A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލައ ސިޓީ މޮނިޓަރިންއަށް ލުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް – މޭޔާރު އިސްމާއީލް

މޭޔަރު އިސްމާއީލް ރަފީގު އަދި ޑ.މޭޔާ މުހައްމަދު ފިކުރީ

ފުވައްމުލައް ސިޓީ ކޮވިޑް މޮނިޓަރިންއަށް ލުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލު ރަފީގު ހާމަކުރައްވައިފިއެވެ. މޭޔަރު އިސްމާއީލު މިހެން ވިދާޅުވީ ދާދި ދެންމެއަކު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިއަދުން ފެށިގެން ފުވައްމުލައް ސިޓީ މޮނިޓަރިން އަށް ލާފައިވާ ކަމަށް އެޗްޕީއޭއިން މިއަދު ވަނީ ފުވައްމުލައް ސިޓީ ކައުންސިލަށް އަންގާފައެވެ. ފުވައްމުލައް ސިޓީ 3 ވަނަ ފަހަރާ މޮނިޓަރިންއަށް ލީ ފުވައްމުލަކު ކޮވިޑް ކޮންޓްރޯލް ކުރުމުގެ ޓާސްކްފޯހާއި އަދި ފުވައްމުލައް ސިޓީ ކައުންސިލާއި މަޝްވަރާކުރުމެއް ނެތި ކަމަށް ކައުންސިލް މެމްބަރު އަބްދުﷲ ނާސިރު މިކަލް ނޫހަށް މައުލޫތު ދެއްވަމުން ހާމަކުރައްވާފައި ވެއެވެ.

ފުވައްމުލައް ސިޓީ 3 ވަނަ ފަހަރާ ކޮވިޑް މޮނިޓަރިން އަށް ލައިފި

މޮނިޓަރިންއަށް ލުމާއި ގުޅިގެން ރަށުގެ ސްކޫލް ކުދިންނަށް ކިޔެވުން ބަންދުވުމާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރުމާއި އިގްތިސާދީގޮތުން ފޫނުބެއްދޭ ވަރުގެ ގެއްލުންތަކެއް ވަމުން އަންނަ ކަމަށް މޭޔަރު އިސްމާއީލްގެ ޕޯސްޓްގައި ފާހަގަ ކުރައްވާފައި ވެއެވެ.

“މިކަމުގެ ކަންބޮޑުވުންތައް ކަމާއި ބެހޭ ފަރާތްތަކަށް ހިއްސާކޮށް (އެ ނިންމުމަށް) ބަދަލު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުން’ ކަމަށް އިސްމާއިލު ވިދާޅުވިއެވެ.

މިނިންމުމާއި ގުޅިގެން ފުވައްމުލަކުގެ ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ފަރާތްތަކުން މިކަމުގައި ތުހުމަތުގެ އިނގިލި ދިއްކުރަނީ ފުވައްމުލަކު ހޮސްޕިޓަލުގެ އިސް ފަރާތްތަކަށެވެ. ކޮވިޑް އާއި ގުޅިގެން މިފަހަރު މޮނިޓަރިންއަށް ލުމާއި ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުން ވެސް ދެކޮޅުކަން މިކަލް ނޫހަށް ވަނީ އެގިފައެވެ.

މިކަމާއި ގުޅިގެން މިކަލް ނޫހުން ސުވާލު ކުރުމުން ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރު ވިދާޅުވީ ފުވައްމުލަކު ހޮސްޕިޓަލުން އަބަދުވެސް މަސައްކަތް ކުރާނީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ކަމަށެވެ. އަދި އެގޮތުން ބަލި ފެތުރޭ މިންވަރު އިތުރުވާނަމަ ޓާސްކް ފޯހުގައި އެވާހަކަ ދައްކައި، އެކަމަށް މަސައްކަތް ކުރުމަކީ ހޮސްޕިޓަލުގެ މެނޭޖަރުގެ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަން އަބަދުވެސް ކުރަމުންދާނެ ކަމަށް ވިދާޅުވިއެވެ. މެނޭޖަރު އިޝާރާތް އެކުރެއްވީ ސީދާ ފުވައްމުލަކުގެ ޓާސްކް ފޯހުގެ ވާހަކަ ތޯ ނުވަތަ ނެޝެނަލް ކޮވިޑް ޓާސްކް ފޯހުގެ ވާހަކަތޯ ޔަގީން ކުރެވޭ ގޮތެއް ނުވިއެވެ. އެހެނީ އެޗްޕީއޭއިން މޮނިޓަރިންއަށް ލުމަށް ނިންމަނީ ނެޝެނަލް ކޮވިޑް ޓާސްކްފޯހުގެ ލަފާގެ މަތިން ކަމަށްވުމެވެ. ނަމަވެސް މީގެ ކުރިން ސިޓީ ޓާސްކް ފޯހުގައި އެކަމުގެ މަޝްވަރާ ކުރެވިފައިވާ ކަމަށް ކުރިން މިކަލް ނޫހަށް މައުލޫމާތު ދެއްވި ފަހަރަކު މެނޭޖަރު ވިދާޅުވެފައި ވެއެވެ.

މިމަހުގެ މެދެއްހާ ހިސާބުން ފެށިގެން ފުވައްމުލައް ސިޓީގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވެފައި ވާކަން ތަފާސް ހިސާބުތަކުން ސާފުކޮށް އެނގެއެވެ. އިއްޔެ ވެސް ވަނީ ފުވައްމުލައް ސިޓީއިން 17 މީހަކަށް ބަލިޖެހިފައެވެ. އޭގެތެރެއިން 9 މީހުނަނަކީ ރޭންޑަމް ސާމްޕަލިންގެ ތެރެއިން ޕޮޒިޓިވް ވި މީހުންނެވެ.

ކޮވިޑް-19 ފުވައްމުލައް ސިޓީގެ ދުވަހީ އަދަދު. 20 އޮގަސް 2021

މޮނިޓަރިން އަށް ރަށެއް ލުމުން އެރަކަށް އަރާފޭބުން މަނާކުރެއެވެ. މޮނިޓަރިންއަށް ލަނީ ރަށުގެ ބަލިހާތު އޮތް ގޮތް ދެނެގަތުމަށާއި ކޮންޓެކްޓް ޓްރޭސިން ހެދުމަށް ކަމަށް އެޗްޕީއޭގެ އުސޫލުތަކުގައި ވެއެވެ. ނަމަަވެސް ފުވައްމުލަކުގެ ގިނަބަޔަކު ބުނާ ގޮތުގައި މޮނިޓަރިންއަށް ލުމަށްފަހު އެތަނެއް އެގޮތުގައި އެތައް ދުވަހެއް ވަންދެން އެޗްޕީއޭއިން ބާއްވައެވެ. އެކަމުގެ ސަބަބުބުން ރައްޔިތުންގެ އާއްމު ދިރިއުޅުމަށާއި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކަކާއި ކުރިމަތިވެއެވެ. އަދި އެކަމުން އާއްމު ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކަށް މާކަބޮޑު އަޅާލުމެއް އެފަރާތުން ނުބަހައްޓާ ކަމަށެވެ.

އެންމެ ފަހުން ފުވައްމުލައް ސިޓީ މޮނިޓަރިން އިން ނެގީވެސް 3 މަސް ދުވަހުގެ މުއްދަތަށްފަހު އެވެ. އެފަހަރުވެސް ރައްޔިތުންގެ ދިރިއުޅުމުގެ ދަތިތަކަށް ސަމާލުކަންދީގެން ކަންތައްތަކެއް ކުރެވިފައެއް ނުވެއެވެ. ވިޔަފާރިތަކަށް ލިބޭ ގެއްލުން ފޫބައްދައި ދިނުމަށް އެހީތެރިކަމެއް ނުލިބި، ދުވަހު މަސައްކަތުން އާމްދަނީ ނުލިބި ހުއްޓުނު މީހުންނަށް ރަށު ފެންވަރުން ކަންތަތައްކެއް ކޮށްދެވޭ ގޮތެއް ނުވެއެވެ. އެފަދަ އެހީތެރިކަމެއް ދެވެނީ ވެސް މާލޭގެ މިނިސްޓްރީ ތަކުން އެކަމަށް ހުޅުވާލުމުން އެކަންޏެވެ. ނަމަވެސް އާއްމު މީހާއަށް ޖެހެނީ ރަށު ބަންދެއްގައި ހުންނާށެވެ.

 

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !