ސާދަވަނަ ބައި
ޙަމްދާން އިޝާރާމެން ނިދާ ކޮޓަރިއަށް ވަންގޮތަށް ނުނިކުތުމުން އިޝާރާ ނެގީ ފޯނެވެ.
ތޫބާއާއި ހަމްދާންއާ ދެމެދު ދެކެވުނު ވާހަކަތަކަކަށްފަހު ހިތްހަމަ ޖެހިލައިގެން ޙަމްދާން ނިކުތީ ގެއަށް ދިއުމަށެވެ.
އޭރު ސިޓިންރޫމުގެ ސޯފާގައި ޓީވީއަށް ނަޒަރުހުއްޓާލައިގެން އިން އިޝާރާ ފެނުމުން ޙަމްދާން ޝުކުރިއްޔާއޭ ބުނެލިއެވެ. އިޝާރާ އިނީ ކަޅި ވެސް ޖަހާނުލާ ޙަމްދާންއަށް ބަލަހައްޓައިގެންނެވެ.
އެ އެޕާޓްމެންޓްގެ ބޮޑުދޮރު ހުޅުވައިލަމުން ނުކުތް ޙަމްދާން އަޅައިގަތީ އައިސް އެގެއަށް ވަންނަން ފަރިކޮށްލި މުސްކުޅިފުރައިގެ މީހެއްގެ ގައިގައެވެ. މަޢާފަށް އެދެމުން ޙަމްދާން މަޑުނުކޮށް ކުރިއަށް ދިޔައިރު އެމިހާ އެނބުރި ފުންނަޒަރަކުން ޙަމްދާންއަށް ބަލަހައްޓައިގެން ހުއްޓެވެ.
ގޭގެ މައިދޮރު ހުޅުވައިލުމަށްފަހު އެތެރެއަށް ވަން ތޫބާގެ ބައްޕަ ގޮސް އިށީނީ އިޝާރާގެ ކުރިމަތީ ހުރި ގޮނޑީގައެވެ.
“ކޮބާ!”
އަތުން އިޝާރާތްކޮށް ތޫބާގެ ބައްޕަ އެ އެހީ ކާކުގެ ވާހަކަކަން އިޝާރާއަށް ވިސްނުމުން ހިނގައްޖެއޭ ބުންޏެވެ. އެ ހިސާބުން އިޝާރާއާ ތޫބާގެ ބައްޕަ މަޝްވަރާ ކުރީ ތޫބާގެ ކައިވެނި އަވަސް ކުރުމާ ބެހޭގޮތުންނެވެ.
އެރޭ ތޫބާ ނިދީ ފޮނި އުންމީދުތަކެއް ގެ ފޮނި އިޙުސާސްތަކަކާއެކު އުފާވެރި މާދަމައަކަށް އިރު އެރުން އަވަސް ވުން އެދި ދުޢާ ކުރަމުންނެވެ.
ފަތިހު ތެދުވެ ފުރަތަމަ ވެސް ތޫބާ ބެލީ ހަމްދާންގެ މެސެޖެއް އޮތްތޯއެވެ. އެކަމަކު ޙަމްދާން އޮންލައިން ވެފައި ނެތުމުން އަދި ފޯނާހަމައަށް ނާންނަނީކަން އެނގުނެވެ. ހެނދުނުގެ ސަލާމް ތޫބާ ޙަމްދާންއަށް ފޮނުވިއެވެ.
“ޥަރަށް ޚާއްސަ މީހަކަށް ވަރަށް ޚާއްސަ ސަލާމަކުން ހެނދުނުގެ ސަލާމް!”
ތޫބާ ފޮނުވި މެސެޖަށް އެތައްއިރަކު ލޯބިން ބަލަން ތޫބާއަށް އިނދެވުނެވެ. އެމޫނުގައި ވަނީ މިއިން ދުވަހަކު ވެސް އެމޫނުމަތިން ނުފެންނަ އުޖާލާކަމާ އުފާވެރިކަމެވެ. ބާރުގަދަ އިޙުސާސެއްގެ ގަދަ ވިދުމެކެވެ.
އިޝާރާގެ ޑިއުޓީ މިއަދު އޮތީ މެންދުރު ފަހުއެވެ. އެހެންވެ ހެނދުނުގެ ސަޔަށް ރޮށިފިހެ ލާންކާނެ އެއްޗެއް ހެދުމަށްފަހު ތޫބާ ކޮޓަރިއަށް ވަންއިރު ވެސް އިޝާރާ އޮތީ ގަދަ ނިދީގައެވެ.
ރަޙުމަތްތެރިޔާގެ މޫނަށް ބަލާލުމަށްފަހު ތޫބާ އުޅުނީ ޑިއުޓީއަށް ދާން ތައްޔާރު ވުމަށެވެ. ގަޑިޖެހެން ފަނަރަ ވަރަކަށް މިނިޓަށް ވާއިރު ތޫބާ ހުންނާނީ އަބަދު ވެސް ނިކުމެ ގޭގެ ތިރީގައެވެ. އެހާ އިރުން ހިނގައިގަތީމާ ރީތިކޮށް ގަޑި ނުޖެހި ތޫބާއަށް ހޮސްޕިޓަލަށް ދެވެއެވެ. މިއަދުވެސް އެ އާދަމަތިން ތޫބާ ހިނގައިގަތީ ލިފުޓާ ދިމާއަށެވެ.
ތިރިއަށް ފޭބުމަށްފަހު ކުރިއަށް ހިނގައިގަތް ތޫބާއަށް ތަންކޮޅަކަށް ދެވުނުތަނާ ފޯނުމަތިން ހަނދާންވެ އަލުން ދަބަސް ޗެކްކޮށްލިއެވެ. ފޯނު ނެތްކަން އެނގުމުން ފޯނު ބޭއްވުނު ތަނަކާމެދު ޚިޔާލު ހިންގަމުން އަނބުރާލާފަ އައިކޮޅަށް އަވަސް ހިނގުމެއްގައި ހިނގައިގަތެވެ . ތޫބާގެ ފިޔަވަޅުތައް އަވަހެވެ. ގަޑި ނުޖެހި ދެވޭނީ ވަރަށް އަވަސްކޮށްގެންކަން ތޫބާއަށް އެނގެއެވެ.
ޑަބަލް ތަޅުދަނޑި ނަގައިގެން ގޭގެ ދޮރު ހުޅުވައިލިއިރު ވެސް ތޫބާ ހުރީ ދޮރުހުޅުވޭލެއް ވެސް ލަސްވެފައެވެ. ބާރު ފިޔަވަޅުތަކެއް އަޅަމުން ކޮޓަރީގެ ދޮރާ ހަމައަށް ނުދެވެނީސް އިޝާރާ ވާހަކަ ދައްކާ އަޑު ތޫބާއަށް އިވިގެން ދިޔައެވެ. ސާފުކޮށްނެވެ. ނިކުންނަން ވެގެން ތޫބާ ހުޅުވައިލި ދޮރު އަދި ވެސް އެހެރީ ހުޅުވި ގޮތަށެވެ. ކިތަންމެ ލަސްވެފައި ހުއްޓަސް ތޫބާގެ ހަވަނަ ހިއްސު މަސައްކަތް ކުރަން ފެށީ ތޫބާގެ ނަން ހިނިގަނޑެއް ޖަހާލަމުން އިޝާރާ ކިޔައިލުމުންނެވެ.
“އެ ބޭބެއަށް ލާރިކޮޅެއް ދީ! އަހަންނަށް ހީވަނީ ހެއްލިދާނެހެން! މި ވަގުތު ދަތިކޮށް އުޅޭ ވާހަކަ ވެސް ރޭގަ ދެއްކި! …..”
ދެން ދިޔައީ އެކޮޅުން ވާހަކަ ދައްކާތީ އިޝާރާގެ އަޑެއް ނީވި ދިޔަ ވަގުތުކޮޅެކެވެ.
“ހާރިސް ފުރަތަމަ ހާރިސްގެ ކަންތައް ނިންމާ! އޭރުން މަށަށް ޔަގީން ޙަމްދާން ވާނެ އަހަރެންގެ މީހަކަށް ! އަނެއްހެން ގޯހެއް ވެސް ނޫނެއްނު! ހާރިސް ތޫބާ ދެކެ ނުލާހިކު ލޯބި ވޭނު! ތޫބާއަކަށް ވެސް ދެރަގޮތެއް ނޫނެއްނު މީކީ!”
އަނެއްކާ ވެސް އިވުނީ އިޝާރާ ހީނގަތް އަޑެވެ. ތޫބާގެ ފިޔަވަޅު ބިމުގައި ތަތްލި ފަދައެވެ. ކުރިއަށް ހިނގައި ގަންނަން ވެސް ނޭގިފައި ތޫބާ އެތާ އެތައް އިރަކުހުއްޓެވެ.
ފޯނު ނަގަން ކޮޓަރިއަށް ތޫބާ ވަނީ އިޝާރާ ފާޚާނައަށް ވަން އަޑު އިވުމުންނެވެ. ވީ ދެރައިން މީހާވަނީ މުޅިން މިލާފައެވެ. އިޝާރާއަކީ ތޫބާ ހާދަ އިތުބާރު ކުރި އެކުވެރިއެކެވެ.
މުޅި އެދުވަހު ތޫބާއަށް ވިސްނުނީ އިޝާރާއާ ހާރިސްއާ ދެއްކި ވާހަކައާ މެދުގައެވެ. ވަރަށް ގާތްކަމަށް ހެދިގެން އުޅޭ އެއްކޮޓަރިއެއްގައި ނިދާ އެކުވެރިއެކެވެ. އެއްކޮށް ކައި ސަކަރާތްޖަހާ ޓީވީ ބަލާ ހަދަން މިހޭދަވި ދެތިން މަސްދުވަހުގެ ތެރޭ މިހާ ގާތްކޮށް އުޅުނު އިރުވެސް އިޝާރާ އެއީ މިފަދަ ލަނޑެއް ދީފާނެ މީހެއްކަމަކަށް ތޫބާ ހީނުކުރެއެވެ. އަނެއްކޮޅުން އިޝާރާގެ ހިތް ނިޔަތް ގޯސްވީ ޙަމްދާން ފެނުނު ހިސާބުން ހެއްޔެވެ! ތޫބާ ވިސްނައިލިއެވެ.
އިޝާރާ އެހެރީ ރަނގަޅަށް ވެސް ބައްޕަ ހައްލާލާފައެވެ. އަހަރެން ޖެހޭނީ ބައްޕައަށް އިޝާރާގެ ނިޔަތް ސާފުކޮށްދޭށެވެ.
ޑިއުޓީ ނިމިގެން ތޫބާ ގެއަށް އައިއިރު އިޝާރާވީ ޑިއުޓިއަށް ގޮހެވެ. ފުރުސަތުގެ ބޭނުން ހިފާ ތޫބާ ގުޅީ ހަމްދާންއަށެވެ.
“ގެއަށް އައިއްސިންތަ!”
ޙަމްދާން ހަލޯއޭ ބުނުމުން ތޫބާ އެހީ ޙަމްދާން އޮފީހުން އައިތޯއެވެ.
“ގޭގަ މިހިރީ ! ތިގެއަށް ދާންވީތަ!”
މަޖާވެލާފައި ތޫބާ ހެއްވާލުމުގެ ބޭނުމުގައި ޙަމްދާން އެހިއެވެ.
“އާން ! އެކަމަކު ޙަމްދާން އެކަންޏަކު ނޫން! އާދޭ މަންމައާ ބައްޕަ ވެސް ގޮވައިގެން!”
ތޫބާގެ ޖަވާބު އަޑު އިވުމުން ޙަމްދާންއަށް ލިބުނީ ޙައިރާންކަމެކެވެ.
“ކީއްވީ ތޫ!”
“އަހަރެން ހިތަށް އަރަނީ މި ވާހަކަ ޙަމްދާން ގާތު އަހަރެން ބުނާނީބާވައޭ ނޫނީ ޙަމްދާން ބުނަން ދެން އަހަރެން މަޑުކޮށްގެން ހުންނާނީ ބާވައޭ!……… އެހެން ހުރެއްޖެއްޔާ …… ފަހަރެއްގައި………. ފަހަރެއްގައި ދުވަހަކު ވެސް އަހަރެންގެ ހިތުގެ އެދުން ޙާސިލް ނުވެދާނެ!”
ތޫބާގެ އަޑުގައިވަނީ މޮޅިވެރިކަމެވެ. ހިތާމައެވެ. އެ އަޑުން އެތައް ހާސް ރިހުމެއް ޙަމްދާންއަށް އިޙުސާސް ކުރެވުނެވެ.
“ތޫ! ތެދެއް ބުނަންތަ! އަހަރެން ބޭނުން ………….!”
ޙަމްދާން ހުއްޓައިލިއެވެ. ބުނަން އުދަނގޫވީއެވެ. ތޫބާ ވިސްނާނެ ގޮތެއް ނޭނގިގެންނެވެ.
“ބުނެބަލަ! ޕްލީޒް! ….. އަހަރެން އަޑުއަހާނަމޭ!”
“ކޮންމެ ވާހަކައެއް ދެއްކިއަސް ވަރިހަމަ؟…. ރުޅިއެއް ނާންނާނަން؟”
“ރުޅިއެއް ނާންނާނަން ! ……. .ހުވާ މިބުނީ! …….ބުނޭ!”
ތޫބާ ހުރީ ވަގުތު ކުޑަވެދާނެތީ ވެސް ކަންބޮޑުވެފައެވެ.
“އަސްލު އަހަރެން ބޭނުން…….. ތޫ އަހަރެންގެ ……. މީހަކަށް ހަދަން! މިބުނީ ތޫއާ އެކު…. ދިރިއުޅުމެއް ފަށަން އަހަރެން އެދެމޭ!”
އަޅައަޅައިގަންނަމުން ޙަމްދާން އޭނަގެ ހިތުގެ އަޑު ބޭރުކުރިއެވެ. އުދަނގުލުން ވިޔަސް ބޭނުންވާ ގޮތް ދުލުން ހާމަކުރެވުނީތީ ޙަމްދާން ހުރީ އުފާވެފައެވެ. ހިތަށް ލިބުނީ ހަމަ ޖެހުމެކެވެ. ދެން އޮތީ ތޫބާ ދޭނެ ޖަވާބެކެވެ.
ޙަމްދާން ޙައިރާން ވީ ތޫބާގެ ޖަވާބެއް އަޑު ނީވި ދިޔަ ސިކުނތުކޮޅަކަށްފަހު ތޫބާ ގިސްލާ އަޑު އިވުމުންނެވެ.
“ތިހެން ޙަމްދާންގެ ދުލުން ބުނާއަޑު އަހަން އަހަރެން ކިތައް އަހަރު މަޑުކޮށްފިން! ކިތައް އަހަރުގެ ދިގު އިންތިޒާރެއް ކޮށްފިން! ޙަމްދާން!….. އަހަރެންގެ ހިތުގައި ޙަމްދާންގެ ސޫރަ ކުރެހި ޙަމްދާންއަށް އެދެވެން ފެށީ އަހަރެމެންގެ ގެއަށް ޙަމްދާން ޓިއުޝަން ދޭން ދާން ފެށި ހިސާބުން! އެއީ މީހެއްގެ އަނތްބެއްގެ ގޮތުގައި ހުރެގެން އަހަންނަށް ކުރެވުނު ކުށެއްނަމަ އެ ކުށުގެ ސަޒާ އަހަންނަށް ލިބުނަސް އެ ނުވާނެ ޙައްޤު ސަޒާއަކަށް! އެނގޭތަ ކީއްވެގެންކަން! އެހެން އެކަން ވީ އަހަރެންގެ އިޚުތިޔާރުގަ ކަމަށް ނުވާތީ!”
ހަމްދާން ހުރީ ތޫބާއަށް ވާހަކަ ދައްކަން ވަގުތު ދީގެންނެވެ. ތޫބާގެ ދުލުން ފާޅު ކުރި ކޮންމެ ލަފުޒަކީ މާމުއިގެ ތިކިތަކެއްހެން ޙަމްދާންއަށް އިޙުސާސް ކުރެވެމުން ދިޔައެވެ. މީހެއްގެ އަނގައިން ޙަމްދާން މިހާ އުފާވި ވާހަކައެއް ދުވަހަކުވެސް ބޭރެއް ނުވެއެވެ. މުޅި ދުނިޔެ ޙަމްދާންއަށްޓަކައި ފަރިވެ ފޮޅިގެން އައި ކަހަލައެވެ.
ތޫބާ ލައްވާ ދައްކުވަން ބޭނުން ކިތަންމެ ވާހަކައެއް، ޖަވާބު ބޭނުން ކިތަންމެ ސުވާލެއް ޙަމްދާންގެ ޚިޔާލުގައި ހުއްޓެވެ. އެހެންނަމަވެސް އެ ސުވާލުތައް ކުރަން ފަހަށް ބެހެއްޓުމަށްފަހު އެދެމީހުން ދެން ވާހަކަ ދެއްކީ ކައިރިވަމުން އަންނަ ވަގުތު ދެން ކަންކުރަންވީ ގޮތަކާ ބެހޭގޮތުންނެވެ.
ޙަމްދާންގެ ފޯނު ބޭއްވުމަށްފަހު ތޫބާ ގުޅީ ބައްޕައަށެވެ.
“ހަލޯ ބައްޕާ!”
ތޫބާގެ ބައްޕަ ފޯނު ނެގުމުން ތޫބާ އެދުނީ އެ ގެއަށް އައިސް ދިނުމަށެވެ.
“ބައްޕަ އައިސް ދީބަލަ މިގެއަށް! އަހަރެން ބޭނުން ބައްޕައާ ވާހަކައެއް ދައްކަން!”
“ކޮން ވާހަކައެއް ؟ ތޫބާ އަހަރެން ގާތު ދައްކަން ޖެހޭ އެއްވެސް ވާހަކައެއް މިކަމުގައި ދެނެއް ނޯންނާނެ!”
ތޫބާގެ ބައްޕަގެ ރުޅި ވެރި ބަސްތައް އަޑު އަހާކަށް ތޫބާއަކަށް ފަސޭހައެއް ނޫނެވެ. އެހެންނަމަވެސް ލަދު ކަނޑާލާފަ ބައްޕަގެ ކުރިމަތީ އާދޭސް ކުރަން އެބަޖެއެވެ. އެއީ ތޫބާގެ އަމިއްލަ ދިރިއުޅުމެވެ. ބައްޕަ ބުންޏަސް ލޯބިވާ މީހާ ލިބެން އޮތްވަކާ ލޯބި ނުވާ މީހަކާ އިންނާކަށް ތޫބާ ބޭނުމެއް ނޫނެވެ. ކޮންމެ ފަދަ ޤުރުބާނެއް ވެގެންވެސް ތޫބާ ބޭނުމީ ޙަމްދާނެވެ.
“ބައްޕާ! އާދޭސް ކުރަން އަހަންނަށް އެންމެ ފުރުސަތެއް ދީ! ބައްޕަ ބޭނުން މީހަކާ އަހަރެން އިންނާނަން ކަމަށް ވަޢުދުވަން!………… މިގެއަށް މި ވަގުތު އައިސް ދީބަލަ! ބައްޕާ!”
ތޫބާއަށް ރޮވިއްޖެއެވެ. އެ ހިސާބުން ތޫބާ ފޯނު ކަނޑައިލިއެވެ. ބައްޕައެއް ނާންނާނެއެވެ. އިޝާރާ އާއި ހާރިސް އެތިބީ އެއަށްވުރެ ބޮޑަށް ބައްޕަގެ ބޮލަށް ވަދެފައެވެ. ފައިސާއަށް ބައްޕަ ހެއްލެން ޖެހޭ ސަބަބެއް ތޫބާ އަކަށް ނުވިސްނެއެވެ. ބައްޕަ އަކީ ކުރިން އެހެން އުޅުނު މީހެއް ވެސް ނޫނެވެ.
ވީ ދެރައިން ތޫބާއަށް ހިފަހައްޓާލެވުނީ ދެއަތުން ބޮލުގައެވެ.
ރޭވިފައިވާ ގޮތަށް ކަންތައް ދާނަމަ އިރުކޮޅަކުން ޙަމްދާން ހުންނާނީ މިގޭގައެވެ. ބައްޕަގެ ކުރިމަތީ އާދޭސްކޮށްގެން ވިޔަސް އަހަރެން ޙާސިލް ކުރުމަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ޙަމްދާން ދިނީ އިރުކޮޅެއްކުރިންނެވެ. ތޫބާ ވިސްނައިލިއެވެ. ގުޅާފަ ތިކަމެއް ނުވާނެޔޭ ޙަމްދާން ގާތު ބުނަންވެސް ތޫބާ ކިތަންމެ ފަހަރަކު ހިތަށްއެރިއެވެ. އެހެންނަމަވެސް ދެން ތަޤުދީރާ އަމިއްލަ ދިރިއުޅުން ޙަވާލު ކުރުމަށްފަހު ތޫބާ އެނދުގައި އޮށޯތެވެ. އަދި ދެލޯ މަރާ ބާރުކޮށްލީ މި ޙާލަތު ވީއެންމެ އަވަހަކަށް ނިމި ދެލޯ ހުޅުވާލާއިރު މުޅިން އާޙާލަތަކަށް ދުނިޔެ އެނބުރިގެން ދިއުން އެދިގެންނެވެ. އެކަމަކު އެހެނެއް ވެސް ނުވިއެވެ. ފަނަރަ ވަރަކަށް މިނިޓް ފަހުން ފޯނު ރިންގްވާއަޑު އިވިއްޖެއެވެ. ފޯނަށް ތޫބާ ބަލައިލީ ރިންގް ކެނޑެން އުޅެނިކޮށެވެ. ފޫހި ގޮތަކަށެވެ. އެ ވާނީ ޙަމްދާންގެ ފޯނަކަށެވެ. އެނބުރިދާން ޙަމްދާން ގާތު ބުނާނީއެވެ.
“ދަރިފުޅާ ދޮރު ހުޅުވަބަލަ! ބައްޕަ މިހިރީ މިގޭގައޭ!”
ބައްޕަގެ އަޑު އިވުމާއެކު ތޫބާއަށް ފުންމައިގެން ތެދު ވެވިއްޖެއެވެ. ގޭގެ ބޭރު ދޮރާހަމައަށް ތޫބާ ދުވެފައި ދިޔައީ ގޭތެރޭ އަރަން އުޅޭ ފައިވާނަށް ވެސް ނާރައެވެ. އެވަރުވެސް ތޫބާއަށް ލަސްވިއެވެ. ހީކުރެވުނީ ލަސްވަންޏާ ބައްޕަ ހިނގައިދާނެއެވެ. ނޫނީ ބޭނުންވެގެން މިހިރަ ފުރުސަތު ގެއްލިދާނެހެންނެވެ.
ތޫބާ ހުޅުވި ދޮރުން ތޫބާގެ ބައްޕަ ވަނުމުން ތޫބާ ދޮރުލައްޕާލާފައި ވެސް އިރުކޮޅަކު ހުރިތާ ހުއްޓެވެ. ބައްޕަ ގާތު ޙަމްދާންގެ ވާހަކަ ފަށާނެ ގޮތަކާމެދު ވިސްނަނީއެވެ.
(ނުނިމޭ)
ޚިޔާލުތައް