އެމް.ޓީ ހޯގާޑް އާ ހަވާލުކޮށްފައިވާ ފުވައްމުލައް ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމަށް ތޮށިލުމުގެ މަސައްކަތް ކުރިޔަށް ނުދާތީ ރަށުގެ ގިނަ ފަރާތްތަކުން ކަންބޮޑު ވުން ފާޅުކުރަން ފަށައިފިއެވެ.
ފާއިތުވި 2021 ވަނަ އަހަރު ޑިސެމްބަރު، 12 ވަނަ ދުވަހު ސޮއިކުރި މަސައްކަތު އެއްބަސްވުމުގެ ދަށުން އެމްޓީ ހޯގާޑުން ވަނީ މަސައްކަތުގެ ސައިޓެއް ހަދައި އެތަނަށް ތަކެތި ޖަމާކޮށްފައެވެ.
ތިން ސަތޭކަ މިލިޔަން ރުފިޔާ ޚަރަދުކުރާގޮތަށް އޮތް މިމަސައްކަތް ކަނޑައަޅާފައިވަނީ 1 އަހަރާއި 8 މަސް (606 ދުވަސް) ދުވަހެވެ. ނަމަވެސް މަސައްކަތަށް ބޭނުންވާ ކަންކަން ސަރުކާރުން ފަހިކޮށް ނުދެވޭނަމަ މިމުއްދަތު ދިގުދެމިގެން ދާނެއެވެ.
ރަސްގެފަންނާއި ބަނޑަހަލް ފަންނާއި ދެމެދު ގާއިމުކުރެވިފައި ހޯގާޑުގެ ސައިޓުގައި މަސައްކަތް ކުރުމަށް ވޯކްޝޮޕް ގާއިމުކޮށްފައި ވަނީ ރަސްގެފަންނު އުސް ފަސްގަނޑުގައެވެ. އަދި އެކޮމެޑޭޝަނާއި ތަކެތި ބަހައްޓާނޭ ތަންތަން ހަދާފައިވަނީ މުދިންގޭ ފަންނާއި ބަނޑަހަލްފަންނާއި ދޭތެރޭގައެވެ.
ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ހޯގާޑުގެ ޓްރައް ފުވައްމުލަކުގެ އުތުރުފަރާތު ފަރުމަތިން ދުއްވާތަން ފެނިފައި ވެއެވެ. އެއިގެ ފަހުން އެސައިޓްގައި މަސައްކަތުގެ އެއްވެސް ހިލަމެއް ނުވާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބިފައި ވެއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި އެމްޓީ ހޯގާޑްގައި މަސައްކަތް ކުރުމަށް 32 މީހަކު ފުވައްމުލުގައި އެބަތިއްބެއެވެ. އެއިގެ ތެރޭގައި ހިމެނެނީ ފުވައްމުލަކުގެ 3 މީހުންނާއި އެހެން ރަށްރަށުގެ މީހުނާއި ބޭރު މީހުންގެ 29 މީހެކެވެ. މީގެ ތެރޭގައި ޑެންމާކްގެ މީހަކު ވެސް ހިމެނެއެވެ.
ފުވައްމުލަކުގެ އިރު އުތުރު ފަރާތުން ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތަކީ ހޯގާޑާއިއެކު މަސައްކަތުގެ އެއްބަސްވުމެއް ހެދުމާއި ހަމަޔަށް ވެސް 10 ވަރަކަށް އަހަރުވެފައި ވާ މަޝްރޫއެކެވެ. އަމަލީ މަސައްކަތެއް ނުފެނި ގިނަ އަހަރުތަކެއް ދިއުމަށްފަހު އެންމެ ފަހުން ހޯގާޑާއި މަސައްކަތް ހަވާލުކުރުމުން ފުވައްމުލަކު ރައްޔތުންގެ އުއްމީދުތައް އާލާވިއެވެ. އެއީ ހޯގާޑް ކުންފުންޏަކީ ފުވައްމުލަކުގެ ބަނދަރު ހެދި ވަރުގަދަ ކުންފުންނަކަށް ވުމާއި އެކުންފުނީގެ މަސައްކަތުގައި ގިނައިން ރަށުގެ މީހުން ބައިވެރިކުރާނެ ކަމަށް ބެލެވިފައި ވާތީއެވެ. އެހެނީ 2000ގެ ކުރީ ކޮޅު ބަނދަރު ގެ މަސައްކަތް ކުރި އިރު ހޯގާޑުގައި %95 އަށް ވުރެ ގިނަނިން ތިބީ ފުވައްމުލަކުގެ މީހުން ކަމަށް ވުމުންނެވެ.
ނަމަވެސް މިފަހަރު ކަންތައް ވެގެން ދިޔައީ މުޅިން އިދިކޮޅަށެވެ. ރަށުގެ މީހުން ވަޒީފާއަށް އެދިއެދި ތިއްބާ ވެސް ހޯގާޑުގެ ވަޒީފާއަށް ގެނެސްފައިވަނީ ގިނައިން ބިދޭސީ އާދައިގެ މަސައްކަތު މީހުންނެވެ. މިހާރުވެސް ފުވައްމުލަކުގެ އެކިއެކި މީހުން ހޯގާޑުގެ ވަޒީފާލިބޭތޯ އެކިގޮތްގޮތުން މަސައްކަތް ކުރަމުން އަންނަކަން މިކަލް ނޫހަށް ވަނީ އެނގިފައެވެ.
ތޮށިލުމުގެ މަސައްކަތް ކުރިޔަށްނުދާ ސަބަބާއި ގުޅޭ ގޮތުން މައުލޫމާތު ލިބޭތޯ ކުރި މަސައްކަތުން އެނގުނީ ހޯގާޑުންގެ މަސައްކަތްށް ބޭނުންވާ ފައިސާ ހޯދުމުގައި ދަތިތަކެއް ދިމާވެގެން އުޅޭ ކަމެވެ. އެއީ ކުރިން ހަމަޖެހޭ ގޮތަށް އޮތް ލޯނެއް ހަމަނުޖެހި ލަސްވެގެންދާތީ ކަމަށްވެއެވެ. މަސައްކަތް ކުރިޔަށްގެންދެވޭނީ އެފައިސާ ހަމަޖެހުމުން ކަމަށް ވެއެވެ.
ފައިސާ ނުލިބި ސައިޓްގައި ގިނަ އަދަދެއްގެ މުވައްޒަފުންނާއެކު މަސައްކަތެއް ނުކުރެވި ތިބެން ޖެހުމުން ހޯގާޑަށް ވެސް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވަމުން އަންނަ ކަމަށް ވެއެވެ.
މި މަޝްރޫޢަކީ އިންވެސްޓް އިންޓަނޭޝަނަލް، ނެދަލެންޑްސްގެ ގްރާންޓް އެހީ އާއި، ކުވޭތު ފަންޑް ފޯ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ލޯނު އެހީގެ އިތުރުން ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލައް ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރު-އުތުރު ފަރާތުގައި ބޮޑުހިލަ ޖަހައިގެން 2.65 ކިލޯ މީޓަރުގެ ދިގުމުނުގެ ތޮއްޓެއް ލުމަށް ޑިޒައިން ކުރެވިފައި ވެއެވެ. މިއީ ރާއްޖޭގެ ރަށެއްގައި ތޮށިލުމަށް ހިންގޭ އެންމެ ބޮޑު ޕްރޮޖެކްޓް ކަމަށް މިނިސްޓަރު އަސްލަމު ވިދާޅުވެފައި ވެއެވެ.
މިކަލް ނޫހަށް މައުލޫމާތު ލިބުނު ގޮތުގައި މި މަޝްރޫއާއެކު ފުވައްމުލަކުގައި ފަތާ ފެންގަޑެއް ވެސް ހެދިގެން ދާނެއެވެ. އަދި ފުވައްމުލަކުގެ ރިންގް ރޯޑްއާއި ގުޅިގެންދާ ގޮތަށް ރަށުގެ އިރު-އުތުރު ފަރާތުން ބޮޑުމަގެއް ހެދިގެންދާނެއެވެ. ނަމަވެސް މިކަމުގެ ތަފުސީލެއް ލިބޭގޮތް ވަނީ ނުވެފައެވެ.
ޚިޔާލުތައް