ފުވައްމުލަކުގައި ހިމެނޭ ރައްޔިތުންގެ މަޖުލީހުގެ 3 ދާއިރާގެ އިން ބަދަލު ނުކުރަން އިލެކްޝަންސް ކޮމިޝަނުން އިއްޔެ ނިންމައިފިއެވެ. މިކަން ހާމަކޮށް އިލެކްޝަންސް ކަމިޝަނުގެ ރައީސް އަހުމަދު ޝަރީފު ރޭ ވަނީ ޓްވީޓް ކުރައްވާފައެވެ.
“ފުވައްމުލަކުގެ 2014ގައި ކަނޑައެޅި އިންތިޚާބީ ދާއިރާތަކުގެ ބައުންޑަރީއަށް ބަދަލު ނުގެންނަން މިއަދު ކޮމިޝަން އިން ނިންމާފައި ވަނީ” އެ ކޮމިޝަނުގެ ރައީސް އަޙުމަދު ޝަރީފު ކުރެއްވި ޓްވީޓުގައި ވެއެވެ.
އިލެކްޝަންސް ކަމިޝަނުން މީގެ ކުރިން ނެރުނު ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމުގެ ވަގުތީ ރިޕޯރޓުގައި ވެސް ކަނޑައަޅާފައި ވަނީ ކުރިން، 2014ގައި އޮތް ދާއިރާތަކުގެ އިމަށް ބަދަލެއް ނުގެންނަ ގޮތަށެވެ. ނަމަވެސް ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި ފުވައްމުލަކުގެ އެކި މީހުގެ މެދުގައި އާއި ސޯޝަލް މީޑިއާ ގްރޫޕްތަކުގައި އިންތިޚާބީ ދާއިރާގެ އިން ބަދަލުކުރަން އިލެކްޝަންސް ކަމަިޝަނުން މަޝަވަރާ ކުރަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
އިންތިޚާބަކަށް މިހާ ކައިރިވެފައި އޮއްވާ، އަދި އެތައް ބަޔަކު އިންތިޚާބީ ދާއިރާގެ ކެމްޕޭނުގައި ބުރަކޮށް އުޅޭތާ އެތައް ދުވަހެއް ވެފައި ވަނިކޮށް، ކުއްލިއަކަށް ދާއިރާގެ އިންތަކަށް ބަދަލު ގެންނަން އުޅުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އައެވެ. އިންތިޚާބީ ދާއިރާގެ އިންތައް ބަދަލުކުރުމާއި ދެކޮޅަށް ބައެއް ފަރާތްތަކުން މުޒާހަރާ ކުރަން ވެސް ތައްޔާރުވަމުން ދިޔައެވެ.
ދާއިރާތަކުގެ އިން ބަދަލުކުރަން އުޅުމާއި ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވީ، ޖޭޕީއާއި އެމްއާރުއެމްގެ ކެންޑިޑޭޓުންނަށް ފައިދާ ވާގޮތަށް ކުރާ ކަމެއްގެ ގޮތަށް ސިފަކޮށްގެންނެވެ. މިކަމާއި ގުޅިގެން ޖޭޕީގެ މަޖުލިސް މެންބަރުގެ ބަހެއް ލިބޭތޯ ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ނަމަވެސް އިލެކްޝަންސް ކަމިޝަނުގެ ރައީސްގެ މިޓްވީޓާއެކު މިހާރު ވަނީ މިކަމާއި ގުޅިގެން އުފެދުނު ކަންބޮޑުވުންތަކުގެ އަޑު މަޑުވެފައެވެ.
ޚިޔާލުތައް