހަނދުގެ ދުވަސްތައް ހޭދަ ކުރަން ދިޔައީ ބާލީއަށެވެ. އެއީ ދުވަހަކު ވެސް ޙަމްދާންގެ ހިތުން ނުފިލާނެ ރަން ދުވަސްތަކެކެވެ. އަންހެނެއްގެ ފަރާތުން ލިބޭ ޙަޤީގީ އުފަލަކީ ކޮބައިކަން ޙަމްދާންއަށް ދަސްކޮށްދިން ފަރާތަކީ ޝީލާއެވެ. ޝީލާގެ މަތިން ޙަމްދާން ފޫހި ނުވެގެން އުޅޭ ސަބަބަކީ ވެސް މިއީ ކަމަށްވެދާނެއެވެ.

ހަނީމޫން ނިންމުމަށްފަހު ޝީލާގެ ރަށުން ވަޒީފާ ހޯދައިގެން އެރަށަށް ބަދަލުވި ބަދަލު ވުމަކީ ޙަމްދާންގެ އަމިއްލަ ނިންމުމެކެވެ. ޝީލާ ބޭނުންވީ މާލޭގެ ސްކޫލަކުންވަޒީފާ ހޯދުމެވެ. އެހެންނަމަވެސް ވަޒީފާގެ ތަޖުރިބާ ނެތުމާއެކު އެކަން ފަސޭހަ ކަމަކަށްނުވީއެވެ.

އުދަވަމުން ދިޔަ އިރުގެ ރަންއަލި ކަނޑުގެ ސަޠަހާގައި ބީހެމުން ދިޔަ މަންޒަރަށް ބަލަހައްޓައިގެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިން ޙަމްދާންއަށް ހޭވެރިކަންވީ ފަހތުން މީހަކު ކަރުކެލިއަޑަށެވެ. އެއްފަހަރަކު ވެސް ނޫނެވެ. ދެތިން ފަހަރެވެ.

“ހާދަ ފުނަށް ފީނައިގެން އިންހެން ހީވެޔޭ!”

އަތުގައި އޮތް ކޮތަޅު ފަހަތަށް ލައި ފޮރުވަމުން ހައްޖަ އިށީނީ ޙަމްދާން އިށީނދެގެން އިން ގަސްބުޑުގެ ތަންކޮޅެއް ދުރުގައެވެ.

ޙަމްދާން ހީނލީ ހައްޖަގެ މޫނަށް ނުބަލަންވެގެން ދެލޯ ދުރަށް ހުއްޓާލަމުންނެވެ.

“ކީއްކުރަން ރޭގަ ގުޅީ!”

އެއީ ހައްޖަ ކުރާނެ ސުވާލެއްކަން ހައްޖަ ފެނުމާއެކު ވެސް ޙަމްދާންއަށް އެނގުނެވެ.

“ޝީލާ ހުރީ ފާޚާނާގަ! ގުޅި އިރު އަހަންނަކަށް އެކަމެއް ނޭނގެ! ކޮޓަރިއަށް ވަންއިރު ފެންނަން ނެތީމަ ތިގޭގަ އުޅޭތޯ ބަލަން….!”

އަނބިމީހާ ބޭޒާރުވެ ލަދު ގަންނަ ކަހަލަ އަޑެއް އަރާކަހަލަ ކަމެއް ކުރާކަށް ޙަމަދާން ބޭނުމެއް ނޫނެވެ. ޙަމްދާންގެ ޖަވާބު އިވުމުން ހައްޖަ ޙަމްދާންއާ ދިމާއަށް ބަލައިލީ މާނަފުން ނަޒަރަކުންނެވެ. އެއަށްފަހު އެއްވެސް އެއްޗެއް ނުބުނެ ދެމީހުން ހިމޭން ކަންމަތީ އިރުކޮޅަކު ތިއްބެވެ.

އެ ހިމޭން ކަމުން އުދަނގޫވެގެން ދާންވެގެން ތެދުވީ ޙަމްދާންއެވެ.

“ތި ގޮތަށް ޝީލާ ދިފާޢު ކުރާނީ ކިހާ ދުވަހެއް ވަންދެން!”

ދަނީކަމަށް ބުނެ ޙަމްދާން ހިނގައިގަތުމުން އިންގޮތަށް އިނދެ ހައްޖަ ބުނި އަޑުއިވުނެވެ. ޙަމްދާންގެ ހިނގުމަށް މަޑުޖެހިލުމެއް ވެސް އައެވެ. އެހެންނަމަވެސް އަޑު ނީވޭ ކަމަށް ހަދާފާއި ޙަމްދާން ފިޔަވަޅު އެޅީ ކުރިއަށެވެ.

ގެއާ ދިމާއަށް ހިނގާލާފައި ދިޔަ ޙަމްދާން އާދައިގެ ވަރަށްވުރެ ހިނގުން ބާރުކޮށްލީ އަތުގައި އޮތްގަޑިއަށް ބަލައިލުމަށްފަހުއެވެ. ގޭގެ ދޮރުން ފުރަތަމަ އެޅި ފިޔަވަޅާއެކު ޙަމްދާންގެ ކަންފަތުގައި ޖެހުނީ ޝީލާގެ މަންމަގެ އަޑެވެ.

“ތި އުޅެވޭ ގޮތާ ދޭތެރޭ ދަރިފުޅު އަދި ދެރަވާނެ! ތިމާގެ އަމިއްލަ ޙަލާލު ފިރިމީހާ ހުއްޓާ ތި ގޮތަށް ރޭގަނޑު އެތައް ދަމެއް ވަންދެން ….. ރަނގަޅު މީހަކު ނޫޅޭނެ!”

“މީކީ މަންމައަކާ ބެހޭ ކަމެއްނޫން!…. ދިސް އިސް މައި ލައިފް!”

ފަރުވާކުޑަގޮތަކަށް ޖަވާބު ދިނުމަށްފަހު އިވުނީ ޝީލާ ނިކުމެގެން ހިނގައިގަތް އަޑެވެ.

ނިކުމެގެން ދިޔަ ޝީލާއަށް މޮޅިވެރި ގޮތަކަށް ބަލަހައްޓައިގެން ހުރި ޝީލާގެ މަންމަ ޙަމްދާންއަށް ފެނުނީ ބަދިގެ ހުރަސްކޮށް ގެއަށްވަންނަން ދިޔައިރުއެވެ.

ކުރީރޭގެ ޙަޤީގަތް ޙަމްދާންއަށް ރަނގަޅަށް ސާފުވީ އެ ދުވަހު ސްކޫލަށް ނިކުތުމުންނެވެ.

“އޭ ކިހިނެތްތަ ހަދައިގެން ތިއުޅެނީ!”

ކޮފީއަށް އޯޑަރ ކުރަމަށްފަހު އެއްފަރާތެއްގައި ހުރި މޭޒެއްގެ ކައިރީ އިށީންނަމުން އަހުމަދު ބުންޏެވެ. ބްރޭކް ގަޑި ލިބުމުން ކައިރީގައި ހުންނަ ކެފޭއަށް އަބަދުވެސް ޙަމްދާން އަންނާނީ ފިޒިކްސް ޓިޗަރ އަހުމަދާއެކުގައެވެ.

ޙަމްދާން ބަލައިލީ އެއްވެސް އެއްޗެއް ނެނގޭ ކަމަށް ހެދެމުންނެވެ.

“ދެޓްސް ޓޫމަޗް އިނގޭ ޙަމްދާން!”

އަހުމަދުގެ ވާހަކަ ހުރީ ވިސްނައިދޭ ފަދަ ރާގަކަށެވެ.

“ކިހިނެއްވީ އަހައްމަދާ! …. ނިކަން ކިޔާބަލަ ތި ކިޔާއެއްޗެއް!”

ތަންކޮޅެއް އަޑުމަޑުކުރަމުން ޙަމްދާން ވެސް މި ފަހަރު ޝައުގުވެރިކަން ފާޅުކުރިއެވެ.

“ކޮބާތަ ޝީލާ!”

އަހުމަދު ބަލައިލީ ސީދާ ޙަމްދާންގެ ލޮލަށެވެ.

“ކުލާހުގަ ނު މިގަޑީގަ ހުންނާނީ!

ވަރަށް ޔަގީންކަމާއެކު ޙަމްދާން ޖަވާބު ދިނެވެ.

“ތިއޭ މަ މިބުނާ ވާހަކަ އަކީ! ޙަމްދާންއަކަށް ނޭނގުނެއްނު މިއަދު ޝިލާ ސްކޫލަށް ނާންނަ ކަމެއްވެސް! ….. އެނގޭތަ ދެން މިއަދު ސްކޫލަށް ޙާޒިރު ނުވަނީ ކާކުކަން!”

އަހުމަދު ބުނަން އެ އުޅެނީ ކީކޭކަން ގާތްގަނޑަކަށް ޙަމްދާންއަށް ޔަގީނެވެ. އެހެންކަމުން އިސްދަށަށް ޖަހާލެވުނީއެވެ. އަސްލުގައި ޙަމްދާންގެ ޖަވާބެއް އަހުމަދު މި ފަހަރު ބޭނުމެއް ވެސް ނޫނެވެ.

“ޝީލާގެ ލޯބިވެރިޔާ ސޫރަޖު!”

އަހުމަދުގެ އަޑު އިވުމާއެކު ޙަމްދާންއަށް އިންތަނުން ފުންމައިގެން ތެދު ވެވުނީއެވެ. އެހެންނަމަވެސް ހަމައެ ސިކުންތުގައި އަލުން ގޮނޑި ތަންކޮޅެއް ދުރުކޮށްލަމުން އިށީނެވެ.

އަހުމަދު ބަލައިލީ ލަދުން މޫނު ދައްކަން ނުކެރި އިން ޙަމްދާންއަށެވެ. ހަމްދަރުދީގެ ނަޒަރަކުންނެވެ. ޙަމްދާން އެރަށަށް ވަޒީފާއަށް އައީއްސުރެ އަހުމަދަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބަލާމީހާއެވެ. އެކަން އަހުމަދު ދަނެއެވެ. އެހެންކަމުން އަހުމަދުގެ ހިތުގައި ހަމްދާންއަށްޓަކައި ވަނީ ކަންބޮޑުވުމެވެ.

“ޝީލާއަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުއްޖެއް! އެކަކަށްޓަކައި މާގިނަ ދުވަހަކު ނުހުރެވޭނެ!

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !