ދަނޑުވެރިކަމާއި ގުޅޭ ލެބޯރެޓަރީއެއް ފުވައްމުލަކު ސިޓީގައި ގާއިމުކުރުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލާއި އެގްރިކަލްޗާ މިނިސްޓްރީ އާއެކު މަޝްވަރާ ކޮށްފިއެވެ.
މިއަދު ފުވައްމުލައް ސިޓީ ކައުންސިލްގެ ޖަލްސާ ކުރާ ކޮޓަރީގައި ކުރިޔަށްދިޔަ މިބައްދަލުވުމުގައި މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސެސް އެންޑް އެގްރިކަލްޗާ ޑރ. ހުސައިން ރަޝީދު ހަސަން އާއި އެމިނިސްޓްރީގެ އޮފިޝަލުން ވަނީ މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑަގެންފައެވެ.
މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤު އާއި ބައެއް ކައުންސިލަރުން އަދި، ކައުންސިލުގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
މިއަދުގެ މިބައްދަލުވުމަކީ ފުވައްމުލަކު ސިޓީގައި ދަނޑުވެރިކަމާއި ގުޅުންހިރު ތަފާތު ޚިދުމަތްތައް ފޯރުކޮށްދެވޭ ފަދަ ލެބޯރެޓަރީއެއް ގާއިމު ކުރެވޭނެ ގޮތްތަކާއި މެދު މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށް ފުވައްމުލައް ސިޓީ ކައުންސިލުން ހާމަކޮށްފައި ވެއެވެ.
ދާދި ފަހުން ދަނދުވެރިކަމާއި ބެހޭ މިނިސްޓްރިއިން ފުވައްމުލައް ސިޓީއަށް ކުރެވި ދަތުރުފުޅެއްގައި އަލަ އޮޅުތަކަށް ޖެހޭ ބައްޔެއް ކަމަށްވާ ޓާރޯ ލިފް ބްލައިޓްއިންް ސަލާމަތްވުމަށް އަޖުމަބެލުމުގެ ގޮތުން އަލައިގެ އައު މުޑުވަކެއް ފުވައްމުލަކުގައި ތަޖުރިބާ ކުރަން ވަނީ ފަށާފައެވެ.
އަލަށް ރާއްޖޭގައި ތަޖުރިބާ ކުރާ މި މުޑުވަކަކީ ޓާރޯލީފް ބްލައިޓް ބައްޔަށް ހޭނިފައިވާ (ރެސިސްޓެންޓް) ކެންޔާއިން ގެނެސްފައިވާ މުޑުވައްތަކެވެ. އެމުޑުވައް ފުވައްމުލަކުގައި ރިސާރޗް ކުރުމުގެ މަސައްކަތް ފަށާފައިވަނީ ފައިތުވި ސެޕްޓެމްބަރު މަހުގައެވެ.
މިނޫންވެސް ތަފާތު ބަލިތަކުގެ ސަބަބުން ފުވައްމުލަކުގެ ދަނޑުވެރިކަމަށް ވަނީ ބޮޑެތި ގެއްލުންތަކެއްވެ ބައެއް ބާވަތްތައް އެކޮށްހެން ވަނީ ރަށުން ނެތިގެން ގޮސްފައެވެ.
އެގޮތުން ލުބޯ ގަސްތައް އެއްކޮށް ރަށުން ނެތިގެން ދިޔައީ ދަބަރު ބަލިޖެހިގެންނެވެ.
އަނބުގަހަށް ދިމާވި ފަނިކެމުގެ މައްސަލަ އާއި ހޫފާނި އެޅުމުގެ މައްސަލާގައި އަނބުން ލިބެންވާ އެންމެ އެކަށީގެންވާ ފައިދާއެއް ނުލިބޭތާ ގިނަ އަހަރުތަކެއް ވެއްޖެއެވެ.
ހަމައެގޮތަށް ފުވައްމުލަކުގެ ބަނބުކެޔޮ ގަސްތަކަށް ވެސް ފަނިކެއުމުގެ ނުރައްކަލާ ކުރިމަތިވެ ގަސްތައް ވަނީ މަދުވާން ފަށާފައެވެ.
ފުވައްމުލަކުގެ ޖަނބުރޯލު ގަސްތަކާއި ފޭރު ގަސްތަކަށް ވެސް ހޫފާނީގެ ގެއްލުން ބޮޑުވެ އެ ދެ ބާވަތުގެ ގަސްތައް ވެސް ވަނީ ރަށުން މަދުވެފައެވެ.
މިފަދަ މައްސަލަތަކަކީ ދިރާސާކުރެވި ހައްލު ހޯދަން މަސައްކަތް ކުރަން ޖެހިފައިވާ ކަންކަމެވެ.
+1
+1
ޚިޔާލުތައް