ތަތާރުންގެ ގަތުލުއާންމަށް ފަހު ބަޣުދާދުގެ ވެރިއަކަށް އިބުނު އަލްގަމީ އައްޔަން ކުރެވުނެވެ. ތަތާރުންނަށް މަދަދުވެރިކަން ދީގެން ވެރިކަން ހޯދަން މަސައްކަތްކުރި އިބުނު އަލްގަމީ އަށް ލިބުނީ އޭނާ ބޭނުންވި ފަދަ ވެރިކަމެއްނޫނެވެ. ހަމައެކަނި ރަމްޒީ މަގާމެކެވެ. އެއްވެސް ބާރެއް އޭނާއާއި ހަވާލެއް ނުކުރިއެވެ. އެވަރުން ފުދުނީކީނޫނެވެ. އޭނާއަށް މަލާމާތާއި ފުރައްސާރުކުރުމަކީ ތަތާރުންގެ މުނިފޫހިފިލުވައިދޭކަމަކަށް ހެދިއެވެ. މަލާމާތާއި ފުރައްސާރައާއިއެކުވެސް މާގިނަ ދުވަހަކަށް ދެމިއެއްނުހުރެވުނެވެ. އިބުނު އަލްގަމީ ނިޔާވުމަށްފަހު އޭނާގެ ދަރިކަލުންނަށް ރަމްޒީ ވެރިކަން ހިޖުރީ ސަނަތުން 656 ވަނަ އަހަރު ހަވާލުކުރިއެވެ. އިބުނު އަލްގަމީ ފަދައިން އޭނާގެ ދަރިކަލުންވެސް މާގިނަ ދުވަހެއްނުވެ މިދުނިޔެ ދޫކުރިއެވެ. އެއަށްފަހު މުސްލިމުން އުއްމަތުގެ ޚަލީފާއެއްނެތި ދުވަސްތަކެއް ފާއިތުވިއެވެ.
ބަޣުދާދުގެ ވެރިކަން ވެއްޓުމާއިއެކު މުސްލިމު އުއްމަތަށް ބޮޑު ސިހުމެއް ލިބުނެވެ. އެތަށް ބަޔަކު މާޔޫސްވިއެވެ. މަހުދީ އަށް މުސްލިމުން އިންތިޒާރު ކުރަންފެށިއެވެ.
ބަޣުދާދުގެ ވެރިކަން ވެއްޓުނު ނަމަވެސް، ހުލާގޯ މަޑުކުރީ ފާރިސްކަރާގައެވެ. މިހާރުގެ އީރާނުގެ އުރުމިޔާ ޝަހަރުގެ ޝަހާ ކިއްލާގައި ހުލާގޯ މަޑުކުރިއެވެ. ބަޣުދާދު ބިމާ ހަމަކުރުމަށްފަހު އެތަނުގެ ހުރިހާ ޚަޒާނާއެއް ހުލާގޯ ގެންދިޔައީ އޭނާ ގާއިމުވެފައިވާ ޝަހާ ކިއްލާއަށެވެ. ބަޣުދާދު ސުންނާފަތުކުރުމަށްފަހު، ހުލާގޯގެ ލަޝްކަރު މިސްރާބު ޖެހީ ޝާމުކަރައަށެވެ.
ޝާމު ކަރައަށް ޚާއްސަކޮށް ދިމިޝްގަށް ދަތުރުކުރާ ކަމަށްވާނަމަ ފުރަތަމަ ދަތުރުކުރަން ޖެހެނީ އުތުރަށް ތުރުކީއާ ދިމާލަށެވެ. އެއަށްފަހު ހަލަބުން އަބުރާލާފައި ދެކުނަށް ދިމިޝްގަށް މިސްރާބު ބަދަލު ކުރެވިދާނެއެވެ. ނަމަވެސް، ބަޣުދާދުން ސީދާ ހުޅަނގަށް ދަތުރުކުރާ ނަމަ އަވަހަށް ޝާމަށް ދަތުރުކުރެވިދާނެއެވެ. ނަމަވެސް، އެމިސްރާބުން އެހާތަނަށް އެއްމެ ވެރިއަކު ފިޔަވައި އެއްވެސް މީހަކު ދަތުރުކޮށްފައެއްނުވެއެވެ.
އެމިސްރާބު އެހާތަނަށް ނަގާފައިވަނީ ދެވަނައެއް ނެތް އިސްލާމީ ކޮމާންޑަރު ސައިފުﷲ ޚާލިދު ބިން ވަލީދެވެ. ޚާލިދު އެކަލޭގެފާނުގެ ގާފިލާއާއިއެކު ހަނަފަސް ޝަހަރު ގިރާ ކުރައްވާ ޝާމަށް ދަތުރުކުރެއްވި ނަމަވެސް އެހެން އެއްވެސް ބަޔަކަށް އެހާ ހިސާބަށް އެގޮތަށް ދަތުރުކުރުމަށް ކެރިވަޑައިގެންފައެއް ނުވެއެވެ. އެސަރަހައްދުގެ ހަނަފަސްކަމާއި ދަތުރުގެ ދިގުކަމުންނެވެ.
އެހެންކަމުން، ހުލާގޯވެސް މިސްރާބު ޖެހީ ސީދާ އުތުރަށެވެ. ހުލާގޯގެ ލަޝްކަރު ދަތުރުކުރަމުން ދިޔަ މިސްރާބުން ޝާމަށް ދަތުރުކުރެވެނީ މުސްލިމު ލީޑަރެއްކަމަށްވާ އަލް ކަމާލް މުހައްމަދު އައްޔޫބީގެ ވެރިކަމުގެ ދަށުގައިވާ ސަރަހައްދު ހުރަސްކޮށްފައެވެ. އެއީ ތުރުކީގެ އިރުން ވަން ކޯރުގެ އައްސޭރީގެ ސަރަހައްދެކެވެ. މިހާރުގެ އިރާގުގެ އުތުރާއި ތުރުކީގެ އިރުދެކުނާއި ސީރިއާގެ އިރުއުތުރުގެ ބިންތަކެއް ހިމެނޭ ސަރަހައްދެވެ.
މަޝްހޫރު ފާތިހު ސަލާހުއްދީން އައްޔޫބީގެ ދަރިފަސްކޮޅަށް ނިސްބަތްވާ އަލް ކަމާލް ހުލާގޯގެ ލަޝްކަރަށް އަމާންދޭކަމަށް ބޭނުމެއްނުވިއެވެ. އެހެންކަމުން، އަލްކަމާލް އާއި ދެކޮޅަށް ހުލާގޯ ލަޝްކަރެއް ތައްޔާރުކޮށް އޭނާގެ ދަރިކަލުން އެލަޝްކަރުގެ ކޮމާންޑަރަކަށް އައްޔަންކުރިއެވެ. މިލަޝްކަރާއި ކުރިމަތިލުމަށް އަލްކަމާލްގެ ލަޝްކަރެއް އެއްކުރިއެވެ. އަލްކަމާލްގެ ވެރިކަމުގެ ދަށުގައިވާ ބިންތައް ތަތާރުންނަށް ހުޅުވާލަން ދެކޮޅު ހެދިނަމަވެސް އެހިސާބުގެ ބާކީހުރި ބިންތައް ޚާއްސަކޮށް މޫސަލް ތަތާރުންނަށް ހުޅުވާލުގެ ނަތީޖާއަކަށްވީ ކަމާލްގެ ލަޝްކަރު ކަމާލްގެ ވެރިރަށްކަމުގައިވާ މިއާ ފަރުގީން ގައި ހިސާރުވުމެވެ. ކަމާލް ނިސްބަތްވާ އައްޔޫބީ ޚާންދާނުން ޝާމްކަރައިގެ ބިންތަކުގައި ވެރިކަން ކުރަމުންދިޔަ ނަމަވެސް އެއިން އެއްވެސް ބަޔަކު ކަމާލްއަށް އެހީތެރިވުމަކަށް ބޭނުމެއްނުވިއެވެ. ނުވަތަ އެހީތެރިވުމަކަށް ނުކެރުނެވެ. އޭރު ސަލާހުއްދީން ދުނިޔެ ދޫކުރެއްވިފަހުން އަދި 70 އަހަރުވެސް ފުރިހަމަނުވެއެވެ.
ކަމާލަށް އެހީވުމުގެ ބަދަލުގައި އައްޔޫބީ ޚާންދާނުގެ އަލް ނާސިރު ޔޫސުފު އޭނާގެ ދަރިކަލުންނަށް ސިޓީއެއްގެ ޒަރީއާއިން އެންގީ މިސްރު ހިފުމަށް ތަތާރުންނަށް އެހީވުމަށެވެ. މިކަމާއި ހުލާގޯ އެހާ ހިތްހަމައެއް ނުޖެހުނެވެ. ސަބަބަކީ ހުލާގޯ ބޭނުންވަނީ ދަރިއެއްގެ ބަދަލުގައި ނާސިރު އޭނާއަށް ބައިއަތު ހިފައި އޭނާއާއިއެކު މިސްރު ހިފުމަށް ދިއުމަށެވެ. އެހެންކަމުން، ހުލާގޯ ނާސިރަށް ބިރުދައްކައި ސިޓީއެއް ފޮނުވިއެވެ. މިސިޓީއާއިއެކު ނާސިރު ބިރުން ތަތާރުންނާއި ދެކޮޅަށް ޖިހާދު އިއުލާންކުރިއެވެ.
ނާސިރުގެ ޖިހާދަށް އިޖާބަދޭނީ ކާކުހެއްޔެވެ. އެއީ ބަޣުދާދު ސުންނާފަތިކުރުމަށް ތަތާރުންނާއިއެކު އޭނާގެ ދަރިކަލުން ފޮނުއްވި ނާާސިރެވެ. އެއީ ނަސާރާ ރަސްގެފާނު ލުއިސް 9 އާއި ގުޅުން ބަދަހިކުރެއްވި ނާސިރެވެ.
ނާސިރު އޭނާގެ ލަޝްކަރު މަޑުކުރުމަށް ނިންމީ އޭރު ވަރުގަދައަށް ދިފާއީ ކިއްލާތައް ހެދިފައިވާ ހަލަބުގެ ބަދަލުގައި ދިމިޝްގުގެ އުތުރުގައެވެ. އޭރު ހުލާގޯ ދަނީ މުޅި ޝާމުކަރަ އަތުލުމަށް އެކި ސަރަހައްދުތަކަށް އެކި ލަޝްކަރުތައް ފޮނުވުމަށްޓަކައި ލަޝްކަރުތައް އެކުލަވާލަމުންނެވެ. ސީރިއާ ސަރަހައްދުގެ މުސްލިމުންގެ ބާރުދަށުގައި ބިޔަ ދެ ޝަހަރު އޭރުވެސް އޮތެވެ. އެއީ ހަލަބު (އެލަޕޯ) އާއި ދިމިޝްގެވެ.
ދާދިއަވަހަށް ހަލަބަށް ތަތާރުން ހަމަލާދޭނެކަން ހުރިހާ އެންމެންވެސް ތިބާ އުއްމީދުކޮށްގެނެވެ. ނަމަވެސް ދިމިޝްގާއި ހަމައަށް ފޯރާފާނެކަމަކަށް އުއްމީދެއް ނުކުރެއެވެ.
ހުލާގޯގެ ލަޝްކަރު އިސާހިތަކު ހަލަބަށް މިސްރާބު ޖެހިއެވެ. އިރާގާއި ޝާމާއި ދޭތެރޭގައިވާ މަޝްހޫރު ދެކޯރު ހުރަސްކޮށް ހަލަބަށް ވާސިލުވުމަށް ހުލާގޯގެ ލަޝްކަރު އެއްއަހަރު ދުވަސް ހޭދަކުރިއެވެ. ހުލާގޯގެ ލަޝްކަރަށް ހަލަބާއި ހަމައަށް ދެވުނީ ހިޖުރީ ސަނަތުން 658 ވަނަ އަހަރު މުހައްރަމް މަހުގެ ތެރޭގައެވެ.
ހަލަބުގެ ވެރިއަކަށް އޭރު ހުރީ އައްޔޫބީ ޚާއްދާނުގެ ތޯރާން ޝާހެވެ. ތޯރާން ޝާހުގެ މަދަދަށް ދިމިގުން އެހީ އަންނާނެކަމަށް އުއްމީދު ކުރެވުނު ނަމަވެސް ދިމިޝްގުން އެއްވެސް އެހީތެރިކަމަށް ހަލަބަށް ނުލިބި ތަތާރުންގެ ލަޝްކަރުން ހަލަބު ހިސޯރުކުރިއެވެ. ތަތާރުން ހަލަބު ހިސޯރުކޮށްފައި ވަނިކޮށް ހަލަބު ރައްޔިތުންނަށް މިއާ ފަރުގީން ތަތާރުންގެ ބާރުގެ ދަށަށް ދިޔަ ބަދު ޚަބަރު ލިބުނެވެ. 18 މަސްދުވަހުގެ ހިސާރަކަށްފަހު މިއާ ފަރުގީން ތަތާރުންގެ އަތްދަށަށް ދިއުމާއިއެކު އެޝަހަރުގެ ލީޑަރު އަލް ކަމާލް ފިޔަވައި ހުރިހާ އެންމެން ކަހަލަގޮތަކަށް ޝަހީދުކުޅައެވެ. އަލް ކަމާލް ހައްޔަރުކުރުމަށްފަހު ހުލާގޯގެ އަރިހަށް ފޮނުވުނެވެ.
ހުލާގޯގެ އަރިހަށް އަލް ކަމާލް ފޮނުވުމާއިއެކު އަލްކަމާލްގެ ހަތަރެސްފައި ބުރިކޮށް ސަލީބަށް އެރުވިއެވެ. އަދި ބޯބުރިކޮށް ލޮންސިއެއްގެ ކޮޅަށް ނަގައި ތަތާރުން ހިފަމުންދާ ޝާމުގެ ޝަހަރުތަކުގައި ހިންގުނެވެ. ފަހުން ދިމިޝްގުގެ ދޮރޯށި ދޮށުގައި މި ލޮންސި ނެގުމަށްފަހު ކައިރި މިސްކިތެއްގައި ވަޅުލެވުނެވެ.
ހަލަބު ހިސޯރުކުރުމަށްފަހު މުސްލިމުން އަމާންދީފިނަމަ އެބައިމީހުންނަށް އަމާންކަން ދޭނެކަމަށް ތަތާރުން އިއުލާންކުރިއެވެ. މިއިއުލާނާއިއެކު ހަލަބު ގިނަ ރައްޔިތުން ބޭނުންވީ އަމާންދިނުމަށެވެ. ސަބަބަކީ މިހާތަނަށް ތަތާރުން ކުރިއަރަމުން އަންނަ ބާރު މިނާއި އެބައިމީހުންގެ އަނިޔާވެރިކަން ދެކެބިރުންނެވެ. ނަމަވެސް، ވިސްނުންތޫނު ތޯރާން ޝާހު ވިސްނައި ދެމުންގެންދިޔައީ އެއީ ތަތާރުންގެ މަކަރުވެރި ހީލަތެއްކަމަށެވެ. ނަމަވެސް ތޯރާން ޝާހުގެ ނަސޭހަތް ގަބޫލުނުކޮށް ހަލަބުން ތަތާރުންނަށް އަމާންދިނެވެ.
ތަތާރުން ހަލަބަށް ވަދެވުމާއިއެކު ހުލާގޯގެ އަމުރު ނެރުނެވެ. ހުރިހާ މުސްލިމުން ގަތުލުކުރުމަށާއި ނަސާރާއިން މިނިވަންކަމާއިއެކު ދޫކުރުމަށެވެ. ހަލަބު ތަތާރުންނަށް ހުޅުވާލުމާއިއެކު ތޯރާން ޝާހާއި އިތުރު ބައެއް މުޖާހިދުން ހަލަބުގެ ކިއްލާއިން އަމާންކަން ހޯދިއެވެ. ނަމަވެސް، އެއްމަސް ދުވަސް ވަންދެން ކިއްޔާ ހިސޯރުކުރުމަށްފަހު އެކިއްލާވެސް ތަތާރުން ހިފިއެވެ. އަދި މުސްލިމުންތައް ގަތުލުކުރުމަށްފަހު ތޯރާން ޝާހު ޝަހީދުނުކޮށް އެމީހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. ހަލަބު ތަތާރުންގެ ބާރުގެ ދަށަށް އައުމަށްފަހު ހަލަބުގެ ވެރިއަކަށް ހިމްސްގެ އަމީރު އަލް އަޝްރަފު އައްޔަންކުރިއެވެ.
ހަލަބު ހިފުމަށްފަހު ދިމިޝްގަށް މިސްރާބު ޖެހުމުގެ ކުރިން ތަތާރުންނަށް ބައިއަތު ހިފާފައިވާ ފަރާތްތަކާއި އެކު މެދުއިރުމަތީގެ ވެރިކަންތަކާއި މަޝްރަހު އަލުން އެކުލަވާލުމަށް ބައްދަލުމެއް ބޭއްވުމަށް ހުލާގޯ ނިންމާ އެފަރާތްތަކަށް ދައުވަތުދިނެވެ. މިބައްދަލުވުން ހަލަބުގެ ހުޅަގުން އަންޓާކިޔާ، (މިހާރުގެ ތުރުކީގެ ރަށެއް) ގައި ބޭއްވިއެވެ. މިބައްދަލުވުމުގައި ހުލާގޯ ބައިވެރިވިއެވެ. އަދި ބައްދަލުވުމުގައި ހަލަބު ލޫޓުވި ލޫޓުވުމުގެ އަގުވަޒަންކުރިއެވެ. އަދި އަންޓާކިޔާގެ އަމީރު ދެއްވި އެއްބާރުލުމުގެ އަގުވަޒަންކޮށް އޭނާއަށް ލަޓާކިޔާގެ ވެރިކަންވެސް ހަވާލުކުރެވުނެވެ.
(ނުނިމޭ)
ޚިޔާލުތައް