ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ނުފެށި ލަސްވާތީ ޕްލޭނިން މިނިސްޓަރާއި ދެވަނަ ފަހަރަށް ސުވާލު ކުރުން މިއަދު މަޖުލީހުގައި

ފުވައްމުލަކު އިރު އުތުރު ފަރާތުން ރަށް ގިރުން އިތުރުވަނީ. ފޮޓޯ: ވަންފުވައްމުލައް
Share on facebook
Share on twitter
Share on google

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ނުފެށި ލަސްވާތީވެ އެކަމާއި ގުޅިގެން މިނިސްޓާ އޮފް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ދޮންބެ) ދެވަނަ ފަހަރަށް ސުވާލު ކުރުން މިއަދު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އޮންނާނެ ކަމަށް އެމްޕީ ރަޝީދު ހާމަކުރައްވައިފިއެވެ.

މިއަދު، 11 އޮގަސްޓް 2020 ވާ އަންގާރަ ދުވަހުގެ ބައްވާ ޖަލްސާގައި މެމްބަރު ރަޝީދު މިނިސްޓަރާއި ކުރައްވާ ސުވާލުތަކަކީ ފުވައްމުލަކު ގިރާ ސަރަޙައްދު ޙިމާޔަތްކުރުމަށް މިހާތަނަށް މި ސަރުކާރުން ކުރައްވާފައިވާ މަސައްކަތަކީ ކޮބައިތޯ އާއި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނުފެށި ލަސްވަނީ ކީއްވެގެންތޯ އެވެ. އަދި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށޭނެކަމަށް ލަފާކުރެވޭ ތާރީޚަކީ ކޮބައިތޯއެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ނުފެށި ލަސްވާތީވެ މީގެ ކުރިން މިއަހަރު ފެބްރުއަރީ މަހު 18 ގައި ވެސް މިނިސްޓަރު އަސްލަމު އާއި މަޖުލީހުގައި އެމްޕީ ރަޝީދު ސުވާލުކޮށްފައި ވެއެވެ. އެފަހަރު މިނިސްޓަރު އަސްލަމު ވިދާޅުވެފައި ވަނީ 2019 ވަނަ އަހަރު އޮކްޓޯބަރު މަހުގައި ހުޅުވާލި ބިޑަށް އެކަށީގެންވާ އިޖާބައެއް އެފަހަރު ނުލިބުނު ކަމަށެވެ.

“ޓެންޑާގައި ބައިވެރިވެވޭ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްކޮށްފައި ހުރުން ހިމެނޭ، އެކަމުގެ ސަބަބުން އަޅުގަނޑުމެންނަކަށް އެކަން ކުރެވޭ ގޮތަކަށް އެކަމެއްނުވި” މިނިސްޓަރު އަސްލަމު ވިދާޅުވިއެވެ. މިނިސްޓަރު އަސްލަމު ވިދާޅުވީ އަލުން ކްރައިޓީރިއާ ދަށްކުރުމަށްފަހު އިވެލުއޭޓް ކުރުމަށާއި އޯރިއޯއަށް ފޮނުވުމަށްޓަކައި ޓެންޑާ ބޯޑަށް މިހާރު ފޮނުވިފައިވާ ކަމަށެވެ.

ފުވައްމުލަކު އިރު އުތުރު ފަރާތުން ރަށް ގިރުން އިތުރުވަނީ. ފޮޓޯ: ވަންފުވައްމުލައް

ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ވާހަކައަކީ ފާއިތުވީ ތިން ސަރުކާރުން ވެސް ތަފާތު ގޮތްގޮތައް ވާހަކަދެކެވި އަމަލީ މަސައްކަތް ނުފެށިފައިވާ ޕްރޮޖެކްޓެކެވެ. މިނިސްޓަރު އަސްލަމު މިދިޔަ އަހަރު ވިދާޅުވީ ފާއިތުވެގެން ދިޔަ 8 އަހަރު ނުވަތަ 10 އަހަރު ދިޔައީ އެޕްރޮސެސް (ބިޑު ކުރުން) ނޫން ކަމަށާއި އެފަރާތުން ހަވާލުވިއިރު އޮތީ މަސައްކަތް އެހިސާބުގައި (ބިޑުކުރުން) ކަމަށެވެ.

ފާއިތުވި 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް އިންޓަނޭޝަނަލް ބީލަމަށް ހުޅުވާލިއެވެ. ފުވައްމުލަކުގެ ރައްޔިތުން ބުނަނީީ  ޕްލޭނިން މިނިސްޓަރު އަސްލަމު މިކަން ކުރިޔަށް ގެންދިއުމަށް ދެއްވާ ސަމާލުކަން މިއަދުގެ ޖަލްސާގައި ހާމަވެގެން ދާނެކަމަށެވެ.

ފުވައްމުލަކު އިރު-އުތުރު ފަރާތުން ރަށް ގިރާތީ ކަންބޮޑުވުން ފާޅު ކުރަމުން އަންނަތާ 11 ވަރަކަށް އަހަރަށް ވުރެވެސް ގިނަދުވަސްވެފައި ވެއެވެ. ބައެއްފަހަރު މަސައްކަތް ފެށޭ-ނުފެށޭ ހެން ވެސް ޚަބަރުތަކުން ހީވެއެވެ. ނަމަވެސް އަދިވެސް ފުވައްމުލަކުގެ ރައްޔިތުންނަށް މިމަސައްކަތުގެ އަމަލީ އެއްވެސް ކަމެއް ކުރާ ކަމުގެ ހިލަމެއް ވެސް ނުވެއެވެ.

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަކީ ފުވައްމުލަކު ގިނަ ރައްޔިތުންތަކެއްގެ އެދުމެކެވެ. އެގޮތުން، 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ރައީސް ނަޝީދު ފުވައްމުލަކަށް ކުރެއްވި ދަތުރުގައި ގިނަ ބަޔަކުވަނީ ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްނުކުރެވި ގިނަ ދުވަސްތަކެއް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ފާއިތުވި = 2018ގެ ރިޔާސީ ކެމްޕޭނުގެ ވައުދުތައް

ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތަކީ 2104 ވަނަ އަހަރަށް ވުރެވެސް ކުރިން ދައުލަތުގެ ބަޖެޓުގައި ޖަހަމުން އައި ޕްރޮޖެކްޓެއް ނަމަވެސް އަމަލީގޮތުން އެމަސައްކަތް ކުރެވިފައެއް ނުވެއެވެ. މިމަޝްރޫއަށް ނެދަލޭންޑް އެއިޑް އެޖޭންސީ (އޯރިއޯ) ގެ ހިލޭ އެހީގެގޮތުގައި 19.5 މިލިއަން ޔޫރޯ ހަމަޖެހި، އެއްބަސްވުމެއްގައި އެންމެ ފުރަތަމަ ސޮއިކުރީ 2014 ވަނަ އަހަރު ޑިސެމްބަރު މަހު 11 ވަނަ ދުވަހުއެވެ. އެ އެއްބަސްވުމުގެ ދަށުން އެއަހަރު ނިމެންވާ އިރަށް، ގިރާ ސަރަހައްދުތައް ދިރާސާކޮށް ހިމާޔަތްކުރަމަށް ޑިޒައިނެއް ތައްޔާރުކުރަން ޖެހޭގޮތަށް އޮތެވެ. އަދި އެމަޝްރޫޢުގެ އަމަލީ މަސައްކަތް 2016 ވަނަ އަހަރު ފަށަން ވެސް ނިންމާފައި ވެއެވެ. އަދި އެޕްރޮޖެކްޓްގެ ކޮންސަލްޓުންގެ ގޮތުގައި ރޯޔަލް ހަސްކޮނިން ޑީއެޗްވީ ކިޔާ ކުންފުންޏަކާއެކު އެއްބަސްވުމެއް ގާއިމު ކޮށް ސޮއިކޮށްފައި ވެސް ވެއެވެ.

އެ އެއްބަސްވުމުގައި އޮތްގޮތުން އެއްބަސްވުމުގައި ސޮއިކުރި 11 ޑިސެމްބަރު 2014 ވަނަ ދުވަހުން ފެށިގެން މަސައްކަތުގެ ތައްޔާރީތައް ފަށާނެއެވެ. އެގޮތުން ގިރާ ސަރަހައްދުތައް ސާވޭކޮށް ދިރާސާކުރުމާއި، ގޮޑުދޮށްތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ ޑިޒައިން މޮޑެލްތަކެއް ތައްޔާރުކޮށް އަމަލީ މަސައްކަތް 2015 ވަނަ އަހަރު ފަށަން ކަނޑައަޅާފައި ވިޔަސް އެކަމުގެ އެއްވެސް މަސައްކަތެއް ނުވެ 2014، 2015 ފާއިތުވެގެން ގޮސް 2016 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި ވެސް އެމަޝްރުއު ހިމަނާފައި ވެއެވެ.

ހުރިހާ ސަރުކާރު ތަކުންވެސް ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރާން މަސައްކަތ ކުރާކަމަށް ވިދާޅުވެ އެޕްރޮޖެކްޓްގެ ވާހަކަ ދައްކަވައެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރި ފަހުން ފާއިތުވެގެން މިދިޔަ 5 އަހަރުގެ ތެރޭގައި ވެސް މި މަޝްރޫޢުގެ ކުރިޔަށްދާގޮތެއް ނުއެވެ.

ފާއިތުވި 2019 ވަނަ އަހަރު ރައީސުލް ޖުމްހޫރިއްޔާ ފުވައްމުލައް ސިޓީގެ ކައުންސިލަރުންނާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫޢާ ގުޅޭ މައުލޫމާތުތަކެއް ދެއްވާފައި ވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުގެ ލިސްޓްގައި ފުވައްމުލަކަށް ކޮށްދެއްވަން ކަނޑައެޅުއްވި ކަންކަމުގެ ލިސްޓްގެ ކުރީގައި އޮތީވެސް ފުވައްމުލަކުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއެވެ. ނަމަވެސް ދެ އަހަރުވެގެން ދާއިރު މިކަމަށް ހައްލެއް ގެނެސްދޭން ކުރާ މަސައްކަތް އަދިވެސް ވަނީ ވާނުވާ ނޭގެ ހިސާބުގައެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގައި ތެރޭގައި ފުވައްމުލަކުގެ ގިރާ ސަރަހައްދުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ފެށުން ހިމެނެއެވެ. ނަމަވެސް އެމަސައްކަތުގެ އެއްވެސް ހިލަމެއް ރައްޔިތުންނަށް ނުވާތީ ފުވައްމުލަކުގައި ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ވަން-ފުވައްމުލަކުގެ ފަރާތުން 2019 ވަނަ އަހަރު ޖެނުއަރީ މަހު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތިމާވެއްޓާއި ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓާ ޑރ. އަބްދުﷲ ނަސީރު ވިދާޅުވެފައި ވަނީ އެކަން ނުފެށި ލަސްވަނީ މަޝްރޫއުގެ ފައިސާ ދޭ ދެފަރާތުގެ ކުޑަކުޑަ މައްސަލައެއް އުޅޭތީ ކަމަށެވެ.

“އެޕްރޮޖެކްޓަށް ބޭނުންވާ ފައިސާ ލިބިފައި ހުރި. އެހެންނަމަވެސް އެކަމުގައި ކުޑަކުޑަ މައްސަލައެއް އުޅޭތީ އެކަން ނުފެށިގެން އުޅެނީ” ޑރ. އަބްދުﷲ ނަސީރު ހަފުތާ ބަންދުގައި ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން ވިދާޅުވިއެވެ. އެކަންތައް ހައްލު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރައްވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮޖެކްޓަށް “ފައިސާ މިދެނީ ކުވޭތު ފަންޑުންނާއި ޔޫރަޕިއަން އޭޖެންސީ އަކުން (އޮރިއޯ އިން). ކުވޭތު ފަންޑުން ގަބޫލުނުކުރާ ކަންތައްތަކެއް އެބަހުރި. އެއީ އެމީހުން ފަންޑް ކުރާނީ އެމީހުން ބްލެކް ލިސްޓް ކުރެވިފައި ނެތް ތަނަކުން މަސައްކަތް ކުރަން ކަމަށް. އަނެއް އޭޖެންސީއިން އެކަމެއް ގަބޫލެއް ނުކުރޭ. އެއްވަރަކަށް ދެތާކުން ފަންޑު ކުރާއިރު އެ ދެބައިމީހުން އެއްގަލަކަށް އަރައިގެން ނޫނީ އަޅުގަނޑުމެންނަށް އެކަން ކުރެވެން ނެތް” ސްޓޭޓް މިނިސްޓަރު ތަފުސީލު ދެއްވިއެއެވެ.

ފުވައްމުލަކު އިރު އުތުރު ފަރާތުން ރަށް ގިރުން އިތުރުވަނީ. ފޮޓޯ: ވަންފުވައްމުލައް

No Article rating
0 Reviews
  1. 5
  2. 4
  3. 3
  4. 2
  5. 1
ގުޅުންހުރި ލިއުންތައް
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments