ސިއްރުން މިހިތާ ކުޅެލީ… 5

ސިއްރުން މިހިތާ ކުޅެލީ... ޝާހީން މުޙައްމަދު
1
Share on facebook
Share on twitter
Share on google

ފަސްވަނަ ބައި

އަހުމަދު ބަލައިލީ ލަދުން މޫނު ދައްކަން ނުކެރި އިން ޙަމްދާންއަށެވެ. ހަމްދަރުދީގެ ނަޒަރަކުންނެވެ. ޙަމްދާން އެރަށަށް ވަޒީފާއަށް އައީއްސުރެ އަހުމަދަކީ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ބަލާމީހާއެވެ. އެކަން އަހުމަދު ދަނެއެވެ. އެހެންކަމުން އަހުމަދުގެ ހިތުގައި ހަމްދާންއަށްޓަކައި ވަނީ ކަންބޮޑުވުމެވެ.

“ޝީލާއަކީ އަހަރެން ވަރަށް ރަނގަޅަށް ދަންނަ ކުއްޖެއް! އެކަކަށްޓަކައި މާގިނަ ދުވަހަކު ނުހުރެވޭނެ! އަބަދުވެސް އާ މީހަކު ބޭނުންވެފަ ހުންނަހެން ހީވާނީ! ޙަމްދާންގެ ރަނގަޅުކަމުން އިނދެގެން ދެތިން އަހަރު ވެސް ތި އުޅެވުނީ! …. އަސްލު އަހަރެން ވަރަށް ދެރަވޭ އަހަރެންގެ ތި ފަދަ އެކުވެރިއެއްގެ އަންހެނުންނާ ބެހޭ ގޮތުން މި ގޮތަށް ވާހަކަ ދައްކަން ޖެހޭތީ ވެސް……… ޙަމްދާންއަށް އެނގޭތަ ……..! ”

އަހުމަދު ވާހަކަ މެދު ކަނޑައިލީ ގަސްދުގައެވެ. ޙަމްދާންއަށް ވިސްނާލަން ވަގުތުކޮޅެއް ދޭން އަހުމަދު ބޭނުންވީއެވެ.

“ޙަމްދާން މި ރަށުން ފުރައިގެން ދިއުމަށްފަހު ޝީލާ އާއި ސޫރަޖުގެ ގުޅުން ރަށު އެންމެނަށް ވެސް ފަޅާއެރީ! އޭގެ ކުރިން އަހަރެމެނަށް ވެސް ޝައްކު ވަމުން އައީ! ކިތައްރޭ މިރަށު މީހުންނަށް ފެނުނީ ސޫރަޖު ފަތިހު ތިގެއިން ނިކުންނަތަން! ސްކޫލް ނިންމާލުމަށްފަހު ދެމީހުން އެއްކޮށް ގޮސް ސޫރަޖު އުޅޭ ކޮޓަރިއަށް ޝީލާ ވަންނަތަން ވެސް ކިތަންމެ ބަޔަކަށް ފެނިގެން ………..އެވާހަކަ ބައެއް މީހުން ޝީލާގެ މަންމައާ ހަމައަށް ވެސް ގެންދިޔަ!”

އެންމެ ފަހުން އަހުމަދު ދެއްކި ވާހަކަތައް ދެއްކީ ޙަމްދާންގެ މޫނަށް ނުބަލާ އިނދެއެވެ. ކޮފީތަށީގެ ތެރެއަށް ހަކުރު ކޮޅު އެޅި ގޮތަށް ގިރާލަ ގިރާލާ އިނދެއެވެ. އެހާ ހިތްވަރު އަހުމަދުގެ ވެސް ނެތީކަންނޭނގެއެވެ.

“ދެންވެސް އަހަރެން ދޭން އޮތް ނަސޭޙަތަކީ ތި ހުރެވުނު ހިސާބުން ވެސް ސަލާމަތް ވުމަށް! އެހެންނޫނީ ފިރިހެނަކަށް ވެސް ނުވީނު! ތީ ގޮތް ހުސްވެފަ ހުރި މީހެއް ނޫން ވިއްޔަ! އަދި މި ދުނިޔެއިން އަންހެނުން ވެސް ހުސްވީކީ ނޫން ވިއްޔާ!”

އެދުވަހު ޙަމްދާން ގެއަށް ދިޔައީ ވަރަށް މުހިންމު ނިންމުމެއް ނިންމައިގެންނެވެ.

ގެއަށް ގޮސް ފެންވަރާލައިގެން ނިކުތް އިރުވެސް ޝީލާ ފެންނާކަށް ނެތެވެ. ޙަމްދާން އޮށޯތީ އެނދުގައެވެ. އިރުކޮޅަކު ލޯމަރާލައިގެން އޮތުމަށްފަހު ތެދުވެ ޓީޝާޓް ބޮލުން ވައްޓާލިއެވެ. ދެން ނިކުތީ ބޭރަށެވެ. ސައިކަލުގެ ތަޅުދަނޑި ނަގައިގެން ނިކުމެ ދުއްވައިލީ ރަށުގެ ނިމޭކޮޅުގައި ހުރި ކެފޭއާ ދިމާއަށެވެ.

“ނާސިގޮރެން އަކާ ފްރެޝް އޮރެންޖެއް!”

ވެއިޓަރ ކުއްޖާ ގާތު ގެންނަންވީ އެއްޗެހި ބުނުމަށްފަހު ފޯނު ހުޅުވައިލިއެވެ. އޭގެ ކުރިން ވަށައިގެންވާ މާޙައުލަށް ނަޒަރު ހިންގައިލިއެވެ. މެންދުރު ގަޑިކަމަށްވުމުން ކޮފީއަށް އަރާ ޒުވާނުން ތަނުން ފެންނަނީ ވަރަށް މަދުންނެވެ. ދެތިން މޭޒެއްގައި ތިބި ފަސްވަރަކަށް ޒުވާނުން އެމީހުންގެ ދުނިޔެއަށް ގެއްލިފައި ތިއްބެވެ.

“މަންމަ އެބަހުރި ކާން ހަދައިގެން!”

ފޯނު ހުޅުވައިލުމާއެކު ފޯނަށް އައި އެތައް މެސެޖެއްގެ ތެރެއިން “ލަވް” ޖަހާފައިވާ ޝީލާގެ ނަންބަރުން އައިސް އޮތް ވައިބަރ މެސެޖް ޙަމްދާންގެ ލޮލުގައި އަޅައިގަތެވެ.

” ހަހް!”

ޙަމްދާންގެ އަނގައިން ބޭރުވީ މަލާމާތުގެ އަޑެކެވެ. އެ މެސެޖް ނުބެލުނު ނަމައޭ ހިތަށްއެރިއެވެ.

ކެއުން ނިމިގެން ބިލްދައްކާފައި ނިކުމެ ޙަމްދާން ދުއްވައިލީ ސްކޫލާ ދިމާއަށެވެ. ދަންނަ މީހުންނަށް މޫނު ދެއްކުން އެއީ މިހާރު ޙަމްދާން ލަދު ގަންނަކަމެކެވެ. ޙަމްދާންއަށް އަޑު ނީވުނަސް އެމީހުން ލައްކަ ވާހަކަ ދައްކާނެއެވެ. ގާތް މީހުންނާ ދެކެ ފަރިތަ މީހުންގެ މޫނުމަތިން ޙަމްދާންއަށް ފެންނަނީ ޙަމްދަރުދީއިން ފުރިގެންވާ ބެލުންތަކެވެ. ޙަމްދާން ނޫން އެހެން އެންމެންނަށް ޙަޤީގަތް އެނގެނީކަން ނޭނގެއެވެ. އެހެން ހުރިހާ ދުވަހަކަށްވުރެ ބޮޑަށް މިއަދު މީހުންގެ ނަޒަރު ޙަމްދާންއަށް ހުއްޓިފައި ހުރިހެން ހީވެއެވެ.

އެރޭ ނިދަން އޮށޯތުމާ ހަމައަށް ވެސް ޙަމްދާން ޝީލާއެއް ނުދެކެއެވެ. ޝީލާ އައިސް ކޮޓަރިއަށް ވަނީ ޙަމްދާން އޮށޯތް ފަހުންނެވެ. އެ ގޮތް ޙަމްދާންއަށް މާރަނގަޅެވެ. ޝީލާ ކިތަންމެ ބޭވަފާތެރި ވިޔަސް ޝީލާއާ ހަތަރުކަޅި ހަމަ ކުރަން ޙަމްދާންއަކަށް ފަސޭހައެއް ނޫނެވެ.

ނިދަން އޮށޯވެ ތިބީ ދެމީހުން ދެ ފަރާތަށް އެނބުރިގެންނެވެ. ނިދަން ކިތަންމެ ބޭނުމަސް ނިދި ވެސް ޙަމްދާނާ ރުޅީކަންނޭނގެއެވެ. އެއްގޮތަކަށް ވެސް ނިދޭ ގޮތެއް ނުވިއެވެ. ހިތުގައިވަނީ  ރިހުމެވެ. ޝަކުވާއެވެ. އެ ޝަކުވާތައް ކިޔައިދޭނެ މީހަކު ޙަމްދާންއަށް ނުހަނު ބޭނުމެވެ. އެމީހަކީ ކާކުހެއްޔެވެ! ޙަމްދާންއަކަށް ނޭނގެއެވެ. ހިތުގެ ކޮންމެވެސް ކަނަކުން ކޮންމެވެސް ސޫރައެއް މަޑުމަޑުން ބޯހިއްލައިލިހެން ހީވިޔަސް އެސޫރައާ ދިމާއަށް ވިސްނުން ގެންދާކަށް ޙަމްދާން ބޭނުމެއް ނުވިއެވެ. އަދި ހިތުގައި އުފެދެމުންދާ ދިލަ ހޫނަށް ފިނިކަމެއް ކިތަންމެ ބޭނުމަސް ތަޤުދީރު އެހީވާނީ ކޮންގޮތަކަށް ކަމާމެދު ޚިޔާލު ހިންގައިލެވުނެވެ.

ރޭގަނޑުގެ ބޮޑުބައި ޙަމްދާން ހޭދަކުރީ މި އުދަނގުލުގައެވެ. އެހެންނަމަވެސް އެނދުގެ އަނެއްފަރާތުގައި އޮތް ޙަމްދާންގެ އަނބިމީހާ ނިދިތާ ކޮން އިރެއްހެއްޔެވެ! އެއްވެސް ޚިޔާލެއް ފިކުރެއް ނެތި މަޑު މަޑުން ގުގުރި ދަމާލަ ދަމާލާ އޮތް  ޝީލާއަށް ޙަމްދާން ބަލައިލިއެވެ. ދެން ހަމަ އެ ވަގުތު އަނެއް ފަރާތަށް އެނބުރުނީ އެ ބޭވަފާތެރިޔާގެ ހުރި ސިޙުރެއްފަދަ ޖާދޫގައި ޖެހެން ދެން ބޭނުން ނުވާތީއެވެ.

ޙަމްދާން މާލެއިން އެނބުރި ރަށަށް އައިތާ ފަސްވަނައަށް ވީދުވަހެވެ. މިހާރު ޙަމްދާންގެ އާދައަކީ ފަތިސްނަމާދު ގޭގައި ކުރުމަށްފަހު އިރު އަރާއިރު ރަށުގެ ފުއްޓަރު ފަރާތުގައި އިރު އަރާ މަންޒަރުން ހިތް އުފާ ހޯދުމެވެ. ފަތިހުގެ ތާޒާ ވައިރޯޅިން ހިތަށް ލިބޭ ރޫޙާނީ އުފާ ނޫނީ އުފަލޭ މިކިޔާ އިޙުސާސް ޙަމްދާންއަށް ލިބޭ އެހެން ގޮތެއް ނެތޭ ބުނެވިދާނެއެވެ. އިރުގެ ރަންއަވިން ލޮނުގަނޑަށް އެޅޭ ރީތި ދަޅަތަކަށް ބަލަން ހުރުން އެއީ ޙަމްދާން އެންމެ ބަލާ ހިތްވާ އެއް މަންޒަރަށް ވެ ނިމިއްޖެއެވެ. ޙަޤީގަތަކީ ކުރިން އުފާ ލިބެމުން އައި މަންޒިލަށް ފިލަން ޙަމްދާން ބޭނުންވާ ކަމެވެ. އަމިއްލަ ނަފުސަށް ވެސް ސިއްރުން ޙަމްދާން އެކަން ޤަބޫލުކޮށްފިއެވެ. ބޭނުންވަނީ ވީހައި ވެސް މަދު ވަގުތެއް އެއީ އަމިއްލަ ގެ ކަމަށް ބަލައިގެން އުޅެން އައި ގޭގައި ހޭދަ ކުރެވޭތޯ ބެލުމެވެ.

ފުރަތަމަ ދެތިން ދުވަހު މައިދައިތަ ޙަމްދާންއަށް ކާން ހަދައިގެން ޙަމްދާންގެ އިންތިޒާރުގައި އިންވާހަކަ ބުންޏެވެ. ގެއިން ކާން ޙަމްދާންއަށް ބާރު އެޅިއެވެ. ގެއިން ނުފެންނަނީ ކީއްވެތޯ ސުވާލުކުރިއެވެ. އެއިން ކޮންމެ ފަހަރަކު ވެސް މައިދައިތަ ހުންނަނީ ޝީލާ ދެކެ ނުލާހިކު ނުރުހިފައެވެ. އެކަމަކު ފަހުން މައިދައިތަ ވެސް މާ ބޮޑަކަށް އަޅައެއް ނުލައެވެ. ޙަމްދާންއަށް ރަނގަޅީ ވެސް އެ ގޮތެވެ.

އަތިރިމަތީ ހުއްޓާ ސްކޫލަށްދާ ގަޑި ޖެހެން ކައިރި ވުމުން އެހެން ދުވަސްތަކެކޭ އެއްފަދައިން ޙަމްދާން ހިނގައިގަތީ ގެއާ ދިމާއަށެވެ. ގަޑި ނުޖެހި ސްކޫލަށް ދެވޭހާ ވަގުތު ކުރިއަށް ލާފައެވެ.

ކޮޓަރީގެ ދޮރު ހުޅުވުނު އަޑާއެކު ޙަމްދާންގެ ކަންފަތުގައި ޖެހުނީ ޝީލާގެ އަޑެވެ. ޝީލާ އޯކަށް ދެމޭ އަޑެވެ. ޙަމްދާން މަޑުކުރީ އިވުނު އަޑު ނީވޭކަމަށް ހަދާ ޝީލާ ފާޚާނާއިން ނިކުންނަން ދެނެވެ. އިރުކޮޅެއް ފަހުން ޝީލާ ފާޚާނާއިން ނިކުންނަ އަޑު އިވުމުން ޙަމްދާން ޖެހިލީ ތުވާލި ނެގުމަށް ކައިރީ ހުރި ހެދުން އަޅުވާ ހަރާ ދިމާއަށެވެ.

ފާޚާނާއިން ނިކުތް ޝީލާއަށް އެއްވެސް ސަމާލުކަމެއް ނުދީ ޙަމްދާން ވަނީ ފާޚާނާއަށެވެ.

ޝީލާ މިއަދު އަނެއްކާ ވެސް ސްކޫލަށް ނުދާ ވާހަކަ ޙަމްދާން ގާތު ބުނީ އަހުމަދެވެ. ވީ ކީއްތޯ ވެސް އަހުމަދު އެއްސެވެ. ފަރުވާ ކުޑަ ގޮތަކަށް ދެކޮނޑު އަރުވާލަމުން ޙަރަކާތުން ނޫނެކޭ ޙަމްދާން ބުނީ އެއީ ޙަމްދާން ބަލަން ބޭނުން ވާކަމެއް ނޫންކަން އަހުމަދަށް އަންގަން ވެގެންނެވެ.

ކިތަންމެ ފަރުވާ ކުޑަކަން ދައްކަން ބޭނުންވިޔަސް ޝީލާއަކީ އަދިވެސް ޙަމްދާންގެ އަނބިމީހާއެވެ. ހެނދުނު އޯކަށް ދެމޭ އަޑު އިވުމުން ވީ ގޮތެއް އަހާލުން އެއީ އެންމެ ރަނގަޅު ގޮތެކޭ ޙަމްދާން ހިތަށް ފުރަތަމަ ފަހަރަށް އެރިއެވެ. ބަލިވެ އުޅެންޏާ ޝީލާ ބެލެހެއްޓުން އެއީ ދީނީ ގޮތުން ވެސް އަދި ވެސް ޙަމްދާން ކުރަން ޖެހޭ ކަމެކެވެ. އެހެންނަމަވެސް ޙަމްދާން ކެތްތެރި ވިއެވެ. ބަލީތޯ އަހާނީ ގެއަށް ގޮސް ބަލިވެ އުޅޭކަން ޔަގީން ކުރުމަށްފަހުއެވެ. ޙަމްދާން ނިންމީ އެ ގޮތަށެވެ.

ސްކޫލް ގަޑި ނިމުނު އިރު ޝީލާ މައްޗަކުން ޙަމްދާން ހަނދާނެއް ނެތެވެ. ޗެކްކޮށްލަން ޖެހޭ ފޮތްސެޓެއް ހުރުމުން ޙަމްދާން މަޑުކުރީ ފޮތް މާކުކުރުމަށެވެ. ނިންމާލެވުނު އިރު ދޭއް ޖަހަން ކައިރި ވެއްޖެއެވެ. އެހެންކަމުން ދެން ދިޔައީ މިހާރު ޙަމްދާން ކައި އުޅޭ ކެފޭއަށެވެ.

ޝީލާ މަތިން ޙަމްދާން ހަނދާންވީ ކާން އިންދައެވެ. އެހެންނެކޭ ކިޔާފައި ކެއުން އަވަހެއް ވެސް ނުކުރެއެވެ. ޙަމްދާން އެހާ ހިއްވަރުގަދަވީ ކޮން އިރަކުބާވައޭ ވެސް ގެއަށް ދިޔަ މަގުމަތީ ހިތަށް އެރިއެވެ.

ގޭގެ މަގުގައި ސައިކަލް ޕާކު ކުރުމަށްފަހު ޙަމްދާން ގެއަށް ވަންނަން ދިޔައިރު މައިދައިތަ ބަދިގޭގެ ދޮރުމަތީ ބަލަހައްޓައިގެން ހުއްޓެވެ. ދެން ފެނުނީ ހިނގާލާފައި ޙަމްދާންއާ ދިމާއަށް އަންނަތަނެވެ. ކިތަންމެ ގަދަ ކަމަށް ހެދިގެން ހުއްޓަސް މައިދައިތައަށް ކުރަން ޖެހޭ އިޙުތިރާމް ނުކޮށް ދާކަށް ޙަމްދާނައަކަށް ނުކެރުނެވެ.

“މަންމާ!”

މައިދައިތަ އެ އަންނަނީ ކޮންމެވެސް ވާހަކައެއް ބުނަންހެން ހީވުމުން ޙަމްދާން ގޮވައިލިއެވެ.

“ދަރިފުޅަށް އެނގޭތަ ޝީލާ އުޅެނީ ބަލިވެކަން!”

މައިދައިތަގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ޙަމްދާން އިސްޖަހައިލިއެވެ.

“ޝީލާއެއް ނުބުނޭ!

މަޑުމައިތިރި އަޑަކުން ޙަމްދާން ޖަވާބު ދިނީ ހުއްޓި ހުރެގެންނެވެ.

“ދަރިފުޅާ! ކޮންމެ ދެމަފިރިއެއްގެ ދޭތެރޭ ވެސް މައްސަލަ ޖެހޭނެ! ޚާއްސަކޮށް ކައިވެނީގެ ފުރަތަމަ ކޮޅު! ކައިވެނީގައި ދެމި ތިބެން ބޭނުމިއްޔާ ޖެހޭނީ ވާހަކަ ދައްކައިގެން …. އެކަކު އަނެކަކަށް ދޫދީގެން މައްސަލަ ހައްލު ކުރަން!……. މަންމައަށް ވެސް އެނގޭ ޝީލާ އެ އުޅެނީކީ ރަނގަޅަކަށް ނޫންކަން! އެކަމަކު މިހާރު ދެން …….!”

މައިދައިތަ ވާހަކަ ހުއްޓައިލިއެވެ. އެ ހިސާބުން ޙަމްދާން ހިނގައިގަތީ ކުރިއަށެވެ.

ކޮޓަރީގެ ދޮރު ހުޅުވައިލި ޙަމްދާންއަށް ފެނުނީ ބިއްދޮށަށް އެނބުރިގެން ޝީލާ އޮތްތަނެވެ. ބަލާބެލުމަށް އެ އޮތީ ނިދިފައެވެ.

އެނދުކައިރީ އިރުކޮޅަކު ވިސްނާލަން ޙަމްދާން ހުއްޓެވެ. ދެން އިށީނީ ޝީލާގެ މަގަތުން އެނދުގައެވެ.

“ޝީލާ! …… ޝީލާ!”

ޙަމްދާން ބެލީ އަޑުން ނުރުހުމެއް ފާޅު ނުކޮށް ވޭތޯއެވެ. އެހެންކަމުން އެއަޑުގައިވަނީ ބީރައްޓެހިކަމެކެވެ. ޙަމްދާންގެ އަޑު އިވުމަކުން ޝީލާގެ ހިލަމެއް ނުވިއެވެ. އެ ހިސާބުން ޙަމްދާން އަތް ޖައްސައިލީ ޝީލާގެ ބުރަކަށީގައެވެ.

“ޝީލާ، މާބޮޑަށް ބަލިވީތަ! ”

ޝީލާގެ ފަރާތުން ޖަވާބެއް ނުލިބުނީމާ ޙަމްދާންގެ ހިތް މަޑުވެ އޯގާތެރިކަން ހިތުގައި ހިނގައިލިއެވެ.

ޝީލާ މަޑު މަޑުން ކުކުރަމުން ޙަމްދާންއާ ވީފަރާތަށް އެނބުރުނީ ބޮލުގައި ދެއަތުން ހިފަހައްޓަމުންނެވެ. ޙަމްދާންއާ ވީފަރާތަށް އެނބުރުނު ޝިލާގެ ހުދުވެ ލޭކަން ކެނޑިފައިވާ މޫނަށް ޙަމްދާންއަށް ބަލަން އޮވެވުނީ ކަޅި ޖަހާނުލައެވެ. ހީވަނީ ބަލިވެ އުޅޭތާ ދެތިން މަސްވެފައިވާ މީހެއް ހެންނެވެ.

ޝީލާގެ މޫނަށް ބަލަން އޮވެވުނު ޙަމްދާންއަށް ފުންމައިގެން ތެދުވެ އެނދުގައި އިށީދެވިއްޖެއެވެ. އަދި ދެއަތުން ޝީލާގެ މޫނުގެ ދެފަރާތުގައި ހިފަހައްޓައިލެވުނެވެ.

(ނުނިމޭ)

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments