A wide advertisement which will be shown on all devices. (700 x 100)

އިތުރު 1000 ޑޯޒް ވެކްސިން ލިބި އިތުރު އުމުރުފުރާތަކަށް މިއަދު ވެކްސިން ޖަހަނީ

މިއަދު ކޮވިޑް-19 ވެކްސިން ދިނުން ޏ.އެއިސީ އާއި އެފްއެސްގައި

ފުވައްމުލައް ސިޓީއަށް އިތުރު 1000 ޑޯޒް ކޮވިޑް-19 ވެކްސިން ލިބިފައިވާ ކަމަށާއި އިތުރު އުމުރުފުރާތަކަށް މިއަދު ވެކްސިން ޖަހަން ފަށާނެކަމަށް ރޭ ބޭއްވި ފުވައްމުލައް އީއޯސީ ނިއުސް ބްރީފިންގައި ހާމާކުރައްވައިފިއެވެ.

ވެކްސިން ޖެހުމުގެ މަސައްކަތް ހަލުއި ކުރުމުގެ ގޮތުން މިއަދު އިތުރު ތަނަކުން ވެކްސިން ޖެހުމަށް ވަނީ ނިންމާފައެވެ. އެގޮތުން ވެކްސިން ޖެހުން މިހާރު ކުރިޔަށް ގެންދާ ޏ.އަތޮޅު ތައުމީމީ މަރުކަޒުގެ ހޯލުގެ އިތުރުން ފުވައްމުލައް ސިޓީގެ އިރުންމަތީ ކޮޅުން ފުވައްމުލަކު ސްކޫލުގައި ވެސް މިއަދު (25 ފެބްރުއަރީ) ވެކްސިން ޖަހަން ފަށާނެ ކަން ވަނީ އިއުލާން ކޮށްފައެވެ.

ޏ.އޭއީސީގައި ވެކްސިން ޖަހަނީ ހެންދުނު 8:30 އިން ހަވީރު 6:00 އަށެވެ. އަދި އެފްއެސްގައި ވެކްސިން ޖަހަނީ ހެނދުނު 9:30 އިން ހަވީރު 6:00 އަށެވެ. މިހާރު ވެކްސިން ޖެހުމަށް ހަމަޖެހިފައި ވަނީ 45 އަހަރުންމަތީގެ ހުރިހާ މީހުންނާއި 30 އހަރުން މަތީގެ ހައިރިސްކް މީހުންނާއި 18 އަހަރުން މަތީގެ ތަލަސީމިއާ މީހުންނަށެވެ.

އަދި އަންނަ ހޮނިހިރު އަދި އާދިއްތަ (27، 28 ފެބްރުއަރީ) ދެ ދުވަހު ރަށުގެ ހުޅަނގު ކޮޅުން އެމްޖޭއެސް ގައި ވެކްސިން ދިނުން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

ފުވައްމުލައް ސިޓީއިން ކޮވިޑް-19 ވެކްސިން ދޭ މަރުކަޒުތައް. މިއަދު ޏ.އޭއީސީ އާއި އެފްއެސްގައި

ދުވާލެއްގެ މައްޗަށް 400 މީހުނަށް ވެކްސިން ޖެހުމުގެ ޓާގެޓެއް ކަނޑައަޅައި އެއަށް މަސައްކަތް ކުރުމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމު އެދިލައްވާފައިވާ ކަމަށް ފުވައްމުލައް އީއޯސީގެ ކުރީގެ މީޑިއާ ބްރިފިން އެއްގައި ހާމަކުރައްވާފައި ވެއެވެ. ނަމަވެސް ފުވައްމުލައް ސިޓީއިން މިހާތަނަށް އެއްދުވަހެއްގެ މައްޗަށް އެންމެ ގިނައިން ވެކްސިން ޖަހާފައި ވަނީ 300 މީހުންނަށެވެ. އެއިގެ ފަހުން ވެކްސިން ޖެހޭ އަދަދުތައް ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ. އެގޮތުން ފާއިތުވި 18 ފެބްރުއަރީގައި 300 މީހުނަނަށް ވެކްސިން ޖެހުމަށް ފަހު ވެކްސިން ޖެހޭ އަދަދު އިއްޔެ ނޫން ކުރީ ދުވަހު 96 ގައި ހުރެފައި އިއްޔެ ވަނީ 120 އަށް މައޗަށް ޖެހިފައެވެ.

ފުވައްމުލައް ސޓީގައި ވެކްސިން ޖެހުމުގެ އިންތިޒާމު ތަކާއި މެދު އާއްމުންގެ ކަންބޮޑުވުން އެބައޮތެވެ. އެގޮތުން ވެކްސިން ޖެހުމަށް ރަޖިސްޓްރީ ކުރުމެއް ނެތުމުން ރަށުގެ ދުރު ހިސާބުތަކުން ގޮސް ގިނަ ވަގުތު ކިއޫގައި ތިބެން ޖެހުމާއި އަދި ބައެއް ފަހަރު ދުރު ދަތުރެއް ކޮށްފައި ވެކްސިން ޖަހަން ދިއުމުން ޖެހޭގޮތް ނުވެ އަނބުރާ ދާންޖެހުން ފަދަ ކަންބޮޑުވުންތައް އާއްމުންގެ ފަރާތުން އަންނަނީ ފާހަގަ ކުރަމުންނެވެ.

އަދި ރަށުގައި އެންމެ ތަނަކުން ވެކްސިން ޖަހަން ގޮސް ތިބެން ޖެހުމާއި، ބައެއް ފަހަރު ވެކްސިން ޖަހަނީ ކަނޑައެޅިފައިވާ އުމުރުފުރާގެ މީހުންނަށް ނޫންކަމަށާއި ވެކްސިން ދިނުމުގައި ހަމަހަމަ ފުރުސަތު އެންމެންނަށް ނުދެވެ ކަމަށް ތުހުމަތުގެ އިނގިލި ދިއްކުރެވޭ ކަން ވެސް ފާހަގަ ކުރެވިފައި ވެއެވެ.

ރޭގެ ކުރިން 2 ފަހަރެއްގެ މަތިން ފުވައްމުލައް ސިޓީއަށް ވެކްސިން ލިބިފައި ވެއެވެ. މިހާތަނަށް ފުވައްމުލައް ސިޓީއަށް ލިބިފައި ވަނީ މުޅިއެކު ކިތައް ޑޮޒް ވެކްސިންތޯ ސާފުކުރުމަށް މިކަލް ނޫހުން ރޭ ބޭއްވި ފުވައްމުލައް ސިޓީ އީއޯސީގެ ނިއުސް ބްރީފިންގައި ސުވާލު ކުރުމުން އެއަދަދު މުޅިން ޔަގީން ކުރުމަށްފަހު ހާމަކޮށްދެއްވާނެ ކަމަށް ފުވައްމުލަކު ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ސައީދު ވިދާޅުވިއެވެ.

ފުވައްމުލައް ސިޓީއަށް ފެބްރުއަރީ 4 ގައި ގެނެވުނު ފުރަތަމަ ކޮވިޑް-19 ވެކްސިން.

މިކަލް ނިއުސްގެ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ފުވައްމުލައް ސިޓީއަށް މިހާތަނަށް ލިބިފައިވަނީ 3 ބެޗެއްގައި 2250 ޑޯޒް ވެކްސިނެވެ. އެއީ

ފުރަތަމަ ބެޗްގައި 380 ޑޯޒް – 4 ފެބްރުއަރީ 2021

ދެވަނަ ބެޗްގައި 870 ޑޯޒް – 17 ފެބްރުއަރި 2021

3 ވަނަ ބެޗުގައި 1000 ޑޯޒް – 24 ފެބްރުއަރީ 2021 ގައި ލިބިފައިވެއެވެ. ނަމަވެސް މިއަދަދުތައް ރަސްމީ ފަރާތަކުން މުޅިން ޔަގީން ކުރެވިފައެއް އަދި ނުވެއެވެ.

ފުވައްމުލަކުގައި ދިރިއުޅޭ ކަމަށް ބެލެވޭ 7500 މީހުންގެ ތެރެއިްނ މަދުވެގެން %70 މީހުންނަށް ވެކްސިން ދޭން ވެސް އަދި 3000 ޑޯޒްއަށް ވުރެ ގިނައިން ވެކްސިން ފުވައްމުލައް ސިޓީއަށް ބޭނުންވާނެއެވެ. ފުވައްމުުލަކަ ސްބޭނުންވާ ވެކްސިން ދަތިނުވެ ލިބޭނެ ކަމުގެ ޔަގީންކަން އެޗްޕީއޭއީން ދީފައިވާކަމަށް ރޭގެ ފުވައްމުލައް އީއޯސީ މީޑިއާ ބްރީފިންގައި ފާހަގަކުރެވިގެން ދިޔައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !