A wide advertisement which will be shown on all devices. (700 x 100)

ކޮވިޑު ހާލަތު: އިއްޔެ ނަތީޖާ ލިބުނީ އެންމެ 5 ސާމްޕަލެއްގެ، އެއް ސާމްޕަލް ޕޮޒިޓިވު

ފުވައްމުލަކު ސިޓީގެ ކޮވިޑު ހާލަތަށް ބަލާލާއިރު ފާއިތުވީ ދެ ދުވަހުވެސް ފުވައްމުލަކުން ކޮވިޑަށް ޕޮޒިޓިވުވެފައިވަނީ އެންމެ ފަރާތެކެވެ. ނަމަވެސް، ކަންބޮޑުވާން ޖެހޭ ކަމަކީ މި ދެ ދުވަހުވެސް ގިނަ އަދަދެއްގެ ސާމްޕަލްތަކެއް ނެގުނު ނަމަވެސް ނަތީޖާ ލިބިފައިވާ ސާމްޕަލްތަކުގެ އަދަދު މަދުކަމެވެ. އެގޮތުން، އިއްޔެ 151 ސާމްޕަލެއް ނެގުނު ނަމަވެސް ނަތީޖާ ލިބުނީ އެންމެ 5 ސާމްޕަލެއްގެއެވެ. އެ ނިސްބަތަށް ބަލާއިރު ކޮވިޑު ޓެސްޓްގެ ނަތީޖާ ލިބުނު ކޮންމެ 5 މީހަކުން އެކަކު ވަނީ ޕޮޒިޓިވުވެފައެވެ. އަދި މިހާތަނަށް 507 ސާމްޕަލެއްގެ ނަތީޖާ ނުލިބި ހުރުމަކީ އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވު ވެދާނެ ކަމެކެވެ.

ކޮވިޑުގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު ފުވައްމުލަކު ސިޓީ އިން މިހާތަނަށް 10654 ސާމްޕަލެއް ނެގުނުއިރު އޭގެތެރެއިން 207 ފަރާތެއް ވަނީ ކޮވިޑަށް ޕޮޒިޓިވުވެފައެވެ. ކޮވިޑަށް ޕޮޒިޓިވުވި 207 މީހުންގެ ތެރެއިން މިވަގުތު ފުވައްމުލަކު ސިޓީގައި ކޮވިޑު ޖެހިފައިތިބި މީހުންގެ އަދަދަކީ 129 އެވެ. އިއްޔެ ދެމީހަކު މިރޯގާއިން ސަލާމަތްވިއިރު އޭގެ ކުރީ ރޭ ވަނީ 2 މީހަކު އައްޑޫ ސިޓީއަށް ފުރުވާލެވިފައެވެ. އެ ދެ މީހުންގެ ތެރެއިން އެކަކީ ބަލިމީހާގެ އެހީތެރިޔާއެވެ.

ކޮވިޑުގެ އެހެން ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ފުވައްމުލަކު ސިޓީގެ 304 ގެއެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ކޮންޓްރެކްޓް ޓްރޭސިން ހެދުނު 133 ފަރާތެއްވަނީ އައިސޮލޭޝަންގައެވެ. އަދި މިރޯގާ ޖެހިފައިވާ ފަރާތަކާއި ބައްދަލުވި 106 ފަރާތެއްވެސް ވަނީ މިރޯގާ އަށް ޕޮޒިޓިވުވެފައެވެ. މީގެ އިތުރުން އެއް ފަތުރުވެރިއަކާއި ރެންޑަމް ސާމްޕަލްތަކުން 2 ފަރާތެއްވެސް ވަނީ ކޮވިޑަށް ޕޮޒިޓިވުވެފައެވެ. މިވަގުތު މިރޯގާ ޖެހިފައިވާ 118 ދިވެހިން ފުވައްމުލަކު ސިޓީގައި ތިބިއިރު 11 ބިދޭސީއަކުވެސް އެކްޓިވު ކޭސްގެ ގޮތުގައި ފުވައްމުލަކުގައި އެބަތިއްބެވެ.

އިއްޔެ ރޯގާގެ އަލާމާތްތައް ހުރެގެން ފުވައްމުލަކު ހޮސްޕިޓަލަށް އައި ފަރާތެއްގެ ޓެސްޓު ހެދުނުއިރު ކޮވިޑަށް ޕޮޒިޓިވިކަމަށް ރޭގެ ނޫސް ކޮންފަރެންސް ވާހަކަ ދައްކަވަމުން ފުވައްމުލަކު ހޮސްޕިޓަލުގެ ފަރާތުން އައިމިނަތު އަހުމަދު ވިދާޅިވިއެވެ.

ރޭގެ ނޫސް ކޮންފަރެންސްގައި ފުވައްމުލަކު ސިޓީ ކައުންސިލަށް ހޮވުނު އާ ދެ މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އެގޮތުން، ގިނަ ދުވަސްތަކަކަށް ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާފައިވާ ފުވައްމުލަކު މެދު ދެކުނު ދާއިރާގެ ސިޓީ ކައުންސިލް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވީ، ކޮވިޑު-19 ހާލަތު އޮތީ ކަންބޮޑުވާން ޖެހޭ ހާލަތެއްގައި ކަމަށާއި އިއްޔެއްސުރެ އެހާލަތު ދެނެގަތުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެއްވި މުއައްސާތަކުގެ ހުރި ކަންބޮޑުވުން ބަލާފައިވާ ކަމަށާއި އަދި އާ ކައުންސިލަރުން އެންމެ އިސްކަމެއް ދޭނީ ފުވައްމުލަކަށް ދިމާވެފައިވާ ކޮވިޑުގެ ހާލަތުން ސަލާމަތްވުން ކަމަށެވެ.

ފުވައްމުލަކު ސިޓީއިން ނަގަމުންދާ ސާމްޕަލްތައް ޓެސްޓްކުރަމުން ދަނީ ޕޮލިސް ލެބޯޓަރީންނެވެ. އެގޮތުން ފާއިތުވީ 4 ދުވަހުގެ ގިނަ ސާމްޕަލްތަކެއް ޓެސްޓް ނުކުރެވި އެބަހުއްޓެވެ. އެކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އައިމިނަތު އަހުމަދު ވިދާޅުވީ އަދިވެސް ޓެސްޓް ކުރަން ފޮނުވަމުން ދަނީ ޕޮލިސް ލެބޯޓަރީއަށެވެ. އެލެބޯޓަރީ އަށް ފޮނުވާ ސާމްޕަލްތަކުގެ 30 އިން ސައްތައަށް ވުރެ ގިނަ ސާމްޕަލްގައި ވެރިފިކޭޝަން މައްސަލަ އުޅޭކަމަށާއި އެކަމާއި ގުޅޭ ގޮތުން ހުރިހާ ރަށެއްގެ ސާމްޕަލްތަކެއް ވެސް ލަސްވަމުންދާ ކަމަށެވެ. އަދު ފުވައްމުލަކު ސިޓީއިން ނެގޭ ސާމްޕަލްތައް ލެބޯޓަރީ އާއި ހަމައަށް ދާންވާއިރަށް އެމައުލޫމާތު ޕޯޓަލް އެޅޭކަމާއި، ޕޯޓަލްއަށް އާންމުން ރަޖިސްޓްރީ ކުރާއިރު ބައެއްފަހަރު އައިޑީކާޑު ނުބައިކޮށް އެޅުން ނުވަތަ އައިޑީކާޑުގެ އަކުރެއް މަދުވުން ނުވަތަ ނުބައިވުން ފަދަ މައްސަލަތައް ހައްލުކުރާ ކަމަށްވެސް އައިިމިނަތު ފާހަގަކުރެއްވިއެވެ.

އިތުރަށް އައިމިނަތު ވިދާޅުވީ ފުވައްމުލަކު ސިޓީއިން ސާމްޕަލް ނަގާދުވަހު ހާލުބެލުން ޕޯޓަލް އަށް އެމައުލޫމާތު ހިއްސާ ނުކުރެވޭތީވެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާހަގަކުރާ ކަމަށާއި އެކަން އެގޮތަށް ނުކުރެވެނީ ގިނަ އަދަދެއްގެ ސާމްޕަލް ނަގަން ޖެހުމަށާއި އެމަސައްކަތް ކުރާ މުވައްޒަފުން މަދުވުމުގެ އިތުރުން ހާލު ބެލުން ޕޯޓަލް އަށް ރަޖިސްޓްރީ ކުރައްވާފައިވާ އިރު އައިޑީ ކާޑު ނަންބަރުގައި މައްސަލަތައް ހުންނާތީވެ އެމައްސަލަތައް ހައްލުކުރުމަށް ވަގުތު ނަގާތީވެއެވެ.

މުޅި ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެ އިން 3703 މީހުން ޓެސްޓްކޮށް އިތުރު 1465 މީހުން ކޮވިޑަށް ޕޮޒިޓިވުވެފައެވެ. އިއްޔެ ޕޮޒިޓިވު 1465 މީހުންގެ ތެރެއިން 517 މީހުންނަކީ އިއްޔެގެ ސާމްޕަލްތަކުން ޕޮޒިޓިވު މީހުންނެވެ. އަދި 948 މީހުންނަކީ ކުރިން ކޮވިޑަށް ޓެސްޓްކުރަން ނެގި ސާމްޕަލްތަކުން ޕޮޒިޓިވުވި މީހުންނެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !