A wide advertisement which will be shown on all devices. (700 x 100)

އުއްމީދަކީ ފުވައްމުލަކުގެ އެތެރޭގެ މަގުތައް މިއަހަރު ނިމޭނެ ކަމަށް – މޭޔަރު އިސްމާއީލް

މޭޔަރު- އިސްމާއީލް ރަފީގު އަފުން ނިއުސްގެ އަފުންވެށި ޕްރޮގްރާމުގައި

މިހާރު ތާރުއެޅުމުގެ މަސައްކަތް ކުރަމުންދާ ފުވައްމުލަކުގެ އެތެރޭގެ 31 މަގުގެ މަސައްކަތްތައް މިއަހަރު ނިމޭ ހިސާބަށް ނިމޭނެ އުއްމީދު ކުރައްވާ ކަމަށް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ. މޭޔަރު މިހެން ވިދަޅުވީ ފުން ޓީވީގެ އަފުން ވެށި ޕްރޮގްރާމުގައި ފުވައމްުލަކު ބަހުން ވާހަކަ ދައްކަވަމުންނެވެ.

އެމްޓޭސީސީ އާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ 31 މަގުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހު 21 ވަނަ ދުވަހުއެވެ. މ ޕްރޮޖެކްޓްގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 4 ޖުލައި 2019 ވަނަ އަހަރު އެވެ. އޭރު އެމްޓީސީއިން އައި ފުވައްމުލަކު ރިންގް ރޯޑްހެދުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަދު ފިނިވާމަގުގައި ތާރު އަޅާ ނިމިއްޖެ 2-17 ސެޕްޓެމްބަރު 2022

މި މަސައްކަތުގައި ހިމެނެނީ 122،659 ސްކުއާ މީޓަރުގެ ސަބް ބޭސް ހެދުމާއި، 95،239 ސްކުއާ މީޓަރުގެ ސަރައްދެއްގައި ތާރު އެޅުމާއި ދުވާރު ހެދުމާއި މަގުތައް ކުރެހުމާއި މަގުބައްތި ޖެހުމެވެ. މީގެ އިތުރުން ރަށަށް ވެހޭ ވާރޭފެން ފެން (ސްޓޯމް ވޯޓާ) ހިންދާ ނިޒާމުގެ މަސައްކަތް ކުރުން ހިމެނެއެވެ. މިޕްރޮޖެކްޓްގެ އަގަކީ އަގަކީ 279.4 މިލިއަން ރުފިޔާއެވެ.

މިމަގުތައް ހެދުމުގެ މަސައްކަތް ލަސްވެގެން އާއްމުންނާއި ފުވައްމުލަކަށް ނިސްބަތްވާ ނާއިބުރައީސް އާއި މަޖުލިސް މެމްބަރުން ވެސް އެމްޓީސީސީއާއި ޕްލޭނިން މިނިސްޓްރީ އާއި 2020 ވަނަ އަހަރުން ފެށިގެން މަޖުލިސް ތަޅުމުން މެށިގެން އެމްޓީސީސީގެ ޖަލްސާ ކުރާ ކޮޓަރި ހިސާބުން ވެސް އަވަސް ކުރެވޭތޯ މަޝްވަރާ ކޮށްފައި ވެއެވެ.

ފުވައްމުލަކު ފިނިވާމަގުގައި ތާރުއެޅުމަށް އެެމްޓީސީސީއިން ތައްޔާރުވެފައި – އެކަމަކު ތާރު އެޅުން ލަސްވެއްޖެ. އޮގަސްތް 28 2022 ފޮޓޯ: އަލީ ޝަރީފ

ދެ އަހަރު ނުވަތަ 24 މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަސައްކަތަށް މިހާރު މިވަނީ 3 އަހަރާއި ބައި ވާން ކައިރިވެފައެވެ. އަދިވެސްމަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަން މޭޔަރުގެ ވާހަކަ ފުޅުގައި “އުއްމީދުކުރަނީ” އޭ ވިދާޅުވުމުްނ އެނެގެއެވެ. އަދި މިހާރު މަސައްކަތް ކުރިއަށް ދާ ހަލުއިމިނަށް ބަލާއިރު ވެސް މިއަހަރު ނިމެން ވާއިރަށް މަސައްކަތް ނިމޭނެ ކަމަކަށް ރަށުން މިކަލް ނޫހާިއ ވާހަކަ ދެއްކި އާއްމު މީހުން ބުނެއެވެ.

މަގުހެދުމުގެ މަސައްކަތް ލަސްވި ސަބަބާއި ގުޅޭ ގޮތުން މޭޔަރު ރޭ ޓީވީގައި ވިދާޅުވީ ކޮވިޑްގެ ސަބަބުން ޗައިނާއިން ގެންނަން ޖެހޭ ސްޓޯމް ވޯޓާ ސިސްޓަމަށް ބޭނުންވާ ސާމާނު ނުލިބި ވަރަސްބޮޑުތަން ލަސްވުމުން ކަމަށެވެ. ނަމަވެސް ފުވައްމުލަކުގެ މަގުތަކަށްވުރެ ފަހުން އެމްޓީސީސީއާއި ހަވާލުކުރެވުނު އައްޑޫ ސިޓީ ހުޅުމީދުގެ މަގުތަށް ހަމަ އެވިދާޅުވާ ސްޓޯމް ވޯޓާ ސިސްޓަމުގެ ސާމާނު ލިބި އަދި ފުވައްމަލަކުގެ މަގުހެދުމުގެ މަސައްކަތް ކުރަމުން ދިޔަ ހެވީ ވެހިކަލަތައް ފުވައްމުލަކުން ބާލައިގެން ހުޅުމީދޫއަށް ގެންގޮސް އެރަށުގެ މަސައކްތް އަވަހަށް ނިމިގެން ދިއުމަށް މެދުވެރީ ކީއްވެގެންތޯ ސުވާލު އުފެދެއެވެ؟

އެތެރޭގެ މަގުތައް ހެދުން އަވަސްކުުރުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުން

މަގުހެދުމުގެ މަސައްކަތަށް ބޭނުންވާ ތަކެތި މޮބިލައިޒް ކުރުމުގައު މައުލޫމާތު އެނގޭ ފަރާތަކުން މިކަލް ނޫހަށް ކުރިން މައުލޫމާތު ދިީފައިވާގޮތުގައި ހުޅުމީދޫގެ މަސައްކަތް އަވަހަށް ނިންމަން ޖެހިގެން ފުވައްމުލައް ސިޓީގެ މަގުތަކުގެ މަސައްކްތް ތަރުތީބުގެ ލިސްޓްގެ ފަހަތަށް ސޮއްސުވާލީ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި މިދެރަށުގެ މަސައްކަތް ކުރެވެފައިވާ ގޮތަށް ބަލާއިރު އޭނާ ބުނިގޮތަށް ކަންތައް ވެފައިވާ ކަމަށް ގަބޫލުކުރަން ޖެހެއެވެ.

މަސައްކަތް ލަސްވާ އަނެއް ސަބަބެއްގެ ގޮތުގައި މޭޔަރު ފާހަގަކުރެއްވީ ފުވައަމުލަކުގެ މަގުތަކުގައި ތާރު އަޅަން ފެށުމާއެކު “ނަސީބު ކަން ދިމާކުރި ގޮތުން” ވިއްސާރަ ވާން ވެސް ފެށުމުން އައި ލަސްކަމެވެ. ނަމަވެސް ރާއްޖޭގެ މޫސުމަށް ބަލާއިރު އޮކްޓޯބަރު މަހަކީ ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހޭ ދުވަސްވަރުކަން މޫސުމީ ތަފާސް ހިސާބުތަކުން ސާފުވެއެވެ. ވުމާއެކު ދުރާލާ ޕްލޭން ކުރެވިގެން ތާރު އެޅުން ފަދަ މަސައްކަތެއް އެދުވަސްވަރަށް ރޭވިފައިވަނީ ހަމަ އަވަސްކުރަން ބާއެއެވެ؟

މަގުގެ މަސައްކަތް ލަސްވި އިތުރު ސަބަބެއްގެ ގޮތުގައި މޭޔާރު ފާހަގަ ކުރެއްވީ ކުރިން މާބޮޑު ޕްލޭނެއްނެތި އަޅާފައިވާ ފުވައްމުލަކުގެ ނަރުދަމާއާއި ފެނުގެ ނިޒާމުގެ ސަބަބުންނެވެ. އެގޮތުން އަޅާއިވާ ހޮޅިތަކުގެ ފުންމިނާއި، ލެވެލްތަކަށް ވިސްނާފައި ނެތުމާއި ބަހައްޓާފައިވާ ޖަންކްޝަންތަކުގެ ލެވެލް އެކި މިންމިނުގައި ބަހައްޓާފައި ހުރުމުގެ ވެސް މާބޮޑު ވިސްނުމެއްނެތުން މަގުހެދުމުގެ މަސައްކަތް ކުރަމުންދާއިރު ވަރަށްބޮޑެތި ގޮންޖެހުންތައް ދިމާވި ކަމަށެވެ. އެއިގެ ސަބަބުން މިހާރުވެސް ލެވެލް ނުކުރެވި ބައެއް ޖަންކްޝަންތައް ދޫކޮށްލެވިފައިވާ ކަމަށެވެ. ނަމަވެސް ދޫކޮށްލެވޭ ޖަންކްޝަންތައް އަލުން އެމްޓީސީސީއިން އެއްވަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.

އެތެރޭގެ މަގުހެދުމުގެ މަސަކަތް ޖޫން 2022

މޭޔަރުގެ ވާހަކަ ފުޅުގައި ރޭގައި ފާހަގަ ނުކުރެވުނު ކަމުގައި ވިޔަސް އެމްޓީސީއިން ފިނިވާމަގުގައި ތާރުއަޅަން ތައްޔާރުވެ މަސައްކަތް ފަށަން ބެލިއިރު އެމަގުތަކުގައި ކުރިން އަޅާފައިވާ ފެން ސަޕްލައި ނިޒާމުގައި ބޮޑެތި ލީކްތަކެއް ހުރިކަން ކުރިން ކުރިންވެސް އެނގި ތިބެ އެކަމާއި ކަމާއިބެހޭ ފަރާތްތަކުން އަޅާނުލައި ދޫކޮށްލެވިފައި ވާކަން ފާހަގަ ކުރެވުނެވެ. އެއާއެކު އެކަންތައް ފެނަކައިން ހައްލުކުރަން ދެން ތާރުއެޅުމުގެ މަސައްކަތް ލަސްކުރެވިގެން ދިޔައެވެ. މިހާރުވެސް ފެނަކައިން އަންނަނީ ފެނުގެ ނިޒާމުގައި ހުރި ލީކްގެ މައްސަލަތައް ހޯދައި ހައްލުކުރުމުގެ މަސައކްތް ކުރަމުންކަން އެކުންފުނީގެ ފުވައްމުލަކު ބްރާންޗުން ކޮންމެ ދުވަހަކު ނެރޭ ‘ފެންލީކު ހޯދުމުގެ މަސައްކަތަށް ފެނުގެ ޚިދުމަތް މެދުކަނޑާލެވޭނެ ކަމުގެ ނޯޓިސް’ ތަކުން އެނގެއެވެ.

މަގުހެދުމުގެ މަސައްކަތް ލަސްވެފައިވާ ކަމަށް ރޭ މޭޔަރުވެސް އެއްބަސްވެ ވަޑައިގަތެވެ. ނަމަވެސް އެ ލަސްވުންތަކާއެކު ވެސް މިހާރު މަސައްކަތް މެދުނުކެނޑި ކުރިޔަށްދާ ކަމަށް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ މިކަމުގެތެރޭގައި ރައްޔިތުން ތަހައްމަލު ކުރަމުންދާ ދަތިތަކަށް ކެތްތެރިކަން ފެނި ވަޑައިގަންނަވާތީ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މަގުގެ މަސައްކަތް ނިމުމުން އެންމެންނަށް ވެސް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !