ފުވައްމުލައް ސިޓީގެ އެކިއެކި ކަންކަމާއި ގުޅޭ ގޮތުން އާއްމުކޮށް މައުލޫމާތު ދިނުމުގެ ސިލްސިލާ ބައްދަލުވުންތަކެއް ފުވައްމުލައް ސިޓީ ކައުންސިލުން މިއަދު ފަށައިފިއެވެ. ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހު މެންދުރުފަހު 2:00 ގައިފޭސްބުކް ޕޭޖުން ލައިވްކުރާ ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެކަމަށް މިއަދު ބައްދަލުވުމުގައި ހާމަކޮށްފައި ވެއެވެ.
މިއަދުގެ ބައްދަލުވުމުގައި ބައިވެރިވީ ފުވައްމުލައް ސިޓީ ކައުންސިލްގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ނިޖާހު އާއި ޑިރެކްޓާ އަލީ މަސީހު، ޑިރެކްޓާ އަހުމަދު މުހައްމަދު (މީނާޒް) އަދި ޑިރެކްޓާ އަދި ޑިރެކްޓާ އަހުމަދު އަރީފު އެވެ.
ޑިރެކްޓާ އަހުމަދު މުހައްމަދު (މިނާޒު) ބަލަހައްޓަވަނީ ފުވައްމުލައް ސިޓީ މެއިންޓެނެންސް މަސައްކަތްތަކެވެ. އެގޮތުން މިސްކިތްތަކާއި ބެހޭ ކަންކަމާއި، ރަޖިސްޓްރޭޝަން، އާއްމު ދަފުތަރުތައް، ރަށުގެ އިޖުތިމާއީ ކަންކަމާއި މުނިސިޕަލް ކަންކަން އަދި ބަނދަރު ބެލެހެއްޓުން ވެސް ހިމެނެއެވެ.
ޑިރެކްޓާ އަލީ މަސީހު ބަލަހައްޓަވަނީ، ބިމާއި ބެހޭ އެންމެހާ ކަންތައްތަކާއި، ސޯޝަލް ޑިވެލޮޕްމެންޓް، އިޖުތިމާއީ އަދި ކުޅިވަރު ކަންތައްތަކުގެ އިތުރަށް ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭނިންގެ ކަންތައްތަކެވެ.
ޑިރެކްޓާ އަރީފު ބަލަހައްޓަވަނީ ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަން މަސައްކަތްތަކެވެ.
ރައްޔިތުން އޮޅުންފިލުވަން ބޭނުންވާ ކަންކަން ކޮންމެ ހަފުތާއެއްގެ ވެސް ބުދަ ދުވަހުގެ 2:00 ގެ ކުރިން ސިޓީ ކައުންސިލަށް އީމެއިލް ކުރުމުން ނުވަތަ ކައުންސިލް ފޭސްބުކް ޕޭޖުގައި މެދުވެރިކޮށް ސުވާލު ހިއްސާކުރެއްވުމުން ޖެހިގެން އަންނަ ބައްދަލުވުމެއްގައި އެސުވާލަކަށް ޖަވާބު ދެވިގެންދާނެކަމަށް ހާމަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި ޑިރެކްޓާ މަސީހު ފާހަގަކުރެއްވި ކަންކަންތައްތަކުގެ ތެރޭގައި މަގުހެދުމުގެ މަސައްކަތުގެ މައުލޫމާތާއި، ފުޓްސަލް ދަނޑުގެ ޕްރޮޖެޓް މަސައްކަތާއި، ބެޑްމިންޓަން ހޯލް ޕްރޮޖެކްޓާއި ޔޫތު ސެންޓަރުގެ ކުޅިވަރު ހޯލާއި ޖިމް އެކްސްޓެންޝަން ޕްރޮޖެކްޓް، މައިލޯ ދަނޑުގެ އައުޓްޑޯ ޖިމްގެ މަސައްކަތާއި އަދި ޕަބްލިކް ލައިބްރަރީގެ މަސައްކަތްތަކާއި ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތާއި އެމްޖޭއެސް ހޯލުގެ މަސައްކަތް އަދި ރިވެޓްމެންޓްގެ މަސައްކަތުގެ ތައްޔާރީތައް ކުރިޔަށް ގޮސްފައިވާ ހިސާބުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
ޑިރެކްޓާ މީނާޒް މައުލޫމާތު ދެއްވީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްތަކާއި ފުވައްމުލައް ސްޓޭޑިއަމްގައި ހަދާ ފުޓްސަލް ދަނޑުގެ މަސައްކަތްތަކާއި، ސްޓޭޑިއަމްގެ ލައިޓް ހޯދުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި، މޫސުމީ ވިއްސާރައަށް ތައްޔާރު ވާގޮތެވެ. ކުޑަކުދިންގެ ޕާކްތަކާއި އިޖުތިމާއީ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމާއި، އަދި ވެލި މަގުތައް ހެދުމުގެ މަސައްކަތާއި، ހުވަނި (ހޫފާނީ) އާއި މަދިރި ކޮނޓްރޯލް ކުރުމުގެ މަސައްކަތާއި ގުޅޭ ގޮތުން، އަދި ކުނި މެނޭޖުކުރުމަށް ރައްޔިތުން ސަމާލުކަން ދެންވީ ގޮތާއި ގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ.
ޑިރެކްޓާ އަރީފު ފާހަގަކުރެއްވީ މިފަދަ ބައްދަލުވުމުން ސިޓީ ކައުންސިލުގެ ސިވިލްސާވިސް މުވައްޒަފުން ކުރާ މަސައްކަތްތައް އާއްމުރައްޔިތުންނާއި ހަމަޔަށް ތިލަވެގެން ދިއުމަކީ އެމަސައްކަތްތަކުގެ ފެންވަރު ރަނގަޅުވެގެން ދާނެކަމެއްކަމަށް ގަބޫލުކުރޭވޭ ކަމަށެވެ. އަދި ސިޓީ ކައުންސިލުން މިހާރު ހުޅުވާލާފައިވާ ބިޑްތަކުގެ މައުލޫމާތު ހިއްސާ ކުރެއްވިއެވެ.
ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރިގެން ދިޔަ ދުވަސްކޮޅު ސިޓީ ކައުންސިލުން ކޮންމެ ދުވަހަކު ހެން މައުލުމާތު ދިނުމުގެ ބައްދަލުވުންތަކެއް ބޭއްވިއެވެ.
ޚިޔާލުތައް