މިއަދު ފުވައްމުލައް ސިޓީގައި ގައުމީ ދުވަސް ފާހަގަ ކުރީ މުޅިން ތަފާތުކޮށް ދިވެހިންގެ ތާރީޚީ ހަނދާންތަކާއެކު ދެކުމާދިއުމަކުންނެވެ. ފުވައްމުލައް ސިޓީގެ ދައުލަތުގެ މުއައްސަސާތައް ގުޅިގެން މިއަދު ދެކުމާ ދިޔައީ މިދިޔަ ބުރާސްފަތި ދުވަހު ފެށި ފުވައްމުލައް ސިޓީ ނާއިބު ތުއްތު ހިނގުމުގައި އަލުން ތާރު އަޅަން ފެށުމާއި ގުޅިގެން އެކަން އެކަން ފާހަގަ ކުރުމުގެ އުފަލުގައެވެ. ދެކުމާ ދިޔައީ 15 އަހަރަށް ފަހު އަލުން ތާރު އަޅާން ފެށި ހިސާބު، މާނޭރެ ހިސާބަށެވެ.

މިއަދު ހެނދުނު ދެކުމާ ދިޔައީ ތާރުމަގަށް. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ދެކުމާ ދިއުން ނުވަތަ ފުވައްމުލަކު ބަހުން “ދެކުމަހަ ގެއުން” އަކީ އެ ކޮމިއުނީޓީއެއްގައި ބޮޑެތި ކަންތައްތައް ފެށުމާއި ނިމުން ފާހަގަ ކުރުމުގެ ގޮތުން ކުރީ ޒަމާނުގައި މުޅި ރާއްޖޭގައި ވެސް ގެންގުޅުނު ރީތި އާދައެކެވެ. ޚާއްސަކޮށް ފުވައްމުލަކުގެ ތާޜީޚުން އެކަން ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. ދެކުމާ ގެންދަނީ އެދުވަސްވަރެއްގައި އާއްމުކޮށް ގެންގުޅޭ ހަދިޔާގެ ބާވަތްތަކެވެ. އެގޮތުން ކުރީ ޒަމާނުގައި ބޮޑަށް ބޭނުންކޮށްފައި ވަނީ ކާބޯތަކެތީގެ ބާވަތްތަކާއި އެކި ވައްތަރުގެ ‘ފަރިވަޅު’ ތަކެވެ.

ދެކުމަށް ފަރިވަޅުތައް އުފުލީ ތަންޑިއާލައިގެން، ފޮޓޯ: ފވމ ސިޓީ ކައުންސިލް
ރަށުގެ ކަމުވޮށިގެން ވާ އެންމެ ނަލަހެދިގެން އެކުގައި އެއް ރޫހެއްގައި ގައުމީ ހެދމުގައި ފެނިގެން ދިއުމަކީ ގިނަ ބަޔަކަށް އެކަމުގެ އުފަލާއި ހިތްހަމަޖުހުން ލިބިގެން ދިޔަ ކަމެކެވެ. މުޖުތަމިއުގެ އެއްބައިވަންތަކަން އިތުރަށް ބަދަހިކޮށްދިން ކަމެކެވެ. މިއަދުގެ ދެކުމާދިއުމުގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ މިސަރުކާރުގެ އެޑިއުކޭޝަން މިނިސްޓރީގެ ސްޓޭޓް މިނިސްޓަރ އާތިޔާ ނަސީރު އާއި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފުގެ އިތުރުން ގިނަ އަދަދެއްގެ މީހުން ބައިވެރިވިއެވެ.

ދެކުމާ ދިއުން ފެށުމަށް ތައްޔާރުވެފައި، މެޔަރު ފަލާޙު ޑެޕިއުޓީ މިނިސްޓަރ ޚާލިސް ޝަރީފު، ފޮޓޯ: ފވމ ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީ ކައުންސިލުން އިންތިޒާމު ކުރި މިއަދުގެ ދެކުމާ ދިއުން ފެށިގެން ދިޔައީ ފުވައްމުލަކު ރަސްމީ ބޯޅަ ދަނޑަށް މުއައްސަސާތުގެ ބޭފުޅުން ހާޒިރުވެ އެތަނުން ހިނގާފައި އޯކިޑުމަގުން ގޮސް ޣާޒީަގުން ދެކުނަށް ގޮސް މާނޭރެ ސަރަހައްދަށެވެ. ދެކުމާދިއުމުގެ ރައްސިއްޔާތު ބޭއްވީ އަލަށް ތާރު އަޅަން ފެށި ހިސާބުގައެވެ. ދެކުމާއި ހަވާލުވީ ތާރު އެޅުމުގެ މަސައްކަތް ކުރާ އެމްޓީސީސީގެ ފަރާތުންނެވެ. މިރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ މޭޔަރު ފަލާޙު ޝަރީފުގެ ވާހަކަ ދެއްކެވި އިރު ގައުމީ ދުވާހާއި ގުޅުވައިގެން ވާހަކަ ދެއްކެވީ ސިޓީ ކައުންސިލްގެ ޑިރެކްޓަރ އަހުމަދު މުހައްމަދު (މީނާޒް) އެވެ.

މުއައްސަސާތަކުން ޓީމު ޓީމުގައި މިއަދު ދެކުމާ ދިއަ. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ދެކުމާދިޔައީ ހިނގާފައެވެ. ގައުމީ ލަވަޔާއިއެކު ގައުމީ ދިދަތަކާއި ގައުމީ ހެދުންތަކުން އަންހެންނާއި ފިރިހެނުންގެ ހިތްތަކުގައިވާ ޝުއޫރުތައް މޫނުމަތިން ފެނިގެންދިޔައީ އުފާވެރިކަމާއި ހިނިތުންވުމެވެ.
ރާއްޖޭގެ ގައުމީ ދުވަސް ފާހަގަ ކުރަނީ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ 15 އަހަރުން އުތީމު ތިންބެއިން ރާއްޖެ ސަލާމަތްކުރެއްވި ރަބީީއުލް އައްވަލް މަހު 1 ވަނަ ދުވަހެވެ.

ދެކުމާއި ގެންދިޔަ ތަކެތި ހަވާލުކުރީ މަގުހެދުމުގެ މަސައްކަތް ކުރާ އެމްޓީސީސީއާއި. ފޮޓޯ: ފވމ ސިޓީ ކައުންސިލް
ފުވައްމުލައް ސިޓީ ކައުންސިލް: ވީޑިއޯ
ޚިޔާލުތައް