ބޮޑު ތަކުރުފާނު ވާހަކައަކީ އުތީމު މުހައްމަދު ތަކުރުފާނާއި އޭނާގެ ބައިވެރިން ޕޯޗުގީޒުން ބާރުގެ ދަށުން ދިވެހިރާއްޖެ މިނިވަން ކުރި ހާދިސާތައް ރަމްޒުކޮށް ދިނުމުގެ ގޮތުން ދިވެހި ބަހުން ކިޔަމުން އައި އަދި ފަހުން ލިޔެފައިވާ ވާހަކަ އެކެވެ. ވާހަކަ ކިޔާ މީހުންގެ ދޫދޫމަތިން މިވާހަކަ ތަފާތު އެކިގޮތް ގޮތަށް އެކި މީހުން ކިޔައިދެމުން އައިސްފައި ވެއެވެ.
ދޫދޫމަތިން ކިޔައިދެމުން ދިޔަ ވާހަކަތަކުގެ ތެރެއިން އެންމެ ކުރިން ލިޔެވި ޗާޕުކުރެވިފައިވާ ފޮތެއްގެ ގޮތުގައި ފެންނަން އޮތީ ބުރާރު މުހައްމަދު ފުޅު ކިޔާގޮތަށް ގެނެސްފައިވާ ވާހަކަ ފޮތެކެވެ. އެފޮތް ލިޔުނު އަދި ޗާޕުކުރި ތާރީޚް އެނގޭ ގޮތެއް ނުވިއެވެ. ދެން ފެންނަން އޮތީ ހިޖުރައިން 1359 ގައި ހުސޭން ސަލާޙުއްދީނު ލިޔުއްވާފައިވާ “ސިރީސަވާދީއްތަ މަހާރަދުން” ނުވަތަ ބޮޑުތަކުރުފާނު ވާހަކަ ފޮތެވެ.
މިނޫން ގޮތްގޮތަށް ވެސް ތަފާތު މީހުންގެ ދޫދުމަތިން މިވާހަކަ ކިޔަމުން ގޮސްފައި ވެއެވެ. އެގޮތުން ބައެއް ވާހަކަތަކުގެ އޯޑިއޯ ވެސް މިހާރު ‘ޔޫޓިއުބު’ އިންނާއި ‘ލަވަފޮށި’ އަދި މީނޫންވެސް އެކި މީޑީއާތަކުން ލިބެން އެބަހުއްޓެވެ.
މިވާހަކައަކީ ވެސް މިފަދަ އެހެން ވާހަކަ ތަކެކޭ އެއްގޮތަށް ފޯކްލޯރުގެ ގޮތުގައި ބެލެވޭ ވާހަކައެކެވެ. ތާރީޚީ ހާދިސާތަކަށް އެކި ބައިތައް އިތުރުކޮށް، އެބަޔަކަށް އަޑުއިވި އެނގިފައިވާ ގޮތަކަށް ‘ފޮނިތޮށި ކާފޫރުތޮޅި’ ލައި ރަހަ ޖައްސަމުން ގެންގޮސްފައިވާ ވާހަކަ ވާހަކައެއް ކަން އެންގެނީ އެކި ވާޝަންތަކުގައި ހުންނަ ބޮޑެތި ތަފާތުތަކާއި ބުއްދީގެ ހަމަތަކާއި ބައެއް ފަހަރު ތައާރަޒުވާ ވަރަށް ކަންކަން ހިމެނިފައި ހުންނާތީއެވެ.
އެގޮތުން ބޮޑުތަކުރުފާނުގެ ވާހަކައިގެ ކުރީކޮޅުން ފާހަގަ ކުރެވޭ ދެ ތިންކަމަކަށް ބަލާލާނަމެވެ. ބޮޑުތަކުރުފާނު ވާހަކައިގެ އޯޑިއޯ ޔޫޓިއުބު ވާޝަނެއްގެ ފުރަތަމަ ބައިގައި ބުނާގޮތުން ހިލާލީދަރިކޮޅު އުސްމާނު ރަސްގެފާނުގެ ދުވަސްވަރުގައި ނ .ލަންދޫގައި ފަގީރުކޮއިގެ ހަސަނު ހުރި ދުވަސްވަރު މީހަކު ނެތް ރަނާއި ރިހި އަދި ޖަވާހިރުން ފުރާލާފައި ނަވެއްގެ އެރަށަށް ލައްގާމުން އަންނަނިކޮށް އޭނާއަށް ލިބިގެން ވާހަކަ ފާހަގަކުރަމެވެ.
ދެވަނަ ކަމެއްގެ ގޮތުގައި ހިލާލީ ދަރިކޮޅުގެ 10 މީހުން 10 ދުވަހު، ( ކޮންމެ ރެއަކު އެކަކު މަރާފައި އަނެކަކު) ރާއްޖޭގެ ރަސްކަން ކުރަމުން ދިޔަ ވާހަކައެވެ. އަދި 3 ވަނަ ކަމެއްގެ ގޮތުގައި ހާޖީ ހަސަން ރަސްގެފާނުގެ ވެރިކަން ބީވެގެން ދިޔާ ހާދިސާގެ ވަރަށް ގިނަ ކަންތައްތައް ފާހަގަަކުރެވެއެވެ. އެގޮތުން އަމިއްލަ ފައިގައި ދޮންދަނގަޑު ޖެއްސުމާއި ފެންގަނޑެއްގައި ބެހެއްޓުމުން ވެސް ފިނިކަން އިހުސާސު ނުވުން ހިމެނެއެވެ. މިބަޔާން ކުރެވުނީ އަދި ބޮޑުތަކުރުފާނުގެ ވަހަކައިގައި އަސްލާއި ހަމަޔަށް ނުދަނީސް ދިމާވާ ކަންތައްތަކުން ކުޑަމިންވަރެކެވެ.
ނަމަވެސް މިވާހަކަތައް ބިނާވެފައި ވަނީ އަސްލެއްގެ މައްޗަށް ކަން ތާރީޚި ލިޔުންތައް ދިރާސާކުރުމުން ޝައްކެއް ނެތް މިންވަރަށް ސާބިތުވެއެވެ.
މިވާހަކާގައި ބޮޑެތި ތަފާތުތަކެއް ހުންނަން ދިމާވާ އެއް ސަބަބު ކަމަށް ބެލެވެނީ މިވާހަކަ ދޫދޫމަތިން ކިޔައިދިނުން ފެށިފައި ވާނެކަމަށް ވެސް ބެލެވެނީ އަސްލު ހާދިސާގެ އެތައް ޖީލެއްގެ ފަހުން ކަމަށް ބެލެވޭތީއެވެ. އަދި ވާހަކަ ލިޔެފައި މިވަނީ އަދި އެތައް ގަރުނެއް ފަހުން ކަމަށް ވާތީއެވެ.
ކޮންމެއަކަސް ތާރީޚީ ލިޔުންތަކުން އެނގޭ ގޮތުގައި މުހައްމަދު ތަކުރުފާނު (ބޮޑު ތަކުރުފާނު) ރާއްޖެ ޕޯޗްގީޒުންގެ ބާރުގެ ދަށުން ސަލާމަތް ކުރެއްވި ދުވާހާއި މެދު ތަފާތުތަކެއް އެބަހުއްޓެވެ. ބައެއް ލިޔުންތަކުގައި ބޮޑުތަކުރުފާނު ވާހަކަ ކިޔައިދިން ބުރާރަކޮއި (ބުރާރަ މުހައްމަދުފުޅު) އާއި ހަވާލާދީ އެ ތަކުރުފާނު އަނދިރި އަނދިރިން (އެންޑްރިއަސް އެންޑްރިއަސް) ގަތުލުކުރެއްވި ކަމަށް ބުނަނީ ހިޖުރައިން 981 ވަނަ އަހަރު 4 ރަޖަބު (1573މ. އޮކްޓޯބަރު 30) ގައެވެ. ނަމަވެސް، ގިނަ ބަޔަކު ބުރަވަނީ އެއަހަރު ރަބީއުލްއަވަލް މަހު 1 ވަނަ ދުވަހު ކަމަށެވެ. އެއީ މީލާދީ ތާރީޚުން 1573 ވަނަ އަހަރު ޖުލައި މަހު 2 ވަނަ ދުވަހެވެ. މިއަދާއި ހަމަޔަށް މިވަނީ (މީލާދީ ގޮތުން 447 އަހަރު، 447=1573-2020)، ހިޖުރި ގޮތުން 461 އަހަރު (461=981-1442) ގާތްގަޑަކަށް 5 ގަރުނު ވެފައެވެ.
ދިވެހިރާއްޖޭގައި ގައުމީ ދުވަސް ފާހަގަ ކުރން ފަށާފައި ވަނީ ވެސް މި ހާދިސާގެ ގާތްގަޑަކަށް 4 ގަރުނު ފަހުން، 1365ހ. (384=1365-981) ގައެވެ. އެއީ މީލާދީ ގޮތުން 1946 ވަނަ އަހަރު އަހަރުގެ ފެބްރުއަރީ 4 ދުވަހެވެ. އާދެ! (373=1573-1946) 373 އަހަރު ފަހެވެ.
މި އަހަރު ދިވެހިރާއްޖޭގައި މި ފާހަގަ ކުރަނީ 77 ވަނަ (77=1365-1442) ޤައުމީ ދުވަހެވެ. އެއި މިދުވަސް ފާހަގަ ކުރަނީ ހިޖުރީ ކަލަންޑަރަށް ބަލައިގެން ކަމަށްވާތީއެވެ. މިއަހަރުގެ ޤައުމީ ދުވަސް މީލާދީ ގޮތުން ދިމާ މިވަނީ 18 އޮކްޓޯބަރު ވާ އާދިއްތަ ދުވަހަށެވެ.
ޕޯޗުގީޒުން ދިވެހިރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެނައުމަށް އަބޫބަކުރު ދޮންބުޅާފާށަނާ ރަސްގެފާނު އަވަހާރަ ކޮށްލާފައިވެއެވެ. ނަމަވެސް އެފަހަރު ދިވެހިރާއްޖެ އެމީހުގެ ބާރުގެ ދަށަކަށް ނުގެންދެވުނެވެ. ޕޯޗުގީޒުންގެ ޞާރުގެ ދަށަށް ރާއްޖެ ދިޔައީ އަލީ ރަސްގެފާނުގެ ކުރު ރަސްކަމުގައި އެރަސްގެފާނު ހަނގުރާމާގައި ޝަހީދުވެގެންނެވެ. ޕޯޗުގީޒުންގެ ބާރުގެ ދަށުގައި ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަސް ވަންދެން އޮތެވެ. އެމީހުން ރަސްކަން ކުރަމުން ދިޔައީ 9 ވަނަ ހަސަން ރަސްގެފާނުގެ ނަމުގައެވެ. ޕޯޗުގީޒުން ބާރުގެ ދަށުން ދިވެހިރާއްޖެ ސަލާމަތްކުރަން ބޮޑުތަކުރުފާނުގެ ޓީމުން ކުރި ގެރިއްލާ ހަނގުރާމަ 5 އަހަރަށް ދެމިގެންދިޔަ އެވެ. އެއަށް ފަހު، ބޮޑުތަކުރުފާނު (އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނު) ރާއްޖޭގެ ރަސްކަން 12 އަހަރު ވަންދެން (ބޮޑުތަކުރުފާނު އަވަހާރަ ވަންދެން) ކުރެއްވިއެވެ. އެއިގެ ފަހުގައި އުތީމު ދަރިކޮޅުގެ ރަސްކަން ރާއްޖޭގައި ފެށިގެން ދިޔައެވެ.
ބޮޑުތަކުރުފާނަށް ފަހު އުތީމު ދަރިކޮޅުން 13 ރަސްކަލަކު ރާއްޖޭގެ ރަސްކަން ކުރައްވާފައި ވެއެވެ. އެއީ މީލާދީ ގޮތުން 96 އަހަރު (96=1573-1669މ.) ދުވަހެވެ.
ގައުމީ ދުވަސް ފާހަގަ ކުރުމުގެ ބޭނުމަކީ ގައުމިއްޔަތު ދިރުވާ އާލާ ކުރުމެވެ.
ރާއްޖޭގެ ވެރިކަމާއި ރާއްޖޭގެ އެތެރެއިން ތޮޅެން ހަދައިގެން ރާއްޖޭގެ މިނިވަން ކަމަށް އެތައް ފަހަރަކު ބުރޫ އަރާ، ދެ ތިން ފަހަރަކު މިނިވަންކަން ގެއްލިފައި ވެއެވެ.
ރާއްޖޭގެ ތާރީޚު އެދުވަސްވަރު ލިޔެފައި ވަނީ ކަމުގެ ހިނގާދިޔަ ގޮތް ހަގިގަތަށް ހާމަކުރުމަށް ވުރެ ބޮޑަށް އެކަމެއްގައި ކާމިޔާބު ހޯދާ ފަރާތަކަށް ތައުރީފުކުރާ ގޮތަށާއި އެކަމެއްގައި ނާކާމިޔާބު ވާ ބަޔަކީ ޣައްދާރުން ކަމުގައި ދެއްކުމުގެ މޭރުމަކުން ކަން ހާމަވެއެވެ.
ޚިޔާލުތައް