A wide advertisement which will be shown on all devices. (700 x 100)

ފަސްވަނައަށް އެންމެގިނަ ވޯޓު ހޯއްދެވީ ދޮންބެ

މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ފަސްވަނައަށް އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ފުވައްމުލަކު އުތުރު ދާއިރާގެ ގޮޑި ކާމިޔާބު ކުރެއްވި މުހައްމަދު ރަޝީދު (ދޮންބެ) އެވެ. ރައްޔިތުންގެ މަޖިލީހަށް އަލަށް ކުރިމަތި ލެއްވި ދޮންބެ މިފަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި 1775 ވޯޓު ހޯއްދެވައިގެން ފުވައްމުލަކު އުތުރު ދާއިރާ ކާމިޔާބު ކުރެއްވިއިރު މިއީ އެމްޑީޕީ ކެންޑިޑޭޓަކު މި ދާއިރާގެ ގޮޑި ކާމިޔާބު ކުރި ފުރަތަމަ ފަހަރެވެ. އަދި ހޯދަޑު އަވަށަށް ނިސްބަތްވާ ކެންޑިޑޭޓަކު މިދާއިރާ ކާމިޔާބު ކުރި ފުރަތަމަ ފަހަރުވެސް މެއެވެ.

މިއިންތިޚާބުގައި ދޮންބެ ވާދަކޮށްފައިވަނީ ފާއިތުވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އެދާއިރާ ކާމިޔާބު ކުރެއްވި އަލީ ޝާހާއިއެވެ. އެފަހަރުގެ އިންތިޚާބު އަލީ ޝާހު ކާމިޔާބު ކޮށްފައިވަނީ އެމްޑީޕީ ކެންޑިޑޭޓާއި ވާދަކޮށް ހަނި ގޮތަކަށް ކަމަށްވި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީ ކެންޑިޑޭޓު ދޮންބެ މިއިންތިޚާބު ކާމިޔާބު ކޮށްފައިވަނީ 588 ވޯޓުގެ ތަފާތަކުންނެވެ. ތިން ކެންޑިޑޭޓުން ވާދަކުރި މިދާއިރާގެ ވޯޓު ދިން އާބާދީގެ 58 އިންސައްތަ ވޯޓު ދޮންބެ ވަނީ ހޯދާފައެވެ.

މިފަހަރުގެ މަޖިލިސް އިންތިޚާބުގައި އެންމެ ގިނަ ވޯޓު ހޯއްދަވާފައިވަނީ ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރި އިބްރާހިމް ނާޒިލެވެ. ނާޒިލް 1931 ވޯޓު ހޯއްދެވިއިރު، ދެވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވި ހޯރަފުށީ ދާއިރާ އަށް ކުރިމަތިލެއްވި އަހުމަދު ސަލީމަށް ލިބިލެއްވީ 1829 ވޯޓެވެ. ތިންވަނަ އަދި ހަތަރު ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ފޭދޫ ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ނިހާދާއި ހިންނަވަރު ދާއިރާއަށް ކުރިމަތި ލެއްވި ޖީހާން މަހުމޫދެވެ. ނިހާދަށް 1781 ވޯޓު ލިބިލެއްވިއިރު ޖީހާނަށް ލިބިލެއްވީ 1779 ވޯޓެވެ. މިހަތަރު ކެންޑިޑޭޓުންނަކީވެސް އެމްޑީޕީގެ ފަރާތުން ކުރިމަތިލެއްވި ހަތަރު ކެންޑިޑޭޓުންނެވެ.

މަޖިލީހަށް މެމްބަރުން ހޮވަން ނެގި ވޯޓުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީންނެވެ. އެ ޕާޓީން 86 ދާއިރާ އަށް ވާދަކޮށް 65 ގޮނޑި ކާމިޔާބުކޮށްފައިވެ އެވެ. މިއީ މަޖިލީހުގެ ސާފު އަޣުލަބިއްޔަތެވެ. ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާ އެކު ނުކުންނެވި ކެންޑިޑޭޓުން އަދި އިދިކޮޅު ޕީޕީއެމާއި ކޮންގްރެސް ޕާޓީގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް ނެގުނީ 22 ގޮނޑި އެވެ.

+1
0
+1
0


A wide advertisement which will be shown on all devices. (700 x 100)

ޚިޔާލުތައް

ޚިޔާލު ފާޅު ކުރައްވާ !