A wide advertisement which will be shown on all devices. (700 x 100)

ފުވައްމުލަކު ކުނި ފަރުބަދަ ކަނޑައި ހުސްކުރަނީ!

ފުވައްމުލަކު ކުނިގޮނޑުގައި އުފެދިފައިވާ ކުނިގެ ފަރުބަދަ. ފޮޓޯ: ސަވާދު

ކުނީގެ މައްސަލަ އިންތިހާ އަށް ބޮޑުވެފައިވާ ފުވައްމުލަކުގެ ކުނިގޮނޑުގައި ހުރި ޒަމާންވީ “ކުނި ފަރުބަދަ” ހުސްކޮށް ރަށުން ބޭރުކުރަންޖެހޭ ކުނި ޕްރޮސެސްކޮށްފައި ރަށުން ބޭރު ކުރުމުގެ މަސައްކަތް ވެމްކޯ އިން ފަށައިފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވަނީ 20 ރަށެއްގެ ކުނީގެ މައްސަލައަށް ހައްލު ގެނައުމުގެ މަސައްކަތް މިއަހަރު ފަށައި ނިންމާނެ ކަމަށް ވިދާޅުވެފައެވެ. އެނގިފައިވާ ގޮތުގައި ފުވައްމުލަކުގައި މިގެންދަނީ ރައީސް ވިދާޅުވި ޕްރޮޖެކްޓެވެ.

މި ސަރުކާރުން ވެމްކޯ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ “އެކިއުމިއުލޭޓެޑް ވޭސްޓް ކްލިއަރިން ޕްރޮޖެކްޓް”ގެ ދަށުން ރަށްރަށުގައި ޖަމާކޮށްފައި ގިނަ ދުވަސްތަކެއް ވެފައި ހުރި ކުނި ނައްތައިލުމުގެ މަސައްކަތް ކުރާނެއެވެ. ވެމްކޯއިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މި މަޝްރޫއުގެ ދަށުން ފުވައްމުލަކުން ގާތްގަނޑަކަށް 25000 ޓަނުގެ ކުނި ނަގާނެއެވެ.

ވެމްކޯއިން ވަނީ މިހާތަނަށް 650 ޓަނުގެ ކުނި ފުވައްމުލަކުން ނަގާފައެވެ. މި މަސައްކަތް ނިމުމުން ވެމްކޯގެ އޮޕަރޭޝަންސް (ދުވަހު މަސައްކަތް) ފުވައްމުލަކުގައި ހިންގުމަށް ފަސޭހަވެގެން ދާނެ ކަމަށް އެކުންފުނިން ހާމަކުރެއެވެ.

އެގޮތުން ބޭރުކުރާ ކުނި ނައްތާލުމަށް އަދި ރިސައިކަލް ކުރުމަށް ގެންދިއުމަށް ހަަމަޖެހިފައިވަނީ ތިލަފުއްޓަށެވެ. އެގޮތުން ގެންދެވޭ ކުނިތަކުގެ ތެރޭގައި ޕްލާސްޓިކްގެ ބާއްވަތްތަކާއި އެކި މައުދަނުގެ ރެސިޑިއުލް ކުނީގެ ބްވަތްތަކާއި ހިމެނެއެވެ.

ކުނިގޮނޑު ހުސްކުރުމުގެ މަސައްކަތް ކުރަނީ ބާޖެއްގައި ރަށުގައި ހުރި ކުނިތައް ރަށުން ބޭރުކޮށްގެންނެވެ. ވެމްކޯ އިން މައުލޫމާތު ދިން ގޮތުގައި ރަށުން ކުނި ބޭރުކުރުމުގެ މަސައްކަތުގައި ކުނި މޫދަށް ނޭޅޭެނެ ކަން ކަށަވަރުކުރުމަށްޓަކައި ކުނި އެއް ތަނުން އަނެއް ތަނަށް އުފުލުމުގައި އަމަލުކުރަން ޖެހޭ އީޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރަމުން ގެންދާނެއެވެ.

އަދި މި މަސައްކަތުގެ ތެރެއިން ބާޖުގައި ކުނި ރަށުން ބޭރުކުރުމުގެ ކުރިން ކުނިގޮނޑުގައި ޖަމާކޮށްފައި ހުރި ކުނި ފުރާނާލުމަށްފަހު ކުންޏާއި ވެލި ވަކިކޮށް ކައުންސިލުން ދައްކާ ސަރަހައްދެއްގައި ފުރާނާލައިގެން ވަކި ކުރެވޭ ވެލި ބަހައްޓައިދޭނެ ކަމަށް ވެމްކޯ އިން ބުނެއެވެ.

ފުވައްމުލަކު ކުނި ކޮށީގައި ގިނަ ދުވަސްވެފައި ހުރި ކުނިތައް ސާފުކޮށްދީ ނައްތައިލުމުގެ މަސައްކަތަކީ ފުވައްމުލަކު ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން އެދި ތިބި ކަމެކެވެ. މީގެ ކުރިންވެސް މި ސަރުކާރުން ބުނެފައިވަނީ ފުވައްމުލަކަށް ދިމާވެފައިވާ ކުނީގެ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !