ކޮވިޑް-19ގެ ބަައްޔަށް ފަރުވާއެއްގެ ގޮތުގައި ފައިޒާ ކުންފުނިން ތައްޔާރުކުރި ބޭހަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެފްޑީއޭ)ގެ ހުއްދަ ލިބިއްޖެއެވެ. މިއަދު ހުއްދަ ލިބުނު މިބޭހަކީ ގޭގައި ތިބެގެން ކާ އެހެން ބޭސް ގޮތަށް ކޮވިޑް-19 ޖެހިފައި ތިބޭ މީހުންނަށް ފަރުވާއެއްގެ ގޮތުގައި އަމިއްލައަށް ބޭނުންކުރެވޭ ގުޅަ ބޭހެކެވެ.
މިބޭހުގެ އަޖުމަބެލުމުގެ ޓެސްޓްތަކުން ދައްކަނީ %89 ކާމިޔާބު ކަމަށެވެ. މާނަައަކީ ބަލި ޖެހިފައިވާ މީހުން ބޭސް ކެއުމުން ބަލީގެ ހާލަތު ގޯސްނުވެ ރަނގަޅު ވާނެކަމުގެ %89 އޮތް ކަމެވެ. ފައިޒާ ކުންފުނިން ހާމަކުރި ގޮތުގައި މިބޭހަކީ އެންމެ ފަހުގެ ކޮވިޑް-19ގެ ވޭރިއަންޓް ކަމަށްވާ އޮމިކްރޯން އަށް ވެސް ކާމިޔާބު ބޭހެކެވެ. މިބޭސް ބޮޑަށް ކާމިޔާބީ ބަލީގެ ކުރީ ކޮޅު ބޭނުންކުރުމުން ކަމަށް ކަމުގެ މާހިރުން ވިދާޅުވއެވެ.
‘ޕެކްސްލޮވިޑް’ ކިޔާ މިގުޅަ ބޭސް ބޭނުންކުރެވެނީ އުމުރުން 12 އަހަރުން މަތީ، 40 ކިލޯ ބަރުދަނުގައި ހުންނަ ބަލީގެ ކުދި އަދި މެދުމިނަށް ބަލިޖެހި އަލާމާތްތައް ފެންނަ މީހުންނަށެވެ. މިބޭސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ބޭސް ސިޓީ އަށެވެ. 5 ދުވަސްވަންދެން ދުވާލަކު 2 އިރު މި އެންޓިވައިރަލް ބޭސް ކާން ޖެހެއެވެ.
މި ބޭހާއެކު ކޮވިޑް އާއި ދެކޮޅަށް ދުނިޔެއިން ކުރާ ހަނގުރާމައިގައި އިތުރު ހަތިޔާރެއް ލިބުނީއެވެ. ނަމަވެސް މިއީ ވެކްސިންގެ ބަދަލުގައި ބޭނުންކުރެވޭ ބޭހެއް ނޫނެވެ. ވެކްސިން އަކީ ބަލި ޖެހުމުގެ ކުރިން ބަލި ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުން ހޯދާ ފަރުވާގެ ފިޔަވަޅެކެވެ.
ނަމަަވެސް މިބޭހަކީ ބަލި ޖެހުމުން ބަލީގެ ހާލަތު އިތުރަށް ގޯސްވިޔަނުދީ ބަލިން ސަލާމަތްކޮށްދޭ ފަރުވާއެކެވެ.
ޚިޔާލުތައް