ގައުމީ އަންހެން ކުރިކެޓް ޓީމު ކުޅުނު ދެވަނަ މެޗުގައި 30 ލަޑު ހަދައިފި

Share on facebook
Share on twitter
Share on google

ނޭޕާލުގައި ކުރިއަށްދާ 13 ވަނަ ސާފް ގޭމްސްގެ އަންހެން ކުރިކެޓު މުބާރާތުގައި ދިވެހި އަންހެން ކުރިކެޓް ޓީމު ކުޅުނު ދެވަނަ މެޗުން ގައި 30 ލަޑު ހަދައިފިއެވެ. ދިވެހި އަންހެން ކުރިކެޓް ޓީމުން ކުޅުނު ދެވަނަ މެޗުން 30 ލަޑު ހަދާފައިވަނީ ކުރިކެޓުގެ ދުނިޔޭގެ ތަށިވެސް ކާމިޔާބުކޮށްފައިވާ ކުރިކެޓުގެ ގަދަ ބާރެއް ކަމަށްވާ ސްރީލަންކާއާއި ވާދަކޮށެވެ. ދިވެހި ޓީމު ކުޅުނު ދެވަނަ މެޗުން 30 ލަޑު ހަމަކުރެވުނު އިރު ދިވެހި ޓީމުގެ ފުރަތަމަ މެޗުން ހެދިފައިވަނީ އެންމެ 16 ލަޑެވެ. ދިވެހި ޓީމުން 30 ލަޑު ހަމަކުރެވުނު ނަމަވެސް މިމެޗު ނިމިގެން ދިޔައީ 249 ލަޑުގެ ބޮޑު ތަފާތަކުން ސްރީލަންކާ މޮޅުވެގެނެވެ.

މިއަދުގެ މެޗުގައި ދިވެހި ޓީމު ފުރަތަމަ ނިކުތީ އުކާށެވެ. ސްރީލަންކާގެ ވަރުގަދަ ބެޓުސް ވިމަނުންގެ ކުރިމަތީގައި މާއެދެވޭ ކުޅުމެއް ދިވެހި ޓީމަށް ނުދެއްކުނު ނަމަވެސް، ދެ ވިކެޓް ނެގިއެވެ. ލަންކާގެ ތިމާށިނީ އެލްބީޑަބްލިއުވެ ނުބައިވީ ދިވެހި ޓީމުގެ ޝައްމާ އަލީ ގެ ބޯޅައަކުންނެވެ. ދެވަނަ ވިކެޓު ނަގާފައިވަނީ ފުވައްމުލަކު ކުރިކެޓް ޓީމުގެ އިތުރުން ގައުމީ ޓީމުގެ ވެސް ކެޕްޓަން މަރިޔަމް ޒޫނާއެވެ. ދިވެހި ޓީމުގެ ވިކެޓް ކީޕަރުކަންވެސް ކުރާ ޒޫނާ ލަންކާގެ އަނާލީ ނުބައިކުރީ ހަލީމަތު ލަތާޝާ އެއްލި ބޯޅަ ހިފައިގެނެވެ. ލަންކާ ޓީމުން 20 އޯވަރު ހަމަވިއިރު 2 ވިކެޓަށް 279 ލަޑު ހެދިއެވެ.

ޖަވާބުގައި ދިވެހި ޓީމުން ކުޅުން ނިކުމެ 15 ވަނަ އޯވަރު ތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހަމަކުރެވުނީ 30 ލަޑެވެ. ދިވެހި ޓީމުން ބެޓުކުރުމަށް ފުރަތަމަ ނިކުތީ ހަމްޒާ އާއި ލީން އެވެ. މިދެކުޅުންތެރިންނަށްވެސް ލަޑެއް ނެހެދި ނުބައިވެފައިވާއިރު ދިވެހި ޓީމުން ތިންވަނަ އަށް ނިކުތް ސުމައްޔާ ވެސް ނުބައިވެގްނ ދިޔައީ އެއްވެސް ލަޑެއް ނެހެދިއެވެ. ހަތަރުވަނައަށް ބެޓުކުރުމަށް ފާތިމަތު ސަޖާނިކުމެ ފުރަތަމަ ބޯޅަ ހަތަރަކަށް ދެވަނަ ބޯޅަ ދޭކަށް ޖަހާ ޓީމަށް އާހިތްވަރެއް ގެނެސް ދިންނަމަވެސް ހަތަރަ ވަނަ ބޯޅައާއިއެކު ނުބައިވިއެވެ. ހަތަރު އޯވަރުތެރޭ ހަތަރު ކުޅުންތެރިން ނުބައިވެފައި ވަނިކޮށް ފަސްވަނައަށް ނިކުތް 21 އަހަރު ޒުވާން ފުވައްމުލަކަށް ނިސްބަތްވާ ކެޕްޓަން ޒޫނާ ޓީމަށް އާ ހިތްވަރެއް ގެނެސްދިނީ ފުރަތަމަ ބޯޅައިންވެސް ލަޑެއް ހަދައިގެނެވެ. އަދި ހަވަނަ ބޯޅަ 4 އަށް ޖަހާ އިތުރު ހިތްވަރެއް ޓީމަށް ގެނެސްދިނެވެ. ނަމަވެސް ވަރުގަދަ ލަންކާ ޓީމާއި ދެކޮޅަށް އަލަށް ވާދަވެރި މުބާރާތަކަށް ނިކުތް ޒުވާން ދިވެހި ޓީމަކަށް މާއެދޭ ކުޅުމެއް ދެއްކޭ ގޮތެއްނުވިއެވެ. ޒޫނާ އާއިއެކު ކުޅެމުން ދިޔަ ސުމައްޔާ ނުބައިވުމުން ދިވެހި ޓީމުން ނިކުތް ހަފުސާ 5 ލަޑު ހެދިއިރު ޒޫނާ ނުބައިވުމުން ނިކުތް އީޝާލް 4 ހެދިއެވެ. އެއަށްފަހު ނިކުތް ކުޅުންތެރިންގެ ތެރެއިން މާހާ 2 ލަޑު އަދި ޝައްމާ 1 ލަޑުހެދިއެވެ.

މިމުބާރާތުގެ ރާއްޖެ ކުޅޭ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ދިވެހި ޓީމު ނިކުންނާނީ ބަންގާޅާއި ދެކޮޅަށެވެ.

 

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments