A wide advertisement which will be shown on all devices. (700 x 100)

ތާރީޚު: ދިވެހި ރާއްޖޭގައި މަރުހިފުމުގެ ހާދިސާ 1

ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން 1953

ދިވެހި ތާރީޚު ދައްކާ ގޮތުން ދިވެހިރާއްޖޭގައި ގާނޫނީ ގޮތުން ހުކުމްކޮށް މީހުން މެރުން ނުވަތަ މަރުހިފުމަކީ ކޮށްއުޅުނު ކަމެއް ނޫނޭ ބުނެވިދާނެއެވެ. އެހެނީ ދިވެހިރާއްޖޭގައި އިސްލާމް ދީން ގާއިމުކުރެވުނު ކަމަށް ބަލާ މީލާދީ ގޮތުން 1153 ވަނަ އަހަރުން ފެށިގެން މިހާތަނަށް (2020 އަށް) 867 އަހަރު ވެފައިވާއިރު މަރުހިފުމުގެ ހާދިސާއަކަށް އެނގެން އޮތީ އެންމެ ހާދިސާއެވެ. އެއީ މީގެ 67 އަހަރު ކުރިން، 1953 ގައި ހުކުމް ތަންފީޒުކުރުމުގެ ގޮތުން ގއ.ނިލަންދޫ ހަކީމު ދީދީ ގަޔަށް ބަޑިޖަހައި މެރުމުގެ ހާދިސާއެވެ.

މި ހާދިސާއިން އެގެން ހުރި މައުލޫމާތުތަކަށް ވިސްނާލާއިރު ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއީ މެރުމުގެ އެހާދިސާ ހިނގާފައިވާ އެވަނީ އެންމެ ފުރިހަމައަށް ތަހުގީގު ކުރެވި ޝައްކެއްނެތް މިންވަރަށް ކުށް ސާބިތުކުރެވިގެން ބާވައެވެ؟ އަދި އެ މަރުހިފުން ކުރިޔަށްގެންދެވިފައި ވަނީ އިސްލާމް ދީނުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި އެއްގޮތަށް ބާވައެވެ؟ ނަމަވެސް މަރުހިފުމުގެ އެހާދިސާ އެއޮތީ ދިވެހިރާއްޖޭގައި ހިނގާފައެވެ. ދެން އޮތީ އެކަމުން އިބުރަތް ލިބިގަތުމެވެ.

މަރުހިފުމުގެ މިހާދިސާއަށް ބަލާއިރު އެގެންއޮތީ އެއީ ގދ.އަތޮޅު ވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދައި/ވިހަ ބޯންދީގެން ބަޔަކު އޭނާ މަރާލުމާއި އަދި އޭރުގެ ރާއްޖޭގެ ބޮޑުވަޒީރު މުހައްމަދު އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ފަންޑިތަ ހެދުމާއި ގުޅިގެން އައި މަރުހިފުމުގެ ހުކުމެއް ކަމެވެ. ދިވެހި ތާރީޚުގައި މިވާހަކަ މަޝްހޫރުވެފައި ވަނީ ރައީސް އަމީނު ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދުމުގެ ސަބަބުން މަރުހިފުމަށް ކުރެވުނު ކަމެއްގެ ގޮތުގައެވެ. ނަމަވެސް މައްސަލާއިގެ އަސްލު ގުޅެނީ މުޅިން އެހެން މީހަކަށް ސިހުރު ހަދައި މަރުވި މައްސަލައަކާއެވެ. މިހާދިސާތައް ހިނގާފައި ވަނީ މީލާދީން 1952 އާއި 1953 ގައެވެ.

މައްސަލައިގެ ހާދިސާ

އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުރި ވީރު އަލީ ދީދީގެ އާއި މެދު އެ އަތޮޅު ވިލިގިލީ ދޮން އަހުމަދުގެ އަނީސް ކިޔާ މީހަކާއި ދެމެދު އުފެދުނު އަދާވަތްތެރިކަމެއްގެ ސަބަބުން އަތޮޅުވެރިޔާ ވީރު އަލީ ދީދީއަށް ސިހުރު ހަދުވައި ވިހައެއް ބޯންދީ އޭނާ މަރާލުމާއި ގުޅިގެން ހިންގި ތަހުގީގެކެވެ. މި އަދާވާތްތެރިކަމަކީ ހުވަދުއަތޮޅު ތިނަދޫއާއި އެއަތޮޅު ވިނލިގިއްޔާ ދެމެދު ކުރީއްސުރެ އޮތް ރަށުގެ ވާދަވެރިކަމުގެ ބައެކޭ ވެސް ބުނެއެވެ. ހުވަދުއަތޮޅު (ގއ. އަދި ގދ. އަށް) ދެބައި ކުރުމުގެ ކުރިން ތިނަދޫ އާއި ވިލިނގިއްޔަކީ ވަރަށް ވާދަވެރި ދެރަށްކަމަށް ވެއެވެ. ވެރިކަން ކުރަމުން އައީ ތިނަދޫގައެވެ. މައްސލާގައި ހިމެނޭ މަޝްހޫރު ފަންޑިތަވެރިޔާ ހަކީމު ދީދީގެ ރަށަކީ ވިލިނގިއްޔާއި ޖެހިގެން ކައިރީގައި އޮންނަ ނިލަންދޫ އެވެ.

ތިނަދޫގައި ހުރި އަތޮޅުވެރިޔާ ވީރު އަލީ ދީދީ އަކީ ދައުލަތުގައި ބަސްވިކޭ ބާރުގަދަ ވެރިއެކެވެ. އެއާއެކު މުޅި ރާއްޖޭގައި ވެސް އޭރު ހުރި ބާރުގަދަ ފަންޑިތަވެރިޔާ ހަކީމު ދީދީ އާއި މެދު އަތޮޅުވެރިޔާ އެހާ ރުހޭ ކަމަކަށް ނުވެއެވެ. އަތޮޅުވެރިކަމުގެ ބާރާއި ފަންޑިތަވެރިކަމުގެ ބާރުގެ ދެމެދުގައި އޮތް ނުތަނަވަސް ކަމަކީ ބާވައެވެ؟ ވީރު އަލީ ދިދީ އަތޮޅުގެ ރަށްރަށަށް ދަތުރުކޮށް ދައުލަތަށް ދައްކަން ޖެހޭ “ޓެކްސް” (ހިކިމަހާއި ކުފުރާ) ދައްކަމުން ދޭތޯ ބަލަމުންދިޔައެވެ. 1952 ގައި އަމީން ދީދީގެ ބޮޑު ވަޒީރުކަމުގައި ހުރިހާ ވިޔަފާރިއެއްގެ ކޮންޓްރޯލް މާލެއަށް ނެގުމުގެ ނުތަނަވަސްކަން ދެކުނުގެ 4 އަތޮޅުގައި ވެސް އޮތެވެ. އެއާއެކު އަމީނު ދީދީގެ ޒަމާނީ ވިސްނުމާއި ދެކޮޅު މީހުންވެސް އުފެދެމުން ދިޔައެވެ. އެގޮތުން އަމީނު ދީދީގެ އުސޫލުތަކުގެ ދަށުން ރަށްރަށުގައި ސީދާ ބޮޑެތި މަގުތައް ހަދަންމުން ދިއުމުން މީހުންގެ ގޯތިން ބައެއް ގެއްލުމާއި ރުއްގަސް ގެއްލި، ބަދަލެއް ނުލިބި ދިޔުމުން މީހުންގެ ނަފުރަތު ބޮޑުވަމުން ދިޔައެެވެ. އަދި އަންހެނުން ކުރިއަށްނެރެން ކުރި މަސައްކަތަށް ވެސް އޭރު ގިނަބައެއްގެ ނުރުހުން އޮތެވެ.

އަތޮޅުވެރިޔާ ވީރު އަލީ ދީދީއަކީ އަމީނުގެ އިތުބާރު އޮތް އޭނާގެ އުސޫލުތައް ހުވަދުއަތޮޅުގައި ހިންގަމުން އައި ބާރުގަދަ ވެރިއެވެ. ދެރަށުގެ ވާދަވެރިކަމާއި އެކު ވީރު އަލީ ދީދީ ނެތިކޮށްލުމަށް (މަރާލުމުށް) ވާދަވެރި ވިލިނގިލީ ފަންޑިތަވެރިޔާ ދޮން އަހުމަދުގެ ދަރި އަނީސް (ރެކިފުތާ) ގެ ނިޔަތް އޮވެމެ، އެކަމަށް ނިލަންދޫ ހަކީމު ދީދީގެ އެހީތެރިކަން ހޯދިއެވެ. އެގޮތުން ވީރު އަލީ ދީދީ އާއްމުކޮށް އަތޮޅުތެރެގައި ކުރާ ދަތުރުގެ ބުރެއްގޮތުން ވިލިނގިޔަށް ކުރި ދަތުރަކަށް އަނީސް އާއި އޭނާގެ ބައިވެރިން ތައްޔާރުވަމުން ދިޔައެވެ.

އަނީސްގެ އެދުމަށް، އޭރު މުޅި ރާއްޖެއިން ވެސް މަޝްހޫރު، ފަންޑިތަވެރިޔާ ގއ. ނިލަންދޫ ޙަކީމް ދީދީ ވިލިގިއްޔަށް ގެނެސް ސިހުރުގެ ފަންޑިތައެއް ހެދިއެވެ. މި ސިހުރު ހެދުމުގައި ހަކީމު ދީދީގެ އިތުރުން ގއ. ވިލިނގިލީ ދޮންދިޔަގެ އަލީ ތައްޚާނާއި، ދޮން އަހުމަދުގެ އަލީ ތަކުރުފާނާއި، ދޮން އަހުމަދުގެ އައިސާ ފާނު އަދި ދޮން އަހުމަދުގެ އަނީސް ގެ އަންހެނުން ފާތިމަތު ދީދީ އެކިގޮތްގޮތުން ބައިވެރިވެފައި ވެއެވެ.

ދިވެހި ތާރީޚުގައި މަރުގެ ހުކުމް ތަންފީޒު ކުރި ހަމައެކަނި ހާދިސާގެ ކުށްވެރިން އަދި އޭރުގެ ރައީސް މުހައްމަދު އަމީނު ދިދީ

ވިލިނގިލީ ފަޅުތެރެއިން އަނީސް ވިހަ ހިކައެއް ހިފައިގެން އައިސް ސިހުރު ހަދުވާފައިވާ ވިހަ ހިކަ ލައިގެން އައިސާފާނު ލައްވައި ސައި ކެއްކުވިއެވެ. އަދި އެސައި ވީރު އަލީ ދީދީއަށް ގެންގޮސް ދިިނީ އަނީސްގެ އަންހެނުން ފާތިމަތު ދީދީއެވެ.

ވިލިގިއްޔަށް ކުރާ ދަތުރު ތަކުގައި ވީރު އަލީ ދިދީއަށް އަބަދުވެސް ދޮން އަހުމަދު ގެއިން ސަޔަށް ދައުވަތު ލިބެއެވެ. އެގޮތުގެ މަތީން އެފަހަރު ވެސް ދައުވަތު ލިބި، ދޮން އަހުމަދާއި އެކު އެގޭގައި ބޯކިބަލާއި އެކު ސަޔާއި ބޮމުން ސިޔާސީ ވާހަކައާއި ދައުލަތަށް ދައްކަން ޖެހޭ “ޓެސްކްގެ” ވާހަކަ ދައްކަމުން ދިޔަކަމަށް ވެއެވެ. އެ ދަތުރުގައި ބޮޑަށް ވާހަކަ ދެކެވުނީ ރާއްޖޭގެ އައު ޒުވާން ލީޑަރު އަމީން ދީދީ ގައުމުގެ ކަންކަމާއި ހަވާލުވެފައިވާ ވަހަކައާއި މާލެ ފޮނުވަން ޖެހޭ “ޓެކްސް”ގެ ވާހަކަ ކަމަށްއެވެ. އެދުވަސްވަރުގެ ރައްޔިތުންގެ އަތްމަތި ދަތިކަމާއި (ދެވަނަ ބޮޑު ހަގުރާމައަށްފަހު ރާއްޖެއަށް ކުރިމަތިވި ތަދުމަޑުކަން) ވިޔަފާރިތައް މާލެއިން ކޮންޓްރޯލްކޮށް ޓެސްކް ނަގާތީ ދޮން އަހުމަދުގެ އޮތް ނުތަނަވަސްކަން ހާމަކުރިއެވެ.

ސައިބޮއެ ނިމި މާގިނަ އިރެއްނުވެ ވީރު އަލީ ދީދީގެ ހަތަރެސްފައިން ބާރުދަށްވާން ފަށައި، އަތްފައި ތުރުތުރުލައި ވާހަކަ ދެއްކުމަށް އުނދަގޫވެ ހާލު ދެރަވާން ފެށިއެވެ. އަދި ލޮލުގެ ކަޅި ހުއްޓި ހޭނެތިގެން ވެއްޓުނެވެ. އެއާއެކު އަތޮޅުު ބައްތެލީގައި އައި ވީރު އަލީދީދީގެ ބައިވެރިން އަވަހަށް އޭނާ ނަގައި އަނބުރާ، އަތޮޅުގެ އަނެތް ބިތުގައި (ހުޅަގުބިތުގައި) އޮންނަ، ތިނަދޫއަށް ގެންދިޔައެވެ. ނަމަވެސް ހާލު ދެރަވަމުން ގޮސް އެންމެ ފަހުން ވީރު އަލީ ދީދީ މަރުވެ، ހާދިސާއަށް 24 ގަޑިއިރު ވަޅުލައިފިއެވެ.

ވީރު އަލީ ދީދީގެ މަރުގެ ޚަބަރު މާލެއަށް، މުހައްމަދު އަމީނަށް ލިބުމުން ބޭނުންފުޅުވީ އެ މައްސަލަ ތަހުގީގު ކުރުމަށް އަމިއްލައަށް ހުވަދުއަތޮޅަށް ދަތުރު ކުރައްވާށެވެ. އަމީން ދީދީގެ މި ދަތުރުގެ މައުލޫމާތު ހަކީމް ދީދީ އަށާއި ބައިވެރިންނަށް ވެސް ލިބި އަމީނު ދީދީއަށް ސިހުރުން ހަމަލާދީ ނެތިކޮށްލުމަށް، ނުވަތަ އޭނާގެ ބާރު ކަނޑުވާލުމަށް ތައްޔާރުވަމުން ދިޔައެވެ. (ނޯޓު: ގއ. އަދި ގދ.ގެ ބައެއް މީހުން ބުނާ ގޮތުގައި މުހައްމަދު އަމީނު މައްސަލަ ބެއްލެވުމަށް ހުވަދުއަތޮޅަށް ދަތުރުކުރެއް ނުކުރައްވައެވެ.)

(ނުުނިމޭ)

ނޯޓް: މިހާދިސާގެ މައުލޫމާތު ގެނެސް ދީފައި ވަނީ މިކަމާއި ގުޅޭގޮތުން އެކި ފަރާތްތަކުން ލިޔެފައިވާ ލިޔުންތަކުގެ މައްޗަށް ބަލައިގެންވެ. އެގޮތުން މި ހާދިސާ ގއ. ނިލަންދޫއަށް ދަތުރުކޮށް އެރަށު މުސްކުޅިންގެ ބަސްތައް ހޯދައި ދިރާސާކޮށް ލިޔުނު ޑެނިއަލް ބޮސްލޭގެ ލިޔުމާއި maldivesculture.com ގެ ލިޔުމާއި ހަވީރު ނޫހުގެ (12 ފެބްރުއަރީ 2002)ގައި ލިޔެފައިވާ ލިޔުމެއް ހިިމެނެއެވެ.

މިހާދިސާ ހިނގިގޮތް ކަމަށް އެކި މީހުން ކިޔައިދީފައިވާ ގޮތާއި އެކި ލިޔުންތަކުގައި ތަފާތު ހުރި ކަން ފާހަގަ ކުރަމަވެ. ވުމާއެކު ސިދާ ތެދު ހަގީގަތަކީ ކޮބަިއކަން ބައެއްކަންކަމުގައި ޔަގީން ކުރެވޭގޮތް ވަނީ ނުވެފައެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !