A wide advertisement which will be shown on all devices. (700 x 100)

އައިޔޫއެމްގެ ކެމްޕަހެއް ފުވައްމުލައް ސިޓީގައި ގައިމުކުރުމަށް މަސައްކަތް ކުރަނީ

އިސްލާމިކު ޔުނިވަރސިޓީގެ ފަރާތުން ފވމ ސިޓީ ކައުންސިލާއި ބައްދަލުކުރުން 2018

އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ކެމްޕަހެއް ފުވައްމުލަކުގައި ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ލިބިއްޖެއެވެ. ސިޓީ ކައުންސިލާއިއެކު މިހާރު ކުރިޔަށްދާ މަޝްވަރާތަކުގެ އަލީގައި އެ ޔުނިވަރސިޓީގެ ކޯސްތައް އަންނަ ޖެނުއަރީ ނޫނީ ފެބްރުއަރީ މަހު ފެށުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ފުވައްމުލަކުގައި އައިޔޫއެމްގެ ކެމްޕަހެއް ހުޅުވުމާއި ގުޅޭ ގޮތުން އެ ޔުނިވަރސިޓީގެ ޓީމެއް ފުވައްމުލަކަށް ޒިޔާރަތްކޮށް ސިޓީ ކައުންސިލާއެކު ވަނީ މަޝްވަރާތައް ބާއްވާފައެވެ. އަންނަ ދިރާސީ އަހަރު ފެށެންވާ އިރަށް އައިޔޫއެމްގެ ކޯސްތަކުގެ ކިޔެވުން ފެށުމަށް މަސައްކަތް ކުރަމުންދާކަމަށް އެ ޔުންިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗަންސެލަރ ފައިނޭސް އަދި އެޑްމިން އަލީ ރަޝީދު ވިދާޅުވިއެވެ.

އައިޔޫއެމް އިން ފެއްޓުމަށް ގަސްތު ކުރާ ކޯސްތަކުގެ ތެރޭގައި ޝަރީއާ އެންޑް ލޯ، އަރަބި ބަހުގެ ކޯސްތައް، އިމާމު ކޯހާއި އިސްލާމިކް ބޭންކިން އާއި ފައިނޭންސްގެ ކޯސްތައް ހިމެނެއެނެއެވެ.

ދައުލަތުގެ ދެ ޔުނިވަރސިޓީގެ ތެރެއިން އިސްލާމިކް ޔުނިވަރސިޓީގެ ކޯސްތަކަކީ ވެސް އަގު ހެޔޮ ކޯސްތަކެކެވެ. އެ ޔުނިވަރސިޓީން ހުޅުވާލާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމުގެ “އޯޕަން ޑޭ”އެއް ވަރަށް އަވަހަށް ފުވައްމުކުގައި ބޭއްވުމަށް ތައްޔާރު ވަމުން އަންނަ ކަމުގެ މައުލޫމާތު މިކަލް ނޫހަށް ވަނީ ލިބިފައެވެ.

މިއީ އާމުކޮށް ހުޅުވާލެވިގެން ބޭއްވޭ، ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނަކަށް ވާތީ ވީހާ ގިނަ ފަރާތްތަކުން ބައިވެރިވުމަށް އެ ޔުނިވަރސިޓީން އެދެއެވެ.

މިހާރު ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި މަތީ ތައުލީމުގެ ކޯސްތައް ހިންގަނީ އަމިއްލަ ކޮލެޖެއްކަމަށްވާ ޒިކުރާ ކޮލެޖުންނެވެ. އަދި ޤުރުއާނާއި އިސްލާމް މުދައްރިސުކަމުގެ ކޯސްތައް ގުރުއާނާއި ބެހޭ މަރުކަޒުގެ ފުވައްމުލަކު ގޮފިން ކުރިޔަށް ގެންދެއެވެ.

މީގެ އިތުރުން ގައުމީ ޔުނިވަރސިޓިގެ ބައެއް ކޯސްތައް ބްލޮކް މޯޑުގައި ފުވައްމުލަކުގައި މިހާރު ވެސް ކުރިަޔށް ގެންދެއެވެ.

ކުރިން ފުވައްމުލަކުގައި މަތީ ތައުލީމުގެ ކޯސްތައް ހިންގަމުންދިޔަ ވިލާ ކޮލެޖުގެ ކެމްޕސް މިހާރު ވަނީ އުވާލާފައެވެ. އަދި އެމްއައި ކޮލެޖުގެ ޕްރީސްކޫލް ޓީޗަރުން ތަމްރީނުކުރުމުގެ ކޯސްތަކެއް ވެސް ދޭތެރެއަކުން ކުރިޔަށް ގެންދިޔައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !