A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކަށް ކަރަންޓް ޓްރާންސްފޯމަރެއް ގެނައުމަށް އައްޑޫއިން ބޯޓަށް އަރުވައިފި

ފުވައްމުލައް ސިޓީއަށް ގެންނަ ޓްރާންސް ފޯމަރު ބޯޓަށް އަރުވާފައި 2 އޮގަސްޓް 2021

ފުވައްމުލައް ސިޓީގެ ކަރަންޓަށް މިއަދު ދިމާވި ކުއްލި މައްސަލަ ހައްލުކުރުމަށް އައު ޓްރާންސްފޯމަރާއި އެއަށް ބޭނުންވާ ސާމަނު ރަށަށް ގެނައުމަށް ‘ލިއޯ ސަކްސެސް’ ލޭންޑިން ކްރާފްޓަށް އަރުވައި ދަތުރަށް މިހާރު ތައްޔާރުވެފައިވާ ކަމަށް މިކަލް ނޫހުގެ ރިޕޯޓަރު ހާމަކުރެއެވެ.

މިތަކެތި ގެންނަނީ އައްޑޫ ސިޓީ ހިތަދޫއިންނެވެ. އައްޑޫ ސިޓީ ބަނދަރުން މިހާރު ވަނީ މިތަކެތި ބަރުކޮށްގެން ރަށަށް ގެނައުމަށް ތައްޔާރުވެފައެވެ. އައްޑުއިން ފުރާނެކަމަށް ލަފާކޮށްފައި ވަނީ ހަވީރު 5:30 ހާއިރުއެވެ. މިތަކެތި ފުވައްމުލައް ސިޓީ ބަނދަރާއި ހަމަޔަށް މިރޭ ދަންވަރު އަންނާނެ ކަމަށް ބެލެވެއެވެ. މި ޓްރާންސްފޯމަރު ރަށަށް ބޭލުމަށް  މިލޭންޑިންކްރާފްޓުން ކެރޭނެއް ވެސް ގެންނަކަމުގެ މައުލޫމާތު ލިބިފައި ވެއެވެ.

ލިއޯ ސަކްސެސް ބޯޓަށް ޓްރާންސްފޯމަރު އަރުވައިފި

މިވަގުތު ފުވައްމުލައް ސިޓީއަށް ކަރަންޓްގެ ޚިދުމަތް ދީފައިވަނީ ވަގުތީ ގޮތުން ކަމަށާއި މައްސަލައަށް ދާއިމީ ހައްލެއް ލިބެންދެން އެކި ހިސާބުތަކުން ކަރަންޓް ކެޑުމަކީ އެކަށީގެންވާ ކަމެއްކަމަށް ފެނަކަ -ފުވައްމުލައްއިން ހާމަކުރެއެވެ. ކަރަންޓު ކެނޑުމުން އެންމެ ފުރަތަމަ ހައްލަކަށް ލޯ ވޯލްޓޭޖުގައި ބައެއް ހިސާބުތަކަށް ކަރަންޓް ދިން ނަމަވެސް މިހާރުވަނީ ވަގުތީ ހައްލެއް ހޯދައި މުޅި ރަށަށް ކަރަންޓްގެ ޚިދުމަތް ވެސް ދީފައެވެ.

ކަރަންޓަށް ދިމާވި މައްސަލައާއެކު މުޅި ރަށުން ފެން ކެނޑުނު މައްސަލަ މިހާރު ހައްލުވެފައިވާ ކަމަށް މޭޔަރު އިސްމާއީލު ރަފީގު ވިދާޅުވެފައި ވެއެވެ. ފުވައްމުލަކުގެ ފެނުގެ ނިޒާމާއެކު ގާއިމުކުރެވުނު ޕަމްޕު ސްޓޭޝަނުގައި ބެކްޕް ޖަނެރޭޓަރެއް ނެތިއެވެ. މުޅި ރަށުން އެއްފަހަރާ ކަރަންޓް ކެނޑިގެން ދިޔަ ވަގުތު ފެން ޕްލާންޓްގެ ބެކަޕް އިންޖީނެއް ނެތުމާއާއެކު ފެނުގެ ޚިދުމަތް ވެސް މުޅި ރަށުން ކެނޑެން ދިމާވީ ކަމަށް ވެއެވެ. ނަމަވެސް ފަހުން ގްރެވިޓީގައި ފެން ދޫކުރެވި، އަދި ކަރަންޓުގެ މައްސަލަ އަށް ލިބުނު ވަގުތީ ހައްލާއެކު މިހާރު ފެން ވަނީ ޕްރެޝަރުގައި ދޫކޮފައެވެ.

މިރޭ އައްޑޫ ސިޓީއިން ގެންނަ ޓްރާންސްފޯމަރު ފުވައްމުލައް ސިޓީގެ ކަރަންޓް ވިއުގައަށް ގުޅުމުން މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ވަނީ ބެލެވިފައެވެ.

ފުވައްމުލައް ސިޓީއަށް ގެންނަ ޓްރާންސްފޯމަރު ލޭންޑިން ކްރާފްޓަށް އަރުވާފައި 2 އޮގަސްޓް 2021.

ރޭ ފަތިހު ފުވައްމުލައް ފުވައްމުލައް ސިޓީގެ ކަރަންޓް ނިޒާމަށް ދިމާވި ކުއްލި މައްސަލއާކާއެކު ކަރަންޓާއި ފެނުގެ ޚިދުމަތް މުޅިރަށުން ކެނޑިގެން ދިޔައެވެ. ކަރަންޓު ކެނޑުނީ ފުވައްމުލަކު ކަރަންޓް ނިޒާމުގެ މައި ޓްރާންސްފޯމަރަށް ދިމާވި މައްސަލައަކާއި ގުޅިގެންކަމަށް ފެނަކަ-ފުވައްމުލަކުން ހާމަކޮށްފައި ވެއެވެ. އަދި ޓްރާންސްފޯމަރެއް ގެނައުމުގެ މަސައްކަތް ކުރިއަށް ދާކަމަށާއި އެކަމަށް 24 އަކަށް ގަޑިއިރަށް ވުރެ ގިނަ ވަގުތު ހޭދަވެދާނެ ކަމަށްވެސް ފެނަކައިން ކުރިން ހާމަކޮށްފައި ވެއެވެ.

ފުވައްމުލައް ސިޓީއަށް ގެންނަ ޓްރާންފޯމަރަކީ ބަރުދަނުގައި ގާތްގަނޑަކަށް 8-9 ޓަނު ހުންނާނެ ކަަމަށާއި އެހެންކަމުން ޓްރާންސްފޯމަރު ގެނައުމަކީ އުދަގޫ ކަމެއް ކަަމަށް ވެސް ފެނަކަ ފުވައްމުލަކު ބްރާންޗުން ބުނެފައިވާ ކަމަށް މިހާރު ނޫހުން ރިޕޯޓުކުރެއެވެ.

ފެނަކައިގެ ޓީމުން – އަވަސް ފުރުސަތެއްގައި އަނބުރާ ކަރަންޓާއި ފެނުގެ ޚިދުމަތް ގެނެސް ދިން.

ފުވައްމުލައް ސިޓީއިން ކަރަންޓާއި ފެނުގެ ޚިދުމަތް ކުއްލިއަކަށް ކެނޑުނު ވަގުތުން ފެށިގެން ފެނަކައިގެ ޓީމުން ދިޔައީ ވީހާ އަވަހަކަށް އެޚިދުމަތްތައް އަނބުރާ ދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން އެކަށީގެންވާ އަވަސް މިނެއްގައި ފެނާއި ކަރަންޓްގެ ޚިދުމަތް އަލުން އިޔާދަކޮށް ދީފައިވާ ކަމަށް ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުންޏެވެ. ގިނަ ރައްޔިތުން ފެނަކަ-ފުވައްމުލައްގެ މަސައްކަތް ބަލައިގަންނަ ކަމަށް ހާމަކޮށްފައި ވެއެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !