ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް އެކަށީގެންވާ އިޖާބައެއް ނުލިބުނު ކަމަށް މިނިސްޓާ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމު މިހެން ވިދާޅުވީ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) އިއްޔެ ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
“ޓެންޑާގައި ބައިވެރިވެވޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްކޮށްފައި ހުރުން ހިމެނޭ، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަކަށް އެކަން ކުރެވޭ ގޮތަކަށް އެކަމެއްނުވި” މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ކުރިމަތިލާން ހުޅުވާލު ފުރުސަތަށް އިޝާރާތްކުރައްވައި މިނިސްޓަރު އަސްލަމު ވިދާޅުވިއެވެ.
މިނިސްޓަރު އަސްލަމު ވިދާޅުވީ މިހާރު ކްރައިޓީރިއާ ދަށްކުރުމަށްފަހު އިވެލުއޭޓް ކުރުމަށާއި އޯރިއޯ އަށް ފޮނުވާލުމަށްޓަކައި ޓެންޑާ ބޯޑަށް މިހާރު ފޮނުވިފައިވާ ކަމަށެވެ. މި ޕްރޮޖެކްޓަކީ އޯރިއޯ ފަންޑާއި ކުވައިތު ފަންޑާއި ދެފަންޑުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.
ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ވާހަކައަކީ ފާއިތުވީ ތިން ސަރުކާރުންވެސް ތަފާތު ގޮތްގޮތައް ވާހަކަ ދެކެވި އަމަލީ މަސައްކަތް ނުފެށިފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓަރު އަސްލަމު އިތުރަށް ވިދާޅުވީ ފާއިތުވީ 8 އަހަރު ނުވަތަ 10 އަހަރު ދިޔައީ އެޕްރޮސެސް (ބިޑު ކުރުން) ނޫން ކަމަށާއި އެފަރާތުން ހަވާލުވިއިރު އޮތީ މަސައްކަތް އެހިސާބުގައި (ބިޑުކުރުން) ކަމަށެވެ.
މިސަރުކާރަށް 1 އަހަރަށްވުރެ ގިނަ ދުވަސްވެގެން ދިޔައިރުވެސް އެކަށީގެންވާ މިންވަރަށް ތަރައްގީގެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވާތީ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން، ފުވައްމުލަކު ޖަމާލުއްދީން ނައިބުތުއްތު މަގުގެ ތާރު އެޅުން ފިޔަވައި އިތުރަކަށް އަމަލީ އެއްވެސް މަސައްކަތެއް ކުރެވިފައެއްނުވެއެވެ. ޖަމާލުއްދީނު ނައިބު ތުއްތު މަގުގެ ތާރު އެޅުމަށް ކުރީގެ ސަރުކާރުންވަނީ ގިނަގުނަ ތައްޔާރީތަކެއްވެސް ވެފައެވެ. އެމަގުގައި ތާރު އެޅުމަށްފަހު ތާރު މެޝިން ރަށުން ގެންގޮސްފައިވާތީ ކުރިއަށްހުރި ތާރުގެ މަސައްކަތް އަނެއްކާވެސް ލަސްވެފައިވާކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.
ޚިޔާލުތައް