ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ބެލެވި މޮނިޓަރިންއަށް ލާފައިވާ ފުވައްމުލައް ސިޓީ މޮނިޓަރިންއިން ނަގާނީ ކޮން އިރަކުތޯ ރަށުގެ ގިނަބަޔަކު ސުވާލުކުރަން ފަށައިފިއެވެ.
މިކަމާއި ގުޅިގެން އާއްމުން ސުވާލުކުރަން ފެށީ ފުވައްމުލައް ސިޓީއިން ފެނުނު ކަމަށް ބެލެވޭ 3 ކްލަސްޓާގެ ކޮންޓެކްޓް ޓްރޭސިން ނިމިފައިވާތީއެވެ. ކުރިން އެޗްޕީއޭއިން މީޑިއާގައި ބުނެފައި ވަނީ މޮނިޓަރިންއަށް ރަށްތައް ލެވެނީ ކޮންޓެކްޓް ޓްރޭސިން ނިމެންދެނެ ކަމަށެވެ. އެގޮތުން ބަލާއިރު ފުވައްމުލައް ސިޓީގައި ކޮންޓެކްޓް ޓްރޭސިން ނިމިފައިވާކަމަށް އިއްޔެ ރެއާއި ރޭ ބޭއްވި ފުވައްމުލައް އީއޯސީ ނޫސް ކޮންފަރެންސްގައި ވަނީ ހާމަކުރައްވާފައެވެ.
ރޭގެ މީޑިއާ ބްރިފިންގައި ވެސް ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ވިދާޅުވީ އެޗްޕީއޭގެ މޮނިޓަރިން ހާލަތަށް ރަށެއް މިގެނެވެނީ އެރަށެއްގެ ކޮމިއުނީޓީއިން ކޮވިޑްގެ ބަލި މީހުން ފެނުމުން ކަމަށެވެ. އެގޮތުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މިހުންނާއި އެއްތާވެ ނުވަތަ ކޮންޓެކްޓްވެފައިވާ މީހުން ދެނަގަތުމަށް ކަމަށެވެ.
“މޮނިޓަރިން ހާލަތަހަ ރަށަށް މިއެނީ ރަށަކުން ޕޮޒިޓިވް ކޭސް އަށް، މާނައކީ ފުރަބަންދެން ނުން، އެހެންފަހެނާސް އެހެންގޮތަކަހަ ގޮހޮ ސާމަޕްލަށް ޕޮޒިޓިވް ވޭ ހިސާބެން އިތިރަހަ އެރަށެކި ސްޕްރެޑް އޮވެފެންނެން ކަމަހަ ބަލާ އެޓްރޭސިން ހެދުމުގެ ފަސޭހާއްޓަކައި ރަށުގެ މުވްމެންޓް ރެސްޓްރިކްޝަނަކަހަ މިގިނެނީ. އެގޮތެން މޮނިޓަރިން ޙާލަތަހަ މިގިނެނީ” ފުވައްމުލަކު ހޮސްޕިޓަލުގެ ސީނިއަރ ޕަބްލިކް ހެލްތު އޮފިސަރ އާމިނަތު އަހުމަދު ރަށުބަހުން ވިދާޅުވިއެވެ.
މިހާރު ވަނީ 3 ކްލަސްޓާއާއި ގުޅިގެން ކޮންޓްކްޓް ޓްރޭސިން ހަދާނިމި، ހުރިހާ ފަރާތެއްގެ ވެސް ފުރަތަމަ ސާމްޕަލް ނަގާ ނިމިފައި ކަމަށް ވެސް އާމިނަތު ހާމަކުރެއްވިއެވެ.
އިއްޔެ ބޮޑަށް ކުރިޔަށް ދިޔައީ ކޮމިއުނީޓިއިން ފުރަތަމަ ޕޮޒިޓިވްވި ކޭސް އާއި ގުޅިގެން ނަގަންޖެހޭ ދެވަނަ ސާމްޕަލް ނުވަތަ ރިލީޒް ސާމަޕަލް ނެގުމުގެ މަސައްކަތް ކަމަށެވެ. އެސާމްޕަލްތަކުގެ ނަތީޖާއަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި މޮނިޓަރިން ޙާލަތު އުވާލެވިގެންދާނީ މިހާރު ނަގަންފަށާފައިވާ ރޭންޑަމް ސާމްޕަލިންގެ ނަތީޖާތައް އަންނަ ގޮތުން ކަމަށެވެ.
ކޮންޓެކްޓް ޓްރޭސިން ހަދާ ނިމިފައިވިޔަސް ރޭމްޑަމް ސާމްޕަލްތަކުން އުއްމީދު ނުކުރާފަދަ ނަތީޖާއެއް ވެސް ލިބިދާނެ ކަމަށެވެ. އަދި މޮނިޓަރިން ޙާލަތުން ވީއްލުމަށް އެސާމްޕަލްތަކުގެ ނަތީޖާ އިން ފެންނަ ގޮތެއް މުހިންމު ކަމަށެވެ.
ކުރިޔަށް ހުރި ދުވަސްތަކުގައި ފުވައްމުލައް ސިޓީގައި ރޭންޑަމް ސާމަޕަލިން ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އެގޮތުން އިޔެ ވަނީ 50 ސާމްޕަލް ނަގާފައެވެ. އަދި ކޮންމެ ދުވަހަކު މަދުވެގެން 30 ރޭންޑަމް ސާމްޕަލް ނެގުމަށް ހަމަޖެހިފައިވާ ކަމަށް ހާމަކޮށްފައި ވެއެވެ.
ރޭންޑަމް ސާމަޕަލިން އަށް އާއްމުންގެ ފަރާތުން އެއްބާރުލުން ވަރަށް މުހިންމު ކަމަށް މީޑިއާބްރީފިންގައި އެދިފައި ވެއެވެ. ނަމަވެސް މަދުންނަމަވެސް މިހާރު ބައެއް ފަރާތްކުގެ ސާމްޕަލް ނަގަން ދާ ޓީމުތަކުގެ ކުދިންނާއިމެދު ބޭއަދަބީ ގޮތަށް މުއާމަލާތް ކުރާކަމުގެ ޝަކުވާ ލިބޭކަމަށް ފާހަގަ ކުރެއްވިއެވެ.
ޚިޔާލުތައް