އައްޑޫ ސިޓީއިން ހިމަބިހި ފެނުނު ކަމުގައިވިޔަސް އިތުރަށް ބަލިފެތުރުމުގެ ފުރުސަތެއް މިހާރު ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ހިމަބިއްސަކީ މީގެ ކުރިން ރޭއްޖެއިން ނައްތާލެވިފައިވާ ބައްޔެކެވެ.
މިކަމާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނުގައިވާ ގޮތުން އައްޑޫ ސިޓީއިން ކުއްޖަކު ހިމަބިއްސަށް ޕޮޒިޓިވް ވެފައިވާއިރު އެ ބަލި ޖެހިފައިވާ ކަން ޔަގީން ކުރެވިފައިވާއިރު އެބައްޔަށް ޝަކުކުރެވޭ އިތުރު ކުއްޖަކު ފާހަގަ ކުރެވި، ބަލީގެ ޓެސްޓް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ.
ނަމަވެސް، މިދެކުދިންގެ ގައިން ވެސް ބަލި ފެތުރޭ މުއްދަތު (އިންފެކްޝަން ޕީރިއަޑް، 10-14 ދުވަސް) ހަމަވެފައިވާތީ މިވަގުތު އިތުރަށް ބަލިފެތުރުމުގެ ފުރުސަތު ނެތްކަމަށް ހާމަކޮށްފައި ވެއެވެ.
އެޗްޕީއޭ އިން ބުނި ގޮތުގައި އެ ކުދިންގެ ގައިން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެ ކުދިންގެ ފަރާތުން އެހެން މީހަކަށް އެ ބަލި ފެތުރުމުގެ ފުރުސަތެއް ނެތެވެ. އެކަމަކު އެ ބައްޔަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާތީ، އެންމެ ކޭސްއެއް ފެނުނު ނަމަވެސް އެ ވާނީ އައުޓްބްރޭކަކަށް ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.
ރާއްޖެއިން ހިމަބިހި ނައްތާލެވިފައި ވަނިކޮށް އަލުން ބަލި ފެނުމުން އަމަލުކުރަންޖެހޭ އުސޫލުގެ މަތިން ބަލީގެ ކޮންޓެކްޓުންނާއި ބަލި ޖެހެން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަަސައްކަތް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލާ ގުޅިގެން ކުރަމުންދާ ކަމަށް ވެސް އެ އެޗްޕީއޭއިން ހާމަކުރެ އެވެ. އަދި ވަރަށް އަވަހަށް ވެކްސިން ދޭންޖެހޭ ފަރާތްތަކަށް ވެކްސިން ދޭން ފެށޭނެ ކަމަށް ވެސް އެޗްޕީއޭގެ ބަޔާނުގައި ވެއެވެ.
ހިމަބިހީގެ އަލާމާތްތައް:
– ހުން އައުން
– ހަމުގައި ރަތް ބިހިތަކެއް ނެގުން
– ކެއްސުން
– ނޭފަތުން އަރިދަފުސް ފޭބުން
– ލޯ ރަތްވުން
މިފަދަ އަލާމާތެއް ފެނިއްޖެ ނަމަ، ލަސްނުކޮށް ސިއްހީ ހިދުމަތްތެރިއެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އެދިފައި ވެއެވެ.
މީގެ ކުރިން 2020 ވނަ އަހަރުވެސް ހިމަބިހީގެ ކޭސްތަކެއް ރާއްޖެއިން ފެނިފައިވެއެވެ. ރާއްޖެއިން ހިމަބިހި ނައްތާލެވިފައިވާ ކަމަށް ރެކޯދްކުރެވިފައިވަނީ 2018 ވަނަ އަހަރުއެވެ.
ޚިޔާލުތައް