A wide advertisement which will be shown on all devices. (700 x 100)

ތަތާރުންގެ އެރުމާއި ވެއްޓުން 3

ޚަވާރިޒްމް ޝާހު ހޯދަން ފެށުން

ސަމަރުގަންދު ހިފުމަށްފަހު ޚަވާރިޒުމްގެ ރަސްގެފާނު މުހައްމަދު ހަވާރިޒުމް ޝާހު ހޯދުމަށް 20 ހާސް ތަތާރުންގެ ލަޝްކަރެއް ޖެންކީޒް ޚާން ތައްޔާރުކޮށް، ގާތްގަޑަކަށް 600 ކިލޯމީޓަރުގެ ދިގު ރާސްތާގައިވާ އޮރުގެންޑާ އަށް ފޮނުވިއެވެ. ޖެންކީޒް ޚާންގެ ލަޝްކަރު އެކުލެވިގެންވަނީ އެންމެ 20 ހާސް ތަތާރުން ކަމުގައިވީ ނަމަވެސް، އެލަޝްކަރާއި ކުރިމަތިލުމަށް ރަސްގެފާނު ޝާހު ބޭނުން ފުޅެއްނުވިއެވެ. ތަތާރުންގެ ލަޝްކަރާއި މުސްލިމުންނާއި ދެމެދު އަމޫދާރިއާ ކޯރު ހުރަހަކަށްވުމާއިއެކު ރަސްގެފާނު ޝާހާއި އާއިލާބައެއް ބޭފުޅުންނާއިއެކު މަޒަންދުރާން އަށް ވަޑައިގަތެވެ. ރަސްގެފާނު ޝާހަކަށް އެރަށުގައި މަޑުން ހުންނެވޭ ގޮތެއް ނުވިއެވެ. ތަތާރުންގެ ލަޝްކަރު ރަސްގެފާނުގެ ފަހަތްޕުޅުން އެރަށަށް އަންނަ ޚަބަރު ލިބުމާއިއެކު އެރަށުން ނިކުންނަވައި އައްރައްޔަށް މިސްރާބު ޖެއްސިވިއެވެ. ތަތާރުންގެ ލަޝްކަރު މަޒަންދުރާން އަށް ފޯރުމުގެ ކުރިން ރަސްގެފާނުގެ ވަނީ އެރަށުން ނިކުންނަވާ އައްރަޔަށް މިސްރާބު ޖައްސަވާފައެވެ. އެއާއިއެކު ތަތާރުންވެސް އައްރައްޔަށް މިސްރާބު ޖެހިއެވެ.

އައްރައްޔުގައި ވެސް ރަސްގެފާނަށް މަޑުން ހުންނެވޭ ގޮތެއް ނުވިއެވެ. އެއަށްފަހު އަބުރާ މަޒަންދުރާންއަށް ވަޑައިގަތެވެ. އެރަށުން ކަނޑުގެ އައްސޭރީގައިވާ ރަށެއްގެ ކިއްލާއަށް ވަޑައިގެން ރައްކާތެރިކަން ހޯއްދެވިއެވެ. ނަމަވެސް، މާގިނަ ދުވަހަކަށް ދުނިޔޭގައި ހުންނެވޭ ގޮތެއްނުވިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރަސްގެފާނު ޝާހު މިދުނިޔެ ދޫކުރެއްވިއެވެ.

ރަސްގެފާނު ޝާހު 21 އަހަރަށްވުރެ ގިނަ ދުވަހު ވެރިކަން ކުރެއްވިއެވެ. އިރާގުން ފެށިގެން ތުރުކުމެނިސްތާނާއި ޣަޒުނާ އާއި ހަމައަށް ރަސްގެފާނު ޝާހުގެ ވެރިކަން ކުރިއެވެ. ރަސްގެފާނު ޝާހަކީ ދީންވެރި ފިގުހާއި ހަދީސް އިލްމުވެރިއެއް ކަމަށް އިބުނު އަސީރު ވިދާޅުވެއެވެ. އެކަމަކު އެރަސްގެފާނާއި ދެކޮޅު ވެރިން ގަތުލުކުރައްވާތީވެ އެއްވެސް ފަރާތަކުން އެރަސްގެފާނަކަށް މަދަދެއް ލިބިވަޑައިނުގަތެވެ.

މުހައްމަދު ޚަވާރިޒުމް ޝާހަށް ފަހު ޚަވާރިޒުމް

މުހައްމަދު ޚަވާރިޒުމް ޝާހުގެ ބާރު ކަނޑުވާލުމަށްފަހު ޖެންކީޒް ޚާން މުސްލިމުންގެ ބިންތައް ހިފުމަށް އާރޭވުމަށް އެކުލަވާލިއެވެ. އެގޮތުން، އޭނާ ތިން ލަޝްކަރެއް އެކުލަވާލާ އެތިން ލަޝްކަރުގެ ކޮމާންޑަރުންގެ ގޮތުގައި އޭނާގެ ތިން ދަރިން ހަމަޖެއްސިއެވެ. އެއްލަޝްކަރު މިސްރާބު ޖެހީ ޚަވާރިޒުމްގެ މުސްލިމުންގެ ބާރުގެ ދަށުގައިވާ އުތުރުގެ ބިންތައް ހިފުމަށެވެ. އުތުރުން ޚުރާސާނާއި (މިހާރުގެ އަފްޣާނިސްތާނުގެ އުތުރުން ބޮޑު ބަޔަކާއި އިރާނުގެ އުތުރުގެ ބިންތައް) އަށް ހަމަލާ ދިނުމަށެވެ. އަދި އިރު ދެކުން މިހާރުގެ ގޮތުންނަމަ ޕާކިސްތާނާއި އަފްޣާނިސްތާނަށް ހަމަލާ ދިނުމަށެވެ. އަދި ތިންވަނަ ލަޝްކަރު ފޮނުވީ ދެކުނުގެ ބިންތަކަށް ހަމަލާ ދިނުމަށެވެ.  މިތިން ލަޝްކަރު ފޮނުވުމަށްފަހު ޖެންކީޒް ޚާން ސަމަރުގަންދުގައި މަޑުކުރެއްވިއެވެ.

މަރޫ ހިފުން

ތަތާރުންގެ ލަޝްކަރު މަރޫ އަށް (މިހާރުގެ ތުރުކުމެނިސްތާނުގެ ބައެއް) ހަމަލާދިނުމަށް އަންނަ ޚަބަރު ލިބުމާއިއެކު ދެލައްކައެއްހާ މުސްލިމުން މަރޫގެ ރަށްބޭރުން ތަތާރުންނާއި ކުރިމަތިލުމަށް ނިކުތެވެ. ނަމަވެސް، މުސްލިމުންގެ މިލަޝްކަރަށް ކާމިޔާބު ނުލިބި ހުރިހާ މުސްލިމުންހެން ޝަހީދުވިއެވެ. ތަތާރުން މައްރަށް ހަމަލާދިނުމަށް ނިކުންނަމުން، ބަލްޚުގެ ރައްޔިތުންނަށް ތަތާރުންނަށް ނަސްރުދިނުމުގައި ބައިވެރިވުމަށް ގޮވާލެއްވިއެވެ. ބަލްޚަކީ މައްރުއާއި ގާތްގަޑަކަށް 250 ކިލޯމީޓަރު ދުރުގައިވާ ރަށެކެވެ.

މުސްލިމުންގެ ލަޝްކަރަށް ލިބުނު ނާކާމިޔާބީއާއިއެކުވެސް މުސްލިމުން ހިތްވަރާއިއެކު މަރޫ ބަންދުކޮށް ގޭޓްތައް ތަޅުލިއެވެ. ނަމަވެސް، މާގިނަ ދުވަހަކަށް ތަތާރުންނާއި ދެކޮޅަށް ރަށްބަންދުކޮށްގެން ތިބެވޭގޮތެއްނުވިއެވެ. އެގޮތުން، ހަތަރު ދުވަސް ފާއިތުވެ ފަސްވަނަ ދުވަހު ތަތާރުންގެ ލަޝްކަރުން ގޭޓު ހުޅުވުމަށް އެހެންނޫނީ ޝަހީދުކޮށްލާނެ ކަމުގެ އިންޒާރުދިނެވެ. މިއިންޒާރާއިއެކު ރަށުގެ ގޭޓުތައް ތަތާރުންނަށް ހުޅުވާލަދިނެވެ. އަދި އެރަށުގެ ވެރިޔާ ޖެންކީޒު ޚާނާއި ބައްދަލުކުރަން ދިއުމާއިއެކު ޖެންކީޒް ޚާނުގެ ދަރިކަލުން އިހުތިރާމާއިއެކު ރަށުގެ ވެރިޔާއާއި ބައްދަލުކޮށް އެރަށުގެ ވެރިކަން ހަވާލުކުރަން ރަގަޅު ވެރިއަކު ހުރިތޯ ބެލުމަށް ރަށުގެ ހުރިހާ ވެރިން ގެނެސްދިނުމަށް އެދުނެވެ. އޭނާގެ މިއެދުމަށް ހުރިހާވެރިން އެތަނަށް ހާޒިރުވުމާއިއެކު އެބައިމީހުންގެ އަތްފައި ބަނދެ ޖަލަށްލިއެވެ. އަދި ހުރިހާ ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ލިސްޓެއް އެކުލަވާލުމަށް ރަށުގެ ވެރިޔާގެ ކިބައިން އެދުނެވެ.

ޖެންކީޒު ޚާނުގެ ދަރިކަލުންނަށް ލިސްޓު ލިބުމާއިއެކު، ރަށުގެ ހުރިހާ ރައްޔިތުން ރަށްބޭރަށް ނިކުތުމަށް އަމުރުކުރިއެވެ. ހުރިހާ ރައްޔިތުން ރަށްބޭރަށް ނިކުތުމުން ޖެންކީޒު ޚާނުގެ ދަރިކަލުން އޭނާގެ ރަންގޮޑި ގެނެސް އެގޮޑީގައި އިށީދެ އޭނާގެ އަމުރަށް ނެރެންފެށިއެވެ.

“ރަށުގެ ހުރިހާ ވެރިން، ވެރިމީހާ ހިމެނޭގޮތަށް ގެނެސް ރައްޔިތުންގެ ކުރިމަތީގައި ޝަހީދުކޮށްލާށެވެ. އަދި ހުރިހާ މަސައްކަތްތެރިން މޮންގޯލިއާއަށް އެމީހުންގެ ބޭނުން ހިފުމަށް ފޮނުވާށެވެ. އަދި ހުރިހާ ވިޔަފާރިވެރިން އެމީހުންގެ ކަންޒުތަކާއި މުދާތައް ހަވާލުކޮށްފުމަށްދާންދެން އަނިޔާކުރާށެވެ. ހުރިހާ ގެތަކާއި ތަންތަން ތިން ދުވަސްވަންދެން ބަލާފާސްކުރާށެވެ. އަދި ހުރިހާ ރައްޔިތުން ޝަހީދުކޮށްލާށެވެ.”

މިއަމުރާއިއެކު ލޭގެ ކޯރުތައް ދެމިގެންދިޔައެވެ. ގާތްގަޑަކަށް ހަތްލައްކައެއްހާ މުސްލިމުން މައްރު އިން ޝަހީދުވެގެން ދިޔައެވެ.

މައްރުގެ މިހިތާވެރި ޚަބަރާއިއެކު އަވަށްޓެރި ނައިސާބޫރަށް އަމާޒުކޮށްފައިވާ ތަތާރުންނަށް ނައިސާބޫރުން މާބޮޑު ދެކޮޅުވެރިކަމަކާއިނުލާ އެރަށް ހިފުނެވެ. އަދި އެރަށުގެ ހުރިހާ ފިރިހެނުން ގަތުލުކޮށް އަންހެނުން އަޅުންނަށް ހެދިއެވެ. ފަނަރަ ދުވަސްވަންދެން މިއަނިޔާވެރިކަން ހިންގުމަށްފަހު ހެރާތަށް މިސްރާބުޖެހިއެވެ. ހެރާތުންގެ ރަސްދަރިކަލުން ތަތާރުންގެ ކިބައިން ފިލައިގެން އަވަށްޓެރި ޣަޒުނާއިން ރައްކާތެރިކަން ހޯދިއެވެ.

ހެރާތު ހިފުމާއިއެކު ޚުރާސާން އެއްކޮށްކަހަލަ ގޮތަކަށް ތަތާރުންގެ ބާރުގެ ދަށަށް ދިޔައެވެ. މިހުރިހާ ރަށްތަކެއް ތަތާރުން ހިފާފައިވަނީ އެއްއަހަރު ތެރޭ ހިޖުރީ ސަނަތުން 617 ވަނަ އަހަރު (މީލާދީ ސަނަތުން 1220 ވަނަ އަހަރު) ގައެވެ.

ޚަވާރިޒުމަށް ހަމަލާދިނުން

ތަތާރުންގެ ބިޔަ ލަޝްކަރެއް ޚަވާޒުމްއަށް ހަމަލާދިނުމަށް ތައްޔާރުކުރިއެވެ. މިލަޝްކަރަކީ މިހާތަނަށް ތަތާރުން މުސްލިމުންނާއި ހަމަލާދިނުމަށް އެކުލަވާލި އެންމެ ބިޔަ ލަޝަކަރެވެ. މިލަޝްކަރު ހަވާރިޒަމަށް އަންނަ ޚަބަރު ލިބުމާއިއެކު މުސްލިމުންވެސް އެބައިމީހުންގެ ވަތަން ދިފާއުކުރުމަށް ތައްޔާރުވެ އެރަށް ވަރަށް ވަރުގަދައަށް ބަންދުކޮށް ފާރުތައް ބަހަލައްޓަންފެށިއެވެ.  އެއާއިއެކު، ތަތާރުންނަށް އެރަށުގެ ތެރެއަށް ނެވަނދެވި ގިނަދުވަސްތަކެއް ވާން ފެށުމާއިއެކު ތަތާރުންގެ އާލަޝްކަރުތައް މަދަދުވެރިވުމަށް ފޮނުވިއެވެ. ނަމަވެސް، ފަސްމަސްދުވަސް ވެގެންދިޔައިރުވެސް ޚަވާރިޒުމް ހިފޭވަރެއް ތަތާރުންނަކަށް ނުވިއެވެ. ތަތާރުންގެ މަސައްކަތުން އެރަށުގެ ފާރުން ބައަކަށް ބޮޑެތި ގެއްލުންތަކެއްދީ ރަށުގެ ތެރެއަށް ވަދެވޭގޮތް ވިއެވެ. ނަމަވެސް، ފުރަތަމަކޮޅުގައި ތަތާރުންނަށް ކުރިއެރުންތަކެއް ނުލިބުނު ނަމަވެސް، ދާދި ކުޑަދުވަސްކޮޅެއްގެ ތެރޭގައި މުސްލިމުންގެ މައްޗަށް ތަތާރުން ގަދަވެ މުސްލިމުންތައް ގަތުލުކުރަންފެށިއެވެ. އަދި އެރަށުގެ ޑޭމެއް ހަލާކުކޮށް މުޅިރަށުގައި ފެންބޮޑުވިއެވެ. މިއާއިއެކު ގިނަ މުސްލިމުންތަކެއް އެ ފެންގަނޑުގައި ޣަރަގުުވެސްވެ މުޅިރަށް ސުންނާފަތިކުރިއެވެ.

ޚަވާރިޒުމްގެ ދެކުނުން ވެރިކަން ކުރަމުން ގެންދިޔައީ މުހައްމަދު ޚަވާރިޒުމްގެ ދަރިކަލުން ޖަލާލުއްދީން އިބުނު މުހައްމަދު ޚަވާރިޒުމް ޝާހެވެ. ޖަލާލުއްދީނު ވެރިރަށަކީ ޣަޒުނާގައެވެ. އެއީ ކާބުލްގެ 150 ކިލޯމީޓަރު ދެކުނެވެ. ޚަވާރިޒުމް ސުންނާފަތުކުރުމަށްފަހު ތަތާރުން ކުރިމަތިލީ ދެކުން ޣަޒުނާއާއިއެވެ. ޖަލާލުއްދީން ދިޔައީ ތަތާރުންގެ ފަސްމަގުބަލަމުންނެވެ. އެހެންކަމުން، ތަތާރުންނާއި ދެކޮޅަށް އެހީއެއްލިބޭތޯ އެދިއެދި ހުރި ޖަލާލުއްދީނަށް އެހީތެރިވެދިނުމަށް ތުރުކީގައި އޭރު ވެރިކަން ކުރަމުން ގެންދިޔަ ސަލްޖޫކް ދަރިކޮޅުގެ ރަސްގެފާނު ސައިފުއްދީނު ބުހުރާގު 30 ހާސް ސިފައިން ފޮނުވިއެވެ. ތަތާރުން މުސްލިމުންނާއި ދެކޮޅަށް ހަމަލާދޭން ފެށިފަހުން އެއްވެސް މުސްލިމުންގެ ލަޝަކަރަކަށް އެހެން ވެރިއެއްގެ ފަރާތުން މަދަދު ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ސައިފުއްދީން ބުހުރާގުގެ މަދަދުގެ އިތުރުން، ތަތާރުން ސުންނާފަތިކުރި މުސްލިމުންގެ ބިންތަކުން ސަލާމަތްވި ރަސްދަރިކަލެއް ކަމަށްވާ މާލިކް ޚާނާއި މާލިކާއިއެކު ސަލާމަތްވި 60 ހާސް ސިފައިން ޖަލާލުއްދީނުގެ ލަޝްކަރާއި ގުޅުނެވެ.

މުސްލިމުންގެ މިއެއްބައިވަންތަ ލަޝްކަރާއިއެކު ތަތާރުންނާއި ކުރިމަތިލިއެވެ. މިހަގުރާމަ ތިން ދުވަހަށް ދިގުދެމިގެންދިޔައެވެ. އެއަށްފަހު ތަތާރުންގެ މައްޗަށް މުސްލިމުންގެ ލަޝްކަރުން ކާމިޔާބު ހޯދިއެވެ. ގިނަ އަދަދެއްގެ ތަތާރުން ގަތުލުވިއެވެ. އަދި ސަލާމަތްވީ ތަތާރުން އަބުރާ ޖެންކީޒް ޚާނު އަރިހަށް ދިޔައެވެ.

މުސްލިމުންނަށް މިލިބުނު ނަސްރާއިއެކު ޖަލާލުއްދީން ޖެންކީޒް ޚާނަށް މުސްލިމުންނާިއ ދެކޮޅަށް އަލުން ހަގުރާމައަށް ދައުވަތު ދިނެވެ. މިހަގުރާމަ ކާބުލްގައި ކުރިއަށް ގޮސް މުސްލިމުންނަށް ތަތާރުންގެ މައްޗަށް ނަސްރުލިބުނެވެ. މިހަގުރާމައިގައި ތަތާރުންގެ އެތަށް ބަޔަކު ގަތުލުވެ މުސްލިމުންގެ ތެރެއިން ހައްޔަރުކޮށްފައިތިބި އެތަށް މުސްލިމުންނެއް ސަލާމަތްވިއެވެ. އަދި ގިނަ އަދަދެއްގެ ޣަނީމާ މުދާ ލިބުނެވެ.

މިޣަނީމާ މުދާ ބަހާނެ ގޮތާއިމެދު ތިން ލީޑަރުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެދުނެވެ. މިޚިޔާލު ތަފާތުވުން ތަކުގައި ހައްލެއް ނުލިބި އެންމެފަހުން ކަނޑިއުފުލުނެވެ. މިހަމަނުޖެހުމުގައި ސައިފުއްދީނު ބުހުރާގުގެ ކޮއްކޮ ގަތުލުވެ އެފަރާތުންގެ ލަޝްކަރު ޖަލާލުއްދީނާއި ވަކިވިއެވެ.

މިހުރިހާ ހަމަނުޖެހުމަށް ހިގަމުންދިޔައިރު ތަތާރުން ދަނީ އަލުން މުސްލިމުންނާއި ދެކޮޅަށް ނިކުތުމަށް ތައްޔާރުވަމުންނެވެ. ތަތާރުންނަށް ލިބުނު ދެނާކާމިޔާބީ އާއި ގުޅިގެން މުސްލިމުން ދެކޮޅަށް ވަރުގަދަ ހަމަލާއެއް ދިނުމަށް ތައްޔާރުވިއެވެ. މިލަޝްކަރާއިއެކު ޖެންކީޒް ޚާން ދަތުރުކުރިއެވެ. މިލަޝްކަރު ޖަލާލުއްދީނާއި ކުރިމަތިލުމަށް އަންނަ ޚަބަރު ލިބުނުއިރު ޖަލާލުއްދީނުގެ ލަޝްކަރުގެ މުހިންމު ބައެއް ވަނީ ޖަލާލުއްދީނުގެ ލަޝްކަރާއި ވަކިވެގެންގޮސްފައެވެ. މިއާއިއެކު ތަތާރުންނާއި ކުރިމަތިލުން ޖަލާލުއްދީނަށް ކުޅަދާނަކަމަކަށްނުވިއެވެ. އެއާއިއެކު ޖަލާލުއްދީނު އޭނާގެ ބައްޕަ ފަދައިން އެރަށްދޫކޮށް ފިލަންނިކުތެވެ. ޖަލާލުއްދީނާއި ޖަލާލުއްދީނުގެ ލަޝްކަރު ތަތާރުންގެ ކިބައިން ސަލާމަށްވުމަށް މިހާރުގެ ޕާކިސްތާނު ސަރަހައްދުން ދަތުރުކުރަމުން ގޮސް ސިންދުކޯރާއި ހަމައަށް ފޯރިއެވެ. ކޯރުގެ އަނެއްފަރާތުގައި ވަނީ ޣޫރީންގެ ވެރިކަމެވެ. އެވެރިކަންވެސް ތަތާރުންނަށްވުރެ ރަގަޅުވާނެކަމަށް ވިސްނާ އެކޯރު ހުރަސްކުރުމަށް ނަވަކަށް އެދުނެވެ. ނަމަވެސް، އެއަށްވުރެ ކުރިން ތަތާރުން އައިސް ޖަލާލުއްދީނާއި ކުރިމަތިލިއެވެ. އެންމެފަހުން ގޮތްހުސްވެ ތަތާރުންނާއި ދެކޮޅަށް ހަގުރާމަފެށިއެވެ. މިހަގުރާމަ ކުރީގެ ހުރިހާ ހަގުރާމަތަކަށްވުރެ ވަރުގަދަވެފައި ހޫނެވެ. މިހަގުރާމަ ތިން ދުވަހަށް ދިގުދެމިގެން ދިޔައިރު ދެލަޝްކަރަށްވެސް ވަނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެފައެވެ. އެގޮތުން، މުސްލިމުންގެ ލަޝްކަރުގެ އެއްލީޑަރު ކަމަށްވާ މާލިކް ޚާންވެސް މިހަގުރާމައިގައި ޝަހީދުވިއެވެ. ޖަލާލުއްދީނު އެދުނުގޮތަށް ނަވަށް އާދެވުނީ ތިން ދުވަސްފަހުންނެވެ. ނަވަށް އާދެވުމާއިއެކު ޖަލާލުއްދީނު ނިންމީ އަވަހަށް ނަވަށްއަރައިގެން ފިލަންދިއުމަށެވެ. ބައްޕަފަދައިންނެވެ.

ޣަޒްނާ ހިފުމަށްފަހު އެރަށުގެ މުސްލިމުން ޝަހީދުކުޅައެވެ. އެއަށްފަހު ޝަހަރަކަށްފަހު ޝަހަރަކަށް ހަމަލާދީ މުސްލިމުންތައް ޝަހީދުކުޅައެވެ. ޖެންކީޒް ޚާންގެ ހުވަފެން ހަގީގަތަކަށްވީއެވެ. އަފްޣާނިސްތާން ގާތްގަޑަކަށް ހިފުނީއެވެ. އަފްޣާނިސްތާން އޮންނަ ގޮތުން އެގައުމު ހިފުމަކީ އުދަގޫކަމެކެވެ. ނަމަވެސް ފަސޭހަކަމާއިއެކު ޖެންކީޒް ޚާން އަފްގާނިސްތާނު ހިފިއެވެ.

މިހުރިހާ ކަމެއް ހިގާފައިވަނީ ހިޖުރީ ސަނަތުން 617 ވަނަ އަހަރުގައެވެ. ގާތްގަޑަކަށް އެންމެ އަހަރެއްގެ ތެރޭގައި، ހަވާރިޒުމްގެ ވެރިކަމުގެ މައި ސަރަހައްދުތައް ބިމާއި ހަމަކުރިއެވެ. އެގޮތުން، ސަމަރުގަންދާއި، މަރޫ އާއި ނައިސާބޫރާއި ހެރާތާއި ޣަޒުނާއާއި އަދި އެޝަހަރާއި ގުޅިފައިވާ އެހެނިހެން ޝަހަރުތައްވެސް ބިމާއިހަމަކުރިއެވެ. މިހާއިއެކު ޚަވާރިޒުމް އެއްކޮށް ކަހަލަގޮތަކަށް ތަތާރުންގެ ބާރުގެ ދަށަށްދިޔައެވެ.

(ނުނިމޭ)

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !