މުޅި ދިވެހިރާއްޖޭގައި މިހާރު ކުރިޔަށްދާ އެޑެކްސެލް އޭލެވެލް އިމްތިހާނުގެ ބައެއް ޕޭޕަރުތައް ލީކުވެފައިވާތީ އެއިމްތިހާނު އިތުރަށް ކުރިޔަށް ނުގެންދަން އެޑިއުކޭޝަން މިނިސްޓްރީއިން މިއަދު ނިންމައިފިއެވެ. ފުވައްމުލައް ސިޓީއިން މިފަހަރު އޭލެވެލް ހަދަމުން އައީ ޖުމްލަ 72 ކުދިން ކަމަށް ޏ.އޭއީސީއިން މައުލޫމާތު ދީފައިވެއެވެ.
އެއީ އޭ2 އިމްތިހާނު ހަދާ 29 ކުދިންނާއި އޭއެސް ހަދާ 43 ދަރިވަރުންނެވެ. އޭ2 އަކީ އޭލެވެލްގެ 2 އަހަރުގެ ތެރެއިން ފަހު އަހަރުގެ ފަހު އިމްތިހާނެވެ. އަދި އޭއެސް އަކީ ފުރަތަމަ އަހަރު ހަދާ އިމްތިހާނެވެ.

ޏ.އޭއީސީ ދަރިވަރުން އިމްތިހާނު ހަދަނީ 2021. ފޮޓޯ: އިސްމާއީލް ސައުދުﷲ
މިއަދު ހަވީރު އެޑިއުކޭޝަން މިނިސްޓްރީއިން މިނިންމުގެ ކުރިން، އިއްޔެ އެޑިކޭޝަން މިނިސްޓްރީއިން އެޑެކްސެލް އާއި ހަވާލާދީ ބުނެފައިވަނީ އިތުރު އިމްތިހާނު ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީންކަން ދޭކަމަށެވެ. އެއިރު 2 ޕޭޕަރެއް ލީކުވެފައި ވެއެވެ. ނަމަވެސް މިއަދު އޮތް ކެމިސްޓްރީ ޔުނިޓް 2 ގެ ޕޭޕަރު ފެށުމުގެ ގަޑިއިރުތަކެއް ކުރިން ވަނީ ލީކުކޮށްލާފައެވެ. އެއާއެކު މިއިމްތިހާނުގެ އިތުބާރާއި ސައްހަކަންގެއްލިފައިވާތީ އިމްތިހާނު ހެދުން ހުއްޓުވާލުމަށް އެދި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އައީ ވާހަކަ ދައްކަމުނެވެ. އަދި މިއަދު މެންދުރެއްހާއިރު ބެލެނިވެރިންގެ ބަޔަކު މާލޭގައި ހުންނަ އެޑިއުކޭޝަން މިނިސްޓްރީ ހިންގާ ވެލާނާ ބިލްޑިން ދޮށަށް އެއްވެ މުޒާހަރާ ވެސް ކޮށްފައި ވެއެވެ.
މި އިމްތިހާނު ޕޭޕަރު ލީކުވެފައި ވަނީ ރާއްޖޭގެ އެއްވެސް ސެންޓަރަކުން، އަދި ރާއްޖެއިން ނޫން ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީއިން ދެއެވެ.
ޕޭޕަރު ލީކޮށްލާފައިވާ ގަޑިތަކަށް ބަލާއިރު ބޮޑަށް ބެލެވެނީ އެއީ ޖިއޮގްރަފިކަލް ޓައިމްޑިފަރެންސުން ރާއްޖެއަށް ވުރެ ކުރިން އިމްތިހާނުގެ އެއްޕޭޕަރެއް ހަދާ ގައުމަކުން ކުރާކަމެއްކަމަށެވެ. އެއީ އެހެން ނޫންނަމަ މިގޮތަށް ލީކުކޮށްލާ ފަހަރުތަކުގައި ހުރިހާ ޕޭޕަރުތަކެއް ލީކުކޮށްލަނީ އެއްފަހަރާ އެވެ. ނަމަވެސް މިފަހަރު ލީކުކުރުން މިފެނިގެން ދަނީ ކޮންމެ ޕޭޕަރެއްވެސް ފެށުމުގެ ގަޑިއިރުތަކެއް ކުރިން ލީކުކުރާ ކަމަށެވެ. ވުމާއެކު ޕޭޕަރު ލީކުވުމުގެ މިމައްސަލާގައި އެޑިއެކޭޝަން މިނިސްޓްރީއަށް އިނގިލި ދިއްކުރުމުގެ ފުރުސަތެއް އޮޮތް ކަމަކަށް ނުބެލެވެއެވެ.

މިއަދު ލީކުވި ކެމިސްޓްރި ޕޭޕަރުގެ ބޭރުގަނޑު
މިއަދުގެ މިނިންމުމާއެކު މިއިމްތިހާނު ހަދާ ދަރިވަރުން އަމަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ދެ ގޮތެއް ހުށަހަޅާފައެވެ. އެއީ “ޕްރިޑިކްޓެޑް ގްރޭޑް” އަކަށް ދިއުން ނުވަތަ އަލުން މިއަހަރު ފަހުކޮޅު އޮންން އޮކްޓޯބާ/ނޮވެމްބާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމެވެ. ކޮންމެ ދަރިވަރަކަށް ވެސް ބޭނުންގޮތެއް އިޚުތިޔާރުކުރުމަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ.
ޕްރިޑިކްޓެޑް ގްރޭޑަކީ އެކި ސަބަބުތަކާއި ހުރެ އިމްތިހާނުތައް ނުބޭއްވޭ ތަންތަނުގެ ދަރިވަރުންނަށް ދެވޭ ގްރޭޑެވެ. އަދި އެއާއެކު ސެޓްފިކެޓް ވެސް ދެއެވެ. ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރުގެ އިނގިރޭސިވިލާތުގެ ވަރަށް ގިން އިމްތިހާނުތަކުގައި މިއުސޫލު ބޭނުންކޮށްފައި ވެއެވެ. ޕްރެޑިކްޓެޑް ގްރޭޑް ދެނީ ދަރިވަރުންގެ ކޮންޓިނުއިން އެސެސްމެންޓްތަކަށް ބަލައި އަދި ޓީޗަރުން ކުރިން ކަނޑައަޅާފައިވާ ޕްރެޑިކްޓެޑް ގްރޭޑަށް ބަލައިގެން ދޭ ގްރޭޑެކެވެ. އެގޮތުން އެކި އިންތިހާނު ދޭ ފަރާތްތަކުން އަމަލުކުރާ ގޮތުގައި ކޮންމެވެސް ވަރެއްގެ ތަފާތުތަކެއް ހުރެއެވެ.
ދަރިވަރުންނަށް ދެވޭ ސެޓްފިކެޓްގައި މިއީ ޕްރެޑިކްޓެޑެ ގްރޭޑުގެ އުސޫލުން އިމްތިހާނު ނަހަދާ ދީފައިވާ ގްރޭޑެއް ކަމަށް ބުނެފައެއް ނުވާނެއެވެ. އެޑިއުކޭޝަން މިނިސް ޓްރީއިން ބޮޑަށް އެދެނީ ހުރިހާ ދަރިވަރުން ވެސް އޮކްޓޯބާ/ނޮވެމްބާ އޭލެވެލް އިމްތިހާނުގައި ބައިވެރިވުމަށެވެ. ނަމަވެސް އޭޕްރީލް/މޭ ގެ ޕްރިޑިކްޓެޑް ގްރޭޑަށް ދާން ފުރުސަތު ދެނީ ބައެއް ދަރިވަރުންގެ ހާލަތު ތަންދޭގޮތުން އަވަހަށް ކިޔެވުން ނިންމާލަން ބޭނުވާތީ އެކަމަށް ފުރުސަތުދިނުމުގެ ގޮތުންކަމަސް އެޑިއުކޭޝަން މިނިސްޓާ ޑރ.އާއިޝަތު އަލީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ހާމަކުރެއްވިއެވެ.
ޚިޔާލުތައް