ރޭ ކުޅެވުުން ކިންގް ސްޕޯޓްސް ބާބާ ގާޑިޔާ ރޯދަ ފުޓްސަލް 1444 މުބާރާތުގެ ފައިނަލް މެޗުން މޮޅުވެ ޗެމްޕިއަންކަން ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން ހޯދައިފިއެވެ.
ފައިނަލް މެޗުގައި ދަޑިމަގު ޓީމާއި ވާދަކުރީ ފުވައްމުލަކުގެ ފުޓްސަލްގައި ގަދަ ބާރެއް ކަމަށްވާ ހޯދަޑު ސްޕޯޓްސް ކްލަބެވެ. ރޭގެ މެޗު ދަޑިމަގު ޓީމުން ކާމިޔާބުކުރީ 2-0 އިންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތް ނުވި ނަމަވެސް އިދިކޮޅު ގޯލަށް ނުރައްކާ ކުރަމުން ގޮސްފައިވެއެވެ. މުޅި މެޗުގައި ވެސް ދަޑިމަގު ޓީމުން ގިނަ ވަގުތު އެމީހުން ކޮންޓްރޯލްގެ ދަށުގައި ބޯޅަ ބާއްވައިގެން ކުޅެމުން ދިޔައެވެ.
މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކުރީ މެޗު ނިމެން 3 މިނިޓަށް ވެފައި ވަނިކޮށް ދަޑިމަގު ޓީމުގެ އަހުމަދު ހަމީދެވެ. ދަޑިމަގު ޓީމުގެ ދެވަނަ ގޯލަކީ މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ހޯދަޑު ޓީމަށް ލިބުނު ކޯނަރެއްގައި ގޯލް ކީޕަރު، އަޝްރަފު ގޯލު ދޫކޮށްލާފައި އިދިކޮޅު ހާފުގެ ތެރެއިން ކުޅެން އުޅުނު ބޯޅައެއް އިދިކޮޅު ކުޅުންތެރިޔާ އަހުމަދު ސިނާހް އަށް ލިބުމުން، އެނާ އަމިއްލަ ހާފުގެ ތެރޭގައި ހުރެފައި ހުހަށް ހުރި ގޯލަށް ދުރުން ބޯޅަ ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އެއާއެކު މެޗުގެ ނަތީޖާ ޔަގީންވެގެން ދިޔައެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދަނޑިމަގު ޓީމުގެ އަހުމަދު ހަމީދެވެ.
ރޭގެ ފައިނަލް މެޗު ނިމުމުން މުބާރާތުގެ ވަނަތަކަށް އިނާމާއި ސެޓްފިކެޓް އަދި ތަށި ދިނުން އޮތެވެ. އިނާމުތައް ހަވާލުކޮށްދެއްވީ މޭޔައރު އިސްމާއީލް ރަފީގު އެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ:
ދަނޑިމަގު ޓީމުގެ އަހުމަދު ހަމީދު.
މުބާރާތުގައި އެނެމ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ:
އަހުމަދު ސިނާހް – ދަޑިމަގު ސްޕޯޓްސް ރ. ކްލަބް، 7 ގޯލު.
މުބާރާތުގައި އެންމެ މޮޅު ގޯލު ކީޕާރު:
އަބްދުﷲ ސުމައިދު ސޯލިހު – ދަޑިމަގު ސްޕޯޓްސް ރ. ކްލަބް،
މުބާރާތުގެ އެންމެ މޮޅު ކޯޗު:
އަޅި ޝަރީފު – ދަޑިމަގު ސްޕޯޓްސް ރ. ކްލަބް،
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ދަނޑިމަގު ޓީމުގެ އަހުމަދު ހަމީދެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ
އަހުމަދު ސިނާހް – ދަޑިމަގު ސްޕޯޓްސް ރ. ކްލަބް،
މުހައްމަދު ސާދު ނިޒާރު – ދަޑިމަގު ރ. ސްޕޯޓްސް ކްލަބް،
އިނާން އަހުމަދު – ހޯދަޑު ސްޕޯޓްސް ކްލަބް,
މުހައްމަދު އިމްރާން – ހޯދަޑު ސްޕޯޓްސް ކްލަބް,
އަލީ ޝާމިސް (ކިއްލާ ސްޕޯޓްސް ކްލަބް) އެވެ.
މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކީ؛
އަބްދުﷲ ރަޝީދު – ކިއްލާ ސްޕޯޓްސް ކްލަބް
ފެއާ ޕްލޭ ޓީމަކީ:
އެފްސީ ދަޑިމަގު ޓީމެވެ.
މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވިފައި ވަނީ ‘ޓީމު އެއްވަނަ’ ގެ ގޯލްކީޕަރު މުހައްމަދު ރައްޔާނު ސައީދު އެވެ.
މިމުބާރާތުގައި 8 ޓީމަކުން ވާދަކޮށްފައި ވެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރަ ކީ ކިންގްސްޕޯޓްސް އެމް.ވީ އެވެ. މީގެ އިތުރުން ރުން ވެސް ގިނަ ސްޕޮންސަރުން ތަކެއްގެ އހީ މިމުބާރާތަށް ލިބިފައި ވެއެވެ.
ފުވައްމުލައް ސިޓީގައި ފުޓްސަލް ކުރިއަރުވާ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި ބާބާ ގާޑިއާއިން އިސްނަގައިގެން ފެށި މި މުބާރާތް އަންނަ އަހަރު މިއަށްވުރެ ވެސް ފުޅާކޮށް ކުރިޔަށް ގެންދިއުމަށް ހުޅުވާލާނެ ކަމަށް ހަސަން އަތީގު (ބާބާ) މީޑިއާއަށް މައުލޫމާތު ދީފައި ވެއެވެ.
ޚިޔާލުތައް